އާޒިމާގެ ޕާސްޕޯޓު ހިފަހައްޓާފައެއް ނުވާނެ: އިމިގްރޭޝަން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސާ އައިޝަތު އާޒިމާ ޝަކޫރު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސާ އައިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓު ހިފަހައްޓާފައި ނުވާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އާޒިމާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން ވެއްޖިއްޔާ ޕީޕީއެމްގެ ނައިބު ރައީސާ އާޒިމާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) "ސަން"އާ ވާހަކަ ދައްކަވަމުން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އާޒިމާގެ ޕާސްޕޯޓު އިމިގްރޭޝަނުން ހިފަހައްޓާފައި ނުވާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނުނު ބުނާ ގޮތުން، ޕާސްޕޯޓު ހިފަހައްޓަން ނެރޭ އަމުރެއް ތަންފީޒު ކުރެވޭނީ އެ އަމުރު ނިސްބަތްވާ މީހާއަށް އެ އަމުރުގެ ކޮޕީއެއް ދިނުމަށްފަހު އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ބ)

  • ޕާސްޕޯޓު ހިފަހައްޓަން ނެރޭ އަމުރެއް ތަންފީޒު ކުރުމަށްޓަކައި އެ އަމުރު ނެރޭ ތާރީހުގައި އެ އަމުރުގެ އެއް ކޮޕީ މޯލްޑިވްސް އިމިގްރޭޝަނަށް ގާނޫނު ތަންފީޒު ކުރާ އިދާރާއިން ފޮނުވަން ވާނެ އެވެ. އަދި ހަމައެއާ އެކުއެކީގައި އެ އަމުރުގެ ކޮޕީއެއް އެ އަމުރު ނިސްބަތްވާ މީހާއަށް ވެސް އެ ތާރީހުގައި ދޭން ވާނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ، އާޒިމާ މި ވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށެވެ. އާޒިމާ ފޯނު ނިންވާލާފައި އޮތުމުން، އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ދެ ދައުވާ އެކެވެ. އެ ދެ ދައުވާ އަކީ މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީނަށް މަނީ ލޯންޑަ ކޮށްދިނުމަށް އެހީތެރިވުމުގެ ތުހުމަތުގަ އެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ކޮށްފައި ވަނީ ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައާ ގުޅޭ ގޮތުން ތަހުގީގީ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގަ އެވެ.

މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާޒިމާގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލާފައިވާ އިރު އެ މައްސަލަ ސާބިތުވެއްޖެ ނަމަ 50،000 ރުފިޔާ އާއި ،500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމާނާ ކުރެވިދާނެ އެވެ. ނުވަތަ ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ޖަލު ހުކުމެއް އިއްވި އެވެ. ނުވަތަ އޭނާ ޖޫރިމާނާ ކުރުމާ އެކު ޖަލަށް ލުމަށް ވެސް ހުކުމް ކުރެވިދާނެ އެވެ.

ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލުމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވާ އިރު، އެ މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް