"ޝިމާ އޮޔާ ގެންދިޔައީ ޕެޓްރޯލް ޓޭންކްގައި ހިފަހައްޓައިގެން އޮއްވާ"

ޝިމާ: ފޮނަދޫ އިން މާމެންދޫއަށް އަންނަނިކޮށް އޭނާ ދަތުރުކުރަމުން ދިޔަ ޑިންގީ ބަންޑުން ޖަހާލައި ޝިމާ ވަނީ ގެއްލިފައި ---

ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލިގެން ހޯދަމުން އަންނަ އިރު ޑިންގީ ދުއްވި އިބްރާހިމް ފަޒީލް ވަނީ ފަތާފައި ކައިރީގައި އޮތް ރިސޯޓަށް އަރައިފަ އެވެ. އެ ހާދިސާ ހިނގައި ދިޔަ ގޮތް އޭނާގެ އެކުވެރިޔަކު "ސަން"އަށް ވަނީ ކިޔައި ދީފަ އެވެ.

ރިސޯޓެއްގައި މަސައްކަތް ކުރުމަށް ފަހު ޝިމާ މާލެއިން ކައްދޫއަށް ދިޔައީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ފުލައިޓުން ކަމަށް އޭނާގެ އެކުވެރިޔަކު ކިޔައި ދިނެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު މާމެންދު އަށް އައުމަށް ފެރީ ނެތުމުން ޑިންގީއެއްގައި މާމެންދު އަށް އައުމުގެ ކުރިން އެ އަތޮޅު ފޮނަދު އަށް ދިޔަ ކަމަށް ވެސް ޝިމާގެ އެކުވެރިޔާ ބުންޏެވެ.

މާމެންދު އަށް ދިއުމަށް ފޮނަދޫން ޝިމާ ފުރީ، އެ އަތޮޅު ގަން، އިބްރާހިމް ފަޒީލްއާ އެކު ހުކުރު ދުވަހުގެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށް ކަމަށް ފަޒީލްގެ އެކުވެރިއެއް ކިޔައި ދިނެވެ. ފޮނަދޫން ނައްޓާލައިގެން ގާދޫ ކަނޑުން ނައްޓައި ސިކްސް ސެންސެސް ލާމު ރިސޯޓާ ގާތް ވެފައި ވަނިކޮށް ޕެޓްރޯލް ހުސްވުމުން މަޑުކޮށްފައި ޓޭންކަށް ޕެޓްރޯލް އަޅަން އުޅެނިކޮށް ޖެހި ރާޅަކާ ޑިންގީ ބަންޑުން ޖަހާލި ކަމަށް ފަޒީލް ބުނެފައިވާ ކަމަށް އޭނާގެ އެކުވެރިޔާ ކިޔައި ދިނެވެ.

"[ޑިންގީ] ބަންޑުން ޖަހާލުމުން އަންހެން ކުއްޖާ ނަގައި ޑިންގީ މަތީގައި ބައިންދާފައި، ޕެޓްރޯލް ޓޭންކުން ޕެޓްރޯލް ހުސްކޮށްފައި އަންހެން ކުއްޖާގެ އަތަށް ޓޭންކް ދޭން އުޅެނިކޮށް ޑިންގީ އަޑިއަށް ދިޔައީ. [ޑިންގީ އަޑިއަށްދާން] ފެށީމާ ކުއްޖާ އަތަށް ޕެޓްރޯލް ޓޭންކް ހުސްކޮށްފައި މަތިޖަހާފައި ދިން، އެކަމަކު ދެން އަތެއް ނުވި އޮއި ބާރުކަމުން،" ފަޒީލްގެ އެކުވެރިޔާ ކިޔައިދިނެވެ.

ފަޒީލްއާއި ޝިމާ ދަތުރުކުރަމުން އައި ޑިންގީ ބަންޑުން ޖަހާލީ ސިކްސް ސެންސް ރިސޯޓާއި ގާދޫއާ ދޭތެރެއަށް --- ގޫގުލް އިމޭޖަސް

އެ ސަރަހައްދަކީ ކަނޑު މަޑުއިރު ވެސް އޮއިބާރު ސަރަހައްދެއް ކަމަށް އޭނާ ބުންޏެވެ. އެ ވަގުތަކީ އިރު އޮއްސުނު ވަގުތު ކަމަށްވީ ނަމަވެސް ކޮންމެ ވެސް ވަރަކަށް ފެންނަ ވަރަށް އަލިކަން ހުރިކަމަށް ފަޒީލް ކިޔައިދިން ކަމަށް އެކުވެރިޔާ ބުންޏެވެ.

"އޭނާ (ފަޒީލް) ބުނީ އޭނާގެ ލޮލަށް ގެއްލުނު އިރު ވެސް އެ އަންހެން ކުއްޖާ (ޝިމާ) އޮތީ ހަމުގައި ބައްދައިގެން ކަމަށް،" އެކުވެރިޔާ ކިޔައި ދިނެވެ.

ގަދަ އޮއިގައި ޝިމާ އަތުޖެހޭތޯ ފަޒީލް މަސައްކަތް ކުރި ނަމަވެސް އޭނާގެ ލޮލަށް ގެއްލުމުން ފަޒީލް މިސްރާބު ޖެހީ ކައިރީގައި އޮތް ސިކްސް ސެންސެސް ރިސޯޓާއި ދިމާލަށެވެ. އިރު އޮއްސުނު އިރު ފަތަން ފެށި ގޮތަށް ފަޒީލަށް އެ ރިސޯޓާއި ހަމައަށް ވާސިލް ވެވުނީ ރޭގަނޑު 9:30 ވަނިކޮށެވެ.

ގާތްގަނޑަކަށް ދެ ގަޑި އިރު ގަދަ އޮޔާ ދެކޮޅަށް ފެތުމަށް ފަހު ސިކްސް ސެންސެސް ރިސޯޓަށް ދެވުނު އިރު ފަޒީލް އޮތީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. ނަމަވެސް އޭނާ ވަނީ ރިސޯޓުން މީހެއްގެ އަތުން ފޯނެއް ހޯދުމަށް ފަހު އޭނާގެ އެކުވެރިޔާއަށް ގުޅައި އެމްއެންޑީއެފަށް ރިޕޯޓްކޮށް ޝިމާ ހޯދުމުގެ މަސައްކަތްކުރުމަށް އެދިފަ އެވެ.

" ޓޭންކުން ޕެޓްރޯލް ހުސްކުރަން އުޅުމުގެ ތެރޭގައި ތެލުގެ އަސަރުކޮށްގެން ވަރަށް ބޮޑަށް އޭނާ އޮތީ ދުޅަވެފައި،" އެކުވެރިޔާ ކިޔައިދިނެވެ.

ގަމު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަޒީލަށް ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ރަނގަޅު ކަމަށް އެކުވެރިޔާ ބުންޏެވެ.

ޝިމާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންގެ އިތުރުން މާމެންދޫ ކައުންސިލާއި ރައްޔިތުން ވެސް އަންނަނީ ކުރަމުންނެވެ. އަދި ކައިރި ރަށްތަކުން ވެސް ޝިމާ ހޯދުމުގެ މަސައްކަތުގައި ބައިވެރިވަމުން އަންނަކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

comment ކޮމެންޓް