ނަޝީދުގެ ހަތަރު އެކައުންޓެއްގައި ޖުމްލަ 5.4 މިލިއަން ރުފިޔާ

ފެބްރުއަރީ 7، 2019: ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަމުގައި ހުރި ހަތަރު ބޭންކު އެކައުންޓެއްގައި ޖުމްލަ 5.4 މިލިއަން ރުފިޔާ ހުރިކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން އިއްވެ ވަނީ މާލީ ބަޔާން އާންމު ކުރައްވައިފައެވެ. އޭގެ ތެރޭގައި ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

މާލީ ބަޔާނުން ދައްކާ ގޮތުގައި ނަޝީދުގެ ނަންމަތީގައި ހަތަރު ބޭންކު އެކައުންޓު ހުރެއެވެ. އެ ހަތަރު އެކައުންޓަކީ އެމަނިކުފާނު ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެސްބީއައި، އަދި ލަންޑަންނުގެ ލޮއިޑްސް ބޭންކުގައި ހުޅުވާފައި ހުރި އެކައުންޓުތަކެވެ. އޭގެ ތެރެއިން އެސްބީއައިގައި ހުޅުވައިފައި ހުރި އައުންޓަކީ ޖޮއިންޓު އެކައުންޓެކެވެ.

  1. ބީއެމްއެލްގެ އެކައުންޓު: 295.85 ރުފިޔާ
  2. އިސްލާމިކް ބޭންކުގެ އެކައުންޓު: 19،900.18 ރުފިޔާ
  3. އެސްބީއައިގެ އެކައުންޓު: 5،400،294.24 ރުފިޔާ
  4. ލޮއިޑްސް ބޭންކުގެ އެކައުންޓު: 20،144.91 ޕައުންޑް (405،707.63 ރުފިޔާ)

މާލީ ބަޔާނުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ރައީސް ނަޝީދަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައި ވަނީ ކުރީގެ ރައީސުންގެ އިނާޔަތުގެ ފައިސާގެ ގޮތުގައި ދައުލަތުން ދޭ 100،000 ރުފިޔާއެވެ.

އޭގެ އިތުރުން، ލ. ގަމުގައި އޮންނަ 4،700 އަކަފޫޓުގެ ބަންޑާރަ ގޯއްޗަކާއި ކ. ތުލުސްދޫއިން 2،000 އެކަފޫޓްގެ ބަންޑާރަ ގޯއްޗެއެއް އެމަނިކުފާނުގެ މިލްކިއްޔާތުގައި އޮވެ އެވެ. ތުލުސްދޫގައި އޮތް ގޯއްޗަކީ އެމަނިކުފާނާއި އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންގެ ނަން މަތީގައި، އޮންނަ ގޯއްޗެކެވެ.

comment ކޮމެންޓް