ޖަޕާނުގެ ޖައްވީ އުޅަނދެއް އެސްޓްރޮއިޑެއްގައި ޖައްސައިފި

ހަޔަބޫސާ ޖައްސާފައި ވަނީ ރިޔޫގޫ ކިޔާ އެސްޓްރޮއިޑެއްގައި -- ފޮޓޯ: އޭޕީ

ޖަޕާނުގެ ޖައްވީ އުޅަނދެއް ދުނިޔެއާ 280 މިލިއަން ކިލޯމީޓަރު ދުރުގައި އޮތް އެސްޓްރޮއިޑެއްގައި ޖައްސައިފިއެވެ.

ޖަޕާނުން ޑިސެމްބަރު 2014އިގައި ލޯންޗު ކުރި ހަޔަބޫސާ 2 ޖައްވަށް ފޮނުވީ ރިޔޫގޫ ކިޔާ އެސްޓްރޮއިޑަކުން ސާމްޕަލްތަކެއް ނެގުމަށެވެ. އަދި އެއުޅަނދަށް ރިޔޫގޫއާ ގާތަށް ދެވުނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.

ޖަޕާންގެ ޖައްވީ އިދާރާ ޖަކްޒާއިން ބުނި ގޮތުގައި އެގައުމުގެ އުޅަދު ރިޔޫގޫގައި ޖެއްސީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ އެސްޓްރޮއިޑުން ސާމްޕަލް ނެގުމަށްޓަކައި، އިއްޔެ ހަޔާބޫސާއިން ވަނީ ހާއްސަ ދަގަނޑަކުން އުފައްދާފައިވާ ވަޒަނެއް ރިޔޫގޫއާ ދިމާލަށް ޖަހާފައެވެ. އަދި އެ ވަޒަނުގެ ސަބަބުން އުފެދޭ ވަޅުގަނޑުން ހިލަކޮޅެއް ނެގޭނެ ކަމަށް ޖަކްޒާއިން ބުންޏެވެ.

ހަޔަބޫސާ އެސްޓްރޮއިޑުގައި ޖެއްސުމުން ޖަޕާންގެ ޖައްވީ އިދާރާގެ މުވައްޒަފުން އުފާ ފާޅު ކުރަނީ -- ފޮޓޯ: އޭއެފްޕީ

ހަޔަބޫސާއިން އިއްޔެ ނެގި ސާމްޕަލްތަކަށް ފަހު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިތުރު ސާމްޕަލްތަކެއް ނަގައިގެން ދުނިޔެއަށް އަންނާނީ އަންނަ އަހަރެވެ.

ސައިންސުވެރިން އުންމީދު ކުރަނީ ރިޔޫގޫއިން ލިބޭ ސާމްޕަލްތަކުން ސޯލާ ސިސްޓަމް އުފެދުނު ގޮތާ ބެހޭ އާ މައުލޫމާތު ހޯދޭނެ ކަމަށެވެ.

comment ކޮމެންޓް