އިންސާފު ކަށަވަރުކުރުމަށް ޝަރީއަތްތައް އަވަހަށް ނިންމަން ޖެހޭ: ހުތުބާ

ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓު: އިންސާފު ކަށަވަރު ކުރުމަށް ދައުވާ ކުރެވޭ މައްސަލަތަކުގައި ޝަރީއަތްތަށް އަވަހަށް ނިންމަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައި -- ފައިލް ފޮޓޯ/ ގެޓީ އިމޭޖްސް

އިންސާފު ކަށަވަރު ކުރުމަށްޓަކައި، ދައުވާ ކުރެވޭ މައްސަލަތަކުގައި ޝަރީއަތްތައް އަވަހަށް ނިންމަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުން އިއްވާފައިވާ ހުތުބާ ބިނާކޮށްފައިވަނީ "އަދުލު އިންސާފު ލިބުމަކީ މުޖްތަމައުގެ ހަމަހަމަކަން" މި މައުޟޫއަށެވެ.

ހުކުރު ހުތުބާގައި ބުނީ، ދައުވާ ކުރެވޭ މައްސަލަތަކުގައި ޝަރީއަތްތަކުގެ ޝަރީއަތް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ގާއިމު ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ކުށެއް ނުކުރާ މީހާއަށްވެސް ކުށްވެރި ނުވެ ހުރުމުގެ ހައްގު ލިބިގެން ވާކަމަށެވެ.

"ދައުވާ ކުރެވޭ މައްސަލަތަކުގައި ޝަރީއަތްތައް އަވަހަށް ނިންމުމަކީ، އަދުލުވެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ގާނޫނު ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަމުގައި ޔަގީންކަން ރައްޔިތުންނަށް ލިބެންޖެހޭ. އަދި ކުށެއް ނުކުރާ ހިނދަކު ކުށްވެރި ނުވެ ހުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވޭ،" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

"އަދި ހަމަ އެހެންމެ ކުށަކަށް އަރައިގެންފިނަމަ، ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުން އެއްވެސް މީހަކު ސަލާމަތް ނުވާނެކަން ކޮންމެ ރައްތިތަކަށްމެ ގަބޫލުކުރެވޭ މިންވަރަށް އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ވާން ޖެހޭ،"

އަދުލުވެރިކަން ގާއިމުވުމަކީ، މުޖުތަމައުގެ ހަމަ ޖެހުމާއި ބާރުވެރިކަން ކަށަވަރުކޮށްދޭ ދަލީލެއް ކަމަށާއި އިސްލާމް ދީނުގައި އަދުލުވެރިވުމަކީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް އޮތް މަގެއް ކަމުގައި ލައްވާފައިވާ ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ، އިންސާފު ކަށަވަރު ކުރުމަކީ، ރައްޔިތުންނާ ވެރިންވެސް ބައިވެރިވެގެން ކުރަން ޖެހޭ ކަމެއް ކަމަށް އިސްލާމްދީނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން މުޖުތަމައުގައި ދިރިއުޅޭ ފަރުދެއްގެ ހައިސިއްޔަތުން އަދުލު އިންސާފު ގާއިމުކޮށް ކަށަވަރުކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ވާ ކަމަށެވެ. އަދި މުޖުތަމައުއާ ހަވާލުވެ ތިބޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން މެނުވީ އަދުލު އިންސާފު ގާއިމު ނުކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އަދުލުވެރި ގާޒީންނަށް މާތްﷲ ގެ ހަޟްރަތުގައި މަތިވެރި ދަރަޖަ ލިބޭނެކަމުގެ އުފާވެރި ހަބަރު ދެއްވާފައިވާ ކަމަށެވެ. އަދި އަނިޔާވެރި ގާޒީންނަށް ގިޔާމަތް ދުވަހުން ހުރި ނުރައްކާތެރިކަމުގެ ވާހަކަ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްތަކުން އެގެން އޮންނަ ކަމަށެވެ.

"ގާޒީން ބެހިގެން ވަނީ ތިން ބަޔަކަށެވެ. އޭގެތެރެއިން ދެބަޔަކު ވަނީ، ނަރަކާއިގައެވެ. އަދި އެއްބަޔަކު ވަނީ ނަރަކައިގައެވެ. އެނގިހުރެ ހައްގުގޮތާ ހިލާފަށް ހުކުމްކޮށްފި މީހާ ވާހުށީ ނަރަކައިގައެވެ. އަދި ޖާހިލުކަމުގެ ސަބަބުން ނޭނގިހުރެ މީސްތަކުންގެ ހައްގުތައް ނަގައިލައިފި މީހާ ވާހުށީ ނަރަކައިގައެވެ. އަދި ހައްގު ގޮތަށް ނިޔާ ކަނޑައަޅާ މީހާ ވާހުށީ ސުވަރުުގޭގައެވެ." ހުތުބާގައި ހިމެނޭ، ކީރިތި ރަސޫލާގެ ހަދީސެއްގެ މާނާއިގައިވެއެވެ.

comment ކޮމެންޓް