އިތުރުފުޅު ނުހައްދަވާ...

އޮކްޓޯބަރު 21، 2018: ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން، ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ: ރިޔާސީ އިންތިޚާބު ބާތިލު ކުރަން ނުޖެހޭ ކަމަށް ސުޕްރީމު ކޯޓުން ވަނީ ހުކުމް ކޮށްފައި -- ސަން ފައިލް ފޮޓޯ// ފަޔާޒު މޫސާ

ދިގު ތަމްހީދަކަށް ނުވަތަ ދީބާޖާޔަކަށް ނުގޮސް، ސީދާސީދާ ނުކުތާއިން ފަށާނަމެވެ.

ދިވެހިރާއްޖޭގެ ދުސްތޫރުގެ ހަތް ވަނަ މާއްދާގައި އޮންނަނީ، ދިވެހި ދައުލަތުގެ އަދުލުއިންސާފުގެ ބާރު އޮންނާނީ ޝަރުޢީ ކޯޓުތަކަށް ކަމަށެވެ. ގާނޫނުއަސާސީގެ 141 ވަނަ މާއްދާގައި އޮންނަނީ ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ ބާރު އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ގާނޫނުން އުފައްދާ ދަށުކޯޓުތަކަށް ކަމަށެވެ. ހަމައެޔާއެކު، ގާނޫނުއަސާސީގެ މި މާއްދާގައި އޮންނަނީ، އަދުލުއިންސާފުގެ ބާރުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށެވެ.

ޤާނޫނުއަސާސީން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފައްދައިފައި ވަނީ ޢަދުލުއިންޞާފުގެ އެންމެ އިސް ފަރާތުގެ ގޮތުގައި (141(ށ))، އަދި އެ ކޯޓަކުން ނިންމާ ނިންމުންތަކަށް އެހެން ކޯޓުތަކާއި މުޅި ދައުލަތުގެ އެންމެހައި ފަރާތްތައް ތަބާ ވާން ޖެހޭ ކޯޓެއް (145(ނ)) ކަމުގައެވެ. ގާނޫނުގެ ފަލްސަފާޔާއި އުސޫލުތަކާއި ހަމަތައް ދަންނަ މީހަކަށް، އަދި ދިވެހި ބަސް ރަނގަޅަށް ދޭހަ ވާ މީހަކަށް އޮޅިގެން ނުވާނެ ފަދައިން، މި ދުސްތޫރީ އުސޫލުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ ހައިސިއްޔަތެއް ލިބެއެވެ. އެއް ހައިސިއްޔަތަކީ ޤަޟާއީ ސަލްޠާގެ އެންމެ މަތީ ކޯޓު ނުވަތަ "އެޕެކްސް" ހައިސިއްޔަތެވެ. ޤަޟާއީ ނިންމުން ނިންމާ އެންމެ މަތީ ޓްރައިބިޔުނަލުގެ ހައިސިއްޔަތެވެ. އެ ކޯޓަކާ ހަމައިން، ޤަޟާއީ މަރުހަލާތައް ނިމި، ޤަޟާއީ ގޮތުން ފަހުބަސް ބުނާ، ދުސްތޫރާއި ޤާނޫނުގެ ބަސް އިއްވުމުގައި ފަހުބަސް އިއްވާ ފަރާތުގެ ހައިސިއްޔަތެވެ. ދެވަނަ ހައިސިއްޔަތަކީ، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ އިސް ފަރާތުގެ ހައިސިއްޔަތެވެ. ކަމެއްގެ ނުވަތަ ތަނެއްގެ އެންމެ އިސް ފަރާތަށް ވުރެ މަތިން، އެކަމަށް ބަސް ކިޔާ އަދި ބާރު ފޯރުވާ މީހަކު ނުވަތަ ބަޔަކު ތިބޭތޯއެވެ؟ ތިބެންޏާ، އެ ބަޔަކަށް ކިޔާނީ ކޮން ނަމެއްތޯއެވެ؟ "އެންމެ އިސް ފަރާތުގެ މަތީން ވާ އެޔަށްވުރެ ވެސް އިސް ފަރާތް" މިހެންތޯއެވެ؟ "އެންމެ އިސް ފަރާތުގެ އިސްކަމަށް ވުރެ ވެސް އަދި އިސް ވެގެން ވާ އެންމެ އެންމެ އިސް ފަރާތް" މިހެންތޯއެވެ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައެއް ކަންކަން ނިންމެވި ގޮތް، ނުވަތަ ބައެއް ހުކުމްތަކާއި ފިޔަވަޅު އެޅުއްވި ގޮތާ އަޅުގަނޑުމެން ހިތްހަމަނުޖެހުމަކީ، ނުވަތަ ނިންމެވި ނިންމެވުމެއް ގޯސް ވުމަކީ، އަންނަ ރުޅީގައި ސުޕްރީމް ކޯޓުގެ ހައިސިއްޔަތާއި ބާރު ނިގުޅައިގަނެ، ދުސްތޫރީ ނިޒާމު ހަލާކު ކޮށްލާން ޖެހޭ ސަބަބެއް ނޫނެވެ. އަދި އެ ރުޅީގައި، ގާނޫނުއަސާސީގެ މާއްދާތަކުގެ ހަގީގީ މާނަ، އިލްމީ ގޮތުން ފަހުމު ނުކުރެވޭ ވަރަށް ތިމާގެ "ޖަޖްމަންޓް ކްލައުޑް" ވާ މީހުންނަކީ މުޖުތަމައުގެ މެންބަރުންނާ މުޚާތަބު ކޮށް ވާހަކަ ދެއްކުމުގެ "މޯރަލް ރައިޓް" އޮންނާނެ ބައެއް ވެސް ނޫނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދިވެހި ދުސްތޫރީ ނިޒާމުގެ އެންމެ މަތީ ކޯޓު، އަދި އަދުލުއިންސާފުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތު ދިނީ ދިވެހި ދުސްތޫރުންނެވެ. ދުސްތޫރީ އިލްމާއި ފަލްސަފާގެ ތެރޭގައި އިއްތިފާގު ވެވިފައި އޮންނަ ފަދައިން، ދުސްތޫރަކީ ރައްޔިތުންގެ "އެކްޓް" އެކެވެ. ދުސްތޫރު ލިޔަނީ ރައްޔިތުންނެވެ. ވީމާ، ދުސްތޫރަށް ވުރެ ގާނޫނު ހަދާ މަޖިލިސް ބާރުގަދައެއް ނުވާނެއެވެ. ދުސްތޫރުގައި އޮންނަ އެއްޗަކަށް އެ މަޖިލިހުގެ ގާނޫނަކުން ގޮމެއް ނުޖެހޭނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ރައްޔިތުން ދީފައި އޮންނަ ބާރެއް، ރައްޔިތުންގެ މަންދޫބުންނަށް ނިގުޅައެއްނުގަނެވޭނެއެވެ. ޚާއްސަކޮށް، ބައެއް ފަރާތްތަކަށް އޮޅިފައި އޮންނަ ވަރަށް މުހިއްމު ކަމަކީ، ދިވެހިރާއްޖެޔަކީ ބަރުލަމާނީ ސިޔާދަތު އޮންނަ ތަނެއް ނޫންކަމާއި، ދިވެހިރާއްޖޭގައި އޮންނަނީ ދުސްތޫރީ ސިޔާދަތުކަމެވެ. ރާއްޖޭގެ ހާލަތަށް ބަލާ އިރު "އެންމެ ޑިމޮކްރަޓިކް ކިޔާނަކީ" ވެސް ރައްޔިތުންގެ މަޖިލިހެއް ނޫނެވެ. ރައްޔިތުންގެ މަޖިލިހަށް މެންބަރުން ހޮވުމުގައި ވޯޓު ގުނޭ އުސޫލުތަކާއި ކަންކަމަށް ބަލާ އިރު، ރާއްޖޭގައި އެޔަށް ވުރެ ބޮޑަށް ރައްޔިތުންގެ ބާރު ތަމްސީލު ކުރައްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، ޑިމޮކްރަސީ އަކީ "މެޖޯރިޓޭރިއަނިޒަމް"ގެ ފަލްސަފާޔާ ހަމައިން ނިމޭ އެއްޗެއްކަމަށް ބައެއް މީހުންނަށް ހީވާ ނަމަ، އެއީ ވެސް ވަރަށް ބޮޑު ގޯހެކެވެ. މި ޒަމާނުގައި ޑިމޮކްރަސީގެ ރޫހަކީ ގާނޫނުގެ ހުކުމް ހިނގުމެވެ. ދުސްތޫރިއްޔަތުގެ މަބްދައު އޮތުމެވެ. "ޓިރަނީ އޮފް ދަ މެޖޯރިޓީ" ވެސް ހުއްޓުވުމެވެ. ދުސްތޫރުތައް އަންނަނީ އެގޮތުންނެވެ. ވީމާ، ދުސްތޫރުން އެންމެ މަތީ ކޯޓު، އަދި އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައި ކަނޑައަޅައިފައި ވާ ކޯޓުގެ ހައިސިއްޔަތު ނިގުޅައިގަނެ، އަދުލުއިންސާފުގެ ބާރު ގާނޫނު ހަދާ މަޖިލިހުގެ ދަށަށް ގެންދިޔުމަކީ ރައްޔިތުންނަށް ވެސް ގޮން ޖެހުމެވެ. ބާރުތައް ވަކި ކުރުމުގެ މަބްދައަށް ވެސް ގޮން ޖެހުމެވެ. ފަނޑިޔާރުގޭގެ މިނިވަންކަމަށް ވެސް އަރައިގަތުމެވެ. ބަޔަކަށް މިކަން ދޭހަ ނުވެގެން، ނުވިސްނިގެން އުޅުނަސް، މިއީ ހަގީގަތެވެ.

ހަމައެއާއެކު، ޝަރުއީ ދާއިރާޔަށް ފާޑު ކިޔަމުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ހަދައިގެން ކުރީ ކޮންކަހަލަ ބޭކާރު ޚަރަދެއްތޯ ސުވާލު ކުރާ މީހުންނަށް، ހައިކޯޓުގެ ގޮފިތައް އުތުރާއި ދެކުނުގައި ހެދީ ޝަރުއީ ދާއިރާއިން ނޫންކަން ނޭނގެނީ ބާވައެވެ! އެ ކަން ކުރީ އެ ބުނާ "ޖޫޑިޝަރީ ހިނގާނެ ގޮތް ގާނޫނުން ކަނޑައަޅާން ޖެހޭ ރައްޔިތުންގެ މަޖިލިހުން" ކަން ހަމަ ނޭނގެނީ ބާވައެވެ! އެއް ފަހަރު މަޖިލިހުން "ޖޫޑިޝަރީގައި" ނުހަނު ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ ކޯޓެއް ކޮށައި ފޮތިފޮތި ކޮށްލާން ކުރި މަސައްކަތަށް ފާޑު ކިޔައިފައި، އަނެއް ފޮޅުވަތުގައި "ޖޫޑިޝަރީ" ހިންގުން ރައްޔިތުންގެ މަޖިލިހަށް ދޫ ކޮށްލައި، ފަނޑިޔާރުންނަކީ ހަމައެކަނި ޙުކުމް ލިޔާ ކާތިބުންތަކެއް ކަމަށް ހެދުމަށް ގޮވައިލުމަކީ، އެ ވާހަކަ ދައްކާ މީހެއްގެ ސިކުނޑީގެ އުނިކަމެއް ހުރިކަމާ މެދު ޝައްކު އުފައްދާނެ ކަމެއް ނޫންބާވައެވެ! ޤަޟާއީ ފަންކްޝަނާއި، ކޯޓް އެޑްމިނިސްޓްރޭޝަން ވީ ވަރަކުން ވަކި ވާން ޖެހެއެވެ. ނަމަވެސް އެ އުސޫލަކީ ކޯޓުތަކާއި ޖުޑީޝަރީގެ އިދާރީ ނިޒާމު، ޖުޑީޝަރީން ބޭރު ކުރާން އަންގާ އުސޫލެއް ނޫނެވެ. އެ އުސޫލުގެ ދަށުން، އިދާރީ ކަންކަން ވަކި ކުރަނީ، ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ނުވަތަ އިސް ފަނޑިޔާރު ނުވަތަ ޖުޑީޝަލް ކައުންސިލެއް ފަދަ ކިޔާނަކުން އެކަށައަޅާ ސިޔާސަތުތަކެއްގެ މައްޗަށް، ކޯޓުގައި ހުންނަ ކޯޓް މެނޭޖަރެއް ނުވަތަ ކޯޓް އެޑްމިނިސްޓްރޭޓަރަކު އިދާރީ ކަންކަން ކުރާ އުސޫލުންނެވެ. މި ގޮތުން ހުންނަ ކޯޓް އެޑްމިނިސްޓްރޭޓަރެއް ނުވަތަ ކޯޓް މެނޭޖަރެއް، ދައުލަތުގެ އަނެއް ދެ ބާރަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް އޮންނަ ނިޒާމެއްގެ ވާހަކަ އަޅުގަނޑުމެން ދުވަހަކުވެސް އަޑެއް ނާހަމެވެ. ހަމައެހެންމެ، އެއީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ވެސް ނޫނެވެ. އެހެން ހަދައިގެން ފަނޑިޔާރުގެ މިނިވަން ކުރެވިދާނެޔޭ ހީވާ މީހަކާ، އިލްމީ ގޮތުން ދެކެވޭނެ ވާހަކައެއް ވެސް ނޯންނާނެއެވެ. އެހެނީ، އިލްމީ ވާހަކަ ދެކެވޭނީ ހިސާބަކަށް ބުއްދި ހުންނަ މީހުންނާއެވެ.

ފަނޑިޔާރުން މިނިވަން ވާން ވީޔޯލައެވެ. އެކަމަކު ފަނޑިޔާރުންނަށް ފަނޑިޔާރުގެ ދޭން ޖެހެނީ މޮހޮނަށް އޮޑި ދޭ އުސޫލުންނޯލައެވެ! އިސްލާހަކީ އެއީޔޯލައެވެ! ބުނާނީ ފަހެ ކީކޭތޯއެވެ؟

ކޮމަންވެލްތު ލެޓިމާރ ހައުސް ގައިޑްލައިނުން ފޮޅުވަތެއް ކިޔައިފައި، އޭގެ ޝަރަހައެއް، އޭގައި ހިމެނޭ އިލްމީ އަސާސްތަކެއް އެއްވެސް ވަރަކަށް ދޭހަ ވުމެއް ނެތި، ކޮންމެ މީހަކަށް ވެސް ވާހަކަތަކެއް ދެއްކިދާނެއެވެ. "އެވްރީ ޓޮމް، ޑިކް އެންޑް ހެރީ" ހޮޅުއަށީގައި އަނގަތަޅާ އުސޫލުން އެއްޗެހިތަކެއް ކިޔިދާނެއެވެ. އެކަމަކު ލެޓިމާރ ހައުސް ގައިޑްލައިނަށް ބެލިޔަސް، ޔޫއެން ބޭސިކް ޕްރިންސިޕަލްސް 1985 އަށް ބެލިޔަސް، ބެއިޖިންގ ސްޓޭޓްމަންޓް 1995 އަށް ބެލިޔަސް، މައުންޓް ސްކޯޕަސް ސްޓޭންޑަރޑްސް 2008 އަށް ބެލިޔަސް، އައިސީޖޭ ޕްރިންސިޕަލްސް 2004 އަށް ބެލިޔަސް، ޔުނިވަރސަލް ޗާރޓަރ އޮފް ދަ ޖަޖް 1999 އަށް ބެލިޔަސް، ބޭންގަލޯރ ޕްރިންސިޕަލްސް 2002 އަށް ބެލިޔަސް އެނގޭ ކަމަކީ، ޝަރުއީ ދާއިރާޔަކީ ތަންފީޛީ ބާރާއި ގާނޫނު ހަދާ ބާރުގެ ކިބައިން މިނިވަން ވެގެން ވާ ވަކި ބާރަކަށް ވާން ޖެހޭނެ ކަމެވެ. "ޖުޑީޝަލް އިންޑިޕެންޑެންސް"ގެ މާނަ ދަންނަ މީހަކަށް، އޭގެ ތެރޭގައި "އިންސްޓިޓިޔުޝަނަލް އިންޑިޕެންޑެންސް" ނުވަތަ "ސްޓްރަކްޗަރަލް އިންޑިޕެންޑެންސް" ހިމެނޭކަން އެނގޭނެއެވެ. އެވަރު ނޭނގޭ މީހަކު ނަމަ، ޔޫއެން ބޭސިކް ޕްރިންސިޕަލްސް 1985 ގެ 14 ވަނަ މާއްދާ ބަލައިލުމުން ކޮންމެވެސް އަލިކަމެއް ލިބިދާނެ ތޯއްޗެކެވެ. މައުންޓް ސްކޯޕަސް މިންގަނޑުގެ 2 ވަނަ މާއްދާ އެކީ ކިޔައިލުން ވެސް ވަރަށް މުހިއްމެވެ. މި އެއްޗެތި ކިޔައިގެން ވެސް އެއްޗެއް ދޭހަ ނުވެއްޖެ ނަމަ، މާތްﷲ އާ ވަކީލެވެ.

ކޮމަންވެލްތު ލެޓިމާރ ހައުސް ގައިޑްލައިނުގައި، "ޖޫޑިޝަރީ" ހިންގާނީ "ޖޫޑިޝަރީން" ކަމަށް ބުނެފައި އެބައޮތެވެ. އިސް ވެ ދެންނެވި ހުރިހާ މިންގަނޑުތަކެއް އަދި އުސޫލުތަކެއްގައި ވެސް އެ ވާހަކަ އެބައޮތެވެ. އެކަމަކު، ކުރިމަތީގައި އަރައި ހުންނަ އިރު ވެސް ނުފެންނަ މީހުން އިންސާނުންގެ ތެރޭގައި އުޅޭކަމީ ހަގީގަތެކެވެ.

ތިމާޔަށް ކަންކަން ފަހުމު ނުވުމުން، އެހެން މީހުންނަށް ފަހުމު ނުވީޔޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އަމިއްލަޔަށް ބޭޒާރު ވުން ނޫން އެހެން ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ތަސައްވުރަކީ، ދިވެހި ފަނޑިޔާރުގެ ހަމައެކަނި ކޯޓްރޫމްތަކަކަށް ހަދައި، ޤަޟާއީ އިޖުރާއާތު ހިންގައި ހުކުމް ލިޔެ އިއްވުން ނޫން އެހެން ހުރިހާ ކަމެއް ފަނޑިޔާރުގެ އަތުން އަތުލައި ރައްޔިތުންގެ މަޖިލިހަށާއި ރައީސަށާއި އަޑުގަދަ ސިޔާސީ ޕާޓީތަކަށް ދޫކޮށްލުން ކަމުގައި ހީވާ ބަޔަކަށް އެ ކުރެވެނީ ކުށްހީއެކެވެ.

ތެދެކެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ފަނޑިޔާރުން އައްޔަން ކުރަނީ ތަންފީޒީ ބާރާއި ގާނޫނު ހަދާ މަޖިލިހުންނެވެ. އިނގިރޭސި ވިލާތުގައި ކުރިން އެކަން ކުރަމުން އައީ ތަންފީޒީ ބާރާއި ގާނޫނު ހަދާ މަޖިލިހުގައި ވެސް ހިމެނޭ ފަރާތަކުން ކަމުގައި ވިޔަސް، މިހާރު އެކަން ވަނީ އެ ދެ ބާރަށް ކޮންޓްރޯލް ނޯންނަ މިނިވަން ފަރާތަކާ ހަވާލު ކޮށްފައެވެ. އިސްލާމީ ޚިލާފަތުގައި ފަނޑިޔާރުން އައްޔަން ކުރެއްވީ އަމިއްލަފުޅު ބާރާއި އިޚްތިޔާރުގައި ވަލިއްޔުލްއަމްރެވެ. އެހެންކަމުން، މި ކަމުގައި އެކި ތަންތަނުގައި އެކި ގޮތްގޮތަށް އަމަލު ކޮށްފައި އެބަ ހުއްޓެވެ.

ނަމަވެސް މި ޒަމާނުގެ ގިނަ ގައުމުތަކާއި، އަޅުގަނޑުމެންގެ އަމިއްލަ ގައުމުގެ ތަޖުރިބާއަށް ބަލާ އިރު، ތަންފީޒީ ބާރާއި ގާނޫނު ހަދާ މަޖިލިހުން ފަނޑިޔާރުން އައްޔަން ކުރުމުގެ ތެރެޔަށް ފޯރުވަނީ ނުބައި ނުފޫޒުކަން ސާބިތު ވެއެވެ. އެހެންވެ، ފަނޑިޔާރުގޭގެ މިނިވަންކަމާ ބެހޭ ބައިނަލްއަގްވާމީ އުސޫލުތަކާއި، ތަޖުރިބާކާރުންނާއި އިލްމުވެރީންގެ އިއްތިފާގަކީ، ފަނޑިޔާރުން އައްޔަން ކުރާން ޖެހޭނީ އިސް ފަނޑިޔާރުންނަށް މެޖޯރިޓީ އޮންނަ، މިނިވަން ކިޔާނަކުން، ތަންފީޒީ ބާރާއި ގާނޫނު ހަދާ މަޖިލިހުގެ ނުފޫޒުން އެއްކިބާ ވެގެން، "މެރިޓް-ބޭސްޑް" އުސޫލަކުން ކަމެވެ.

ބައެއް މީހުންނަށް ހީ ވެފައި އޮންނަނީ، ނަޒާހަތްތެރިކަމާއި ސުލޫކާއި އަޚްލާގީ މިންގަނޑުތަކަކީ ހަމައެކަނި ދައުލަތުގެ މުއައްޒަފުންނަށް އޮންނަ ކަމެއް ކަމުގައޭ ހިތަށް އަރާން ޖެހޭ ފަހަރުފަހަރު، މީޑިޔާގައި ހުންނަ ބައެއް ލިޔުންތައް ކިޔައިލުމުން އައުދެއެވެ. އެހެންނެއް ނޫނެވެ. ލިޔުންތެރީން ވެސް ނަޒާހަތްތެރި ވާން، ސުލޫކީ މިންގަނޑުތަކަށް ތަބާ ވާން، އަޚްލާގީ ގިޔަމުތަކާއި އުސޫލުތަކަށް އިހުތިރާމު ކުރާން ޖެހެއެވެ. އެގޮތުން ވިސްނާ އިރު، ތިމާޔަށް އެ ކަމެއްގެ އިލްމާއި މައުލޫމާތު ނެތް ކަމަކާ މެދު ލިޔުންތައް ލިޔުމަކީ ވެސް ނަޒާހަތްތެރިކަމުން ބޭރު ވުމެކެވެ. އިލްމާއި މައުލޫމާތު ހުރި ކަމެއްގައި ވެސް، އިޚްލާސްތެރިކަމާއި ހެޔޮ ނިޔަތާ އެކު ލިޔުމުގެ ބަދަލުގައި ވަކި ސިޔާސީ ފިކުރެއް ނުވަތަ އެފަދަ މަސްލަހަތެއް ހިމާޔަތް ކުރުމަށް ލިޔުމަކީ ވެސް ނަޒާހަތްތެރިކަމާއި ސުލޫކާއި އަޚްލާގާ ޚިލާފުވުމެކެވެ. މި ދެ ކަންތަކުގެ ތެރެއިން ބޮޑަށް ގޯހީ ކޮން ކަމެކޭ ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އެނގޭ ކަމަކީ، މިއިން ކޮންމެ ކަމަކީ ވެސް ނުހަނު މަތީ ދަރަޖައިގައި ނުބައި އަމަލުކަމެވެ.

comment ކޮމެންޓް