ހުއްދަ ލިބި، މަންތާ އެއާގެ ހިދުމަތް އާދީއްތަ ދުވަހު ފަށަނީ

މަންތާ އެއާގެ އެއާކްރާފްޓެއް --- ފޮޓޯ/ މަންތާ އެއާ

ރާއްޖޭގައި އަލަށް އުފެއްދި ޑޮމެސްޓިކް އެއާލައިން މަންތާ އެއާ އޮޕަރޭޓުކުރުމުގެ ހުއްދަ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ އެއާލައިނަށް ދީފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނީ ރެގިއުލޭޓަރީ އަދި ސަލާމަތީ ސްޓޭންޑަޑްތައް މަންތާ އެއާއިން ފުރިހަމަކުރުމާއެކު މަންތާ އެއާއަށް އެއާލައިން ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އާދީއްތަ ދުވަހު ރަސްމީކޮށް އެއާ އޮޕަރޭޓާ ސެޓްފިކެޓް ރަސްމީކޮށް ހަވާލުކުރުން އޮންނާނެކަމަށް ސިވިލް އޭވިއޭޝަނުން ބުންޏެވެ.

ސިވިލް އޭވިއޭޝަނުން ބުނީ އާދީއްތަ ދުވަހުން ފެށިގެން މަންތާ އެއާގެ ޓިކެޓު ވިއްކުމާއި އޮޕަރޭޝަންތައް ފަށާނެކަމަށެވެ.

ސިވިލް އޭވިއޭޝަނުން ބުނީ މަންތާ އެއާއިން އޮޕަރޭޓުކުރުމަށް މިވަގުތަށް ރާވާފައިވަނީ ކުޑަހުވަދޫގެ ދާލު އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައި ކަމަށެވެ.

މަންތާ އެއާއިން ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ އޭޓީއާރު 600-72 މަރުކާގެ، 64 ގޮނޑީގެ ޖާގައިގެ މަތިންދާބޯޓެވެ. މިވަގުތު އެ އެއާލައިނުގެ ފްލީޓުގައި އޭގެ ދެ އެއާކްރާފްޓު އެބަ އޮތެވެ.

މަންތާ އެއާގެ ބޯޓުތަކުގައި ހުންނަނީ "ސެފަޔާ" އަދި "ކޮމްފޯޓް" ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒްކޮށްފައިވެއެވެ.

comment ކޮމެންޓް