އައިޓީބީ ބާލިން ފެއާގައި މިފަހަރު އިޝްތިހާރު ކުރާނީ އީދު ކުޅިވަރު

އައިޓީބީ ބާލިން ޕްރީ މީޓިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ މަހުގެ ހަޔަކުން 10 އަށް ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ބާލިން ފެއާގައި ރާއްޖެއިން މިފަހަރު ޕްރޮމޯޓު ކުރާނީ އީދު ކުޅިވަރު ކަމަށް އެމްއެމްޕީއާރުސީއިން ބުނެފިއެވެ.

އެމްއެމްޕީއާރުސީއިން މިއަދު ވަނީ އައިތީބީ ބާލިންގެ ޕްރީ މީޓިން ބާއްވައިފައެވެ. މިފަހަރުގެ ފެއާގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި އިސްކޮށްހުންނަވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އަދި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްއެމްޕީއާރުސީގެ އެސިސްޓެންޓްް ޑިރެކްޓަރު ރީނާ އަބްދުލްވާހިދު ވިދާޅުވީ މިފަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޭންޑުގައި 70 ބީޓުބީ މޭޒު ހުންނާނެ ކަމަށެވެ. ބައިވެރިންނަށް އިޝްތިހާރުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ލެޑް ސްކްރީނުގައި 30 ސިކުންތުގެ އިޝްތިހާރު ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ރީނާ ވިދާޅުވިއެވެ.

އައިޓީބީ ބާލިން ފެއާ އާ ގުޅޭގޮތުން ރީނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

އައިޓީބީ ފެއާ ގައި ރާއްޖެއިން 123 ކުންފުންޏަކުން 263 ރެޕްރެޒެންޓޭޓިވުން ބައިވެރިވެއެވެ. އައިޓީބީ ފެއާ އާ ދިމާކޮށް ޖަރުމަން ޝެންގެން ވިސާ ދޫކުރުމަށް މާލޭގައި ވަނީ ވިސާ ކްލިނިކެއްވެސް ހުޅުވައިފައެވެ.

"ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ރާއްޖޭގެ ކެއުންތައް ތަޖުރިބާކުރުމުގެ ފުރުސަތުވެސް. މިފަހަރުގެ ތީމަކަށް ނަގާފައި ވަނީ އީދު ކުޅިވަރު. ބޮޑުމަހުގެ ކުޅިވަރު ޝޯކޭސް ކުރެވިގެންދާނެ. މީގެ އިތުރުން ކަސަބު ވިޔުން ފަދަ ދިވެހި މަސައްކަތްތެރިކަންވެސް ފެއާގައި ޝޯކޭސް ކުރެވޭނެ،" ރީނާ ވިދާޅުވިއެވެ.

މިފަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޯލްގައި ހިމެނޭ ސްޕާ އޭރިއާ ސްޕޮންސާ ކޮށްފައިވަނީ ސަން ސިޔާމް ރިސޯޓްސްއިން ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

comment ކޮމެންޓް