ސަސްޕެންޝަނަށް ފަހު ނަބީހާ އެނބުރި ފަރިތަކުރުންތަކަށް

ގައުމީ ބެޑްމިންޓަން ޓީމްގެ ދެ ކުޅުންތެރިންކަމަށްވާ ނަބީހާއާއި ނަބާހާ --- ފޮޓޯ: ބީއޭއެމް

މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ ސަސްޕެންޝަނަކަށްފަހު އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ހާޒިރީގެ އަހުލާގީ މައްސަލައަކާއި ގުޅިގެން ގައުމީ ބެޑްމިންޓަން ޓީމުގެ އިންޑިއާގެ ކޯޗު ވަނީ ނަބީހާ ވަކި މުއްދަތެއް ނެތް ގޮތަކަށް ގައުމީ ޓީމުން ސަސްޕެންޑް ކޮށްފައި ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް ސަސްޕެންޝަނަށް ފަހު ނަބީހާ މިހާރު ވަނީ ޕްރެކްޓިސް ތަކުގައި ބަރާބަރަށް ބައިވެރިވާން ފަށާފައެވެ. ތިން ހަފްތާގެ މުއްދަތަކަށް ނަބީހާ ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ ކުށެއްގެ ސަބަބުން ކަމަށް އޭނާ ވަނީ އަމިއްލައަށް އިއުތިރާފުވެފައެވެ. ގައުމީ ޓީމުގެ ހާޒިރީގެ މައްސަލަގައި އޭނާ ސަސްޕެންޑު ކުރުމުގެ ކުރިން އެކަމަށް މެނޭޖްމެންޓާއި ކޯޗުގެ ފަރާތުން މާފަށް އެދިފައިވާނެ ކަމަށް ނަބީހާ ވަނީ ބުނެފައެވެ.

ގައުމީ ޓީމު ބޭރުގައި ބާއްވާ މުބާރާތައް ޓީމު އެކުލަވާލުމުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބަލަމުން އަންނަ އެއް ކަމަކީ ރާއްޖޭގައި ބޭއްވޭ ފަރިތަކުރުން ތަކުގެ ހާޒިރީއެވެ. ހާޒިރީގެ 80 ޕަސަންޓު ހަމަނުވެއްޖެނަމަ އެ ކުޅުންތެރިއަކަށް އެފަދަ މުބާރާތްތަކުގައި ބައިވެރިނުވެވޭނެ ކަމަށް އެސޯސިއޭޝަންތަކުން ވަނީ ނިންމާފައެވެ.

ނަބީހާގެ ސަސްޕެންޝަނާއި ގުޅިގެން އޭނާ އެންމެ ބޮޑަށް ކަންބޮޑުވި ކަމަކީ ސަސްޕެންޝަނުގެ މުއްދަތު އަންގާފައި ނުވާތީއެވެ. މިއަހަރު ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑްސް ގޭމުގައި ވާދަކުރުމަށް ކުޅުންތެރިން ތައްޔާރުވަމުން ދާއިރު ސަސްޕެންޝަނުގެ ސަބަބުން ނަބީހާއަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެވުމުން 80 ޕަސަންޓުގެ ހާޒިރީ ނުލިބިއްޖެނަމަ އޭނާއަށް އެ މުބާރާތުގައި ބައިވެރި ނުވެވޭނެއެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް ބޮޑެތި ކާމިޔާބީތައް ހޯދައިދީފައިވާ ނަބީހާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ބެޑްމިންޓަން ކުޅުންތެރިޔާއެވެ.

comment ކޮމެންޓް