އާޒިމާގެ މައްޗަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެޔާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު: އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ލިޔެކިޔުންތައް މިހާރު ވަނީ ހަވާލުކޮށްފައި -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރުކަމުގެ މަގާމް ފުރުއްވި ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ލިޔެކިޔުންތައް އޭނާއާ މިއަދު ހަވާލުކޮށްފި އެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ޕޮރޮސެކުއިޓާ ޖެެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ދައުވާތަކުގެ ލިޔުންތައް ކުރިމިނަލް ކޯޓުން އާޒިމާއާ ހަވާލުކޮށްފައި ވަނީ މިއަދެ އެވެ. މިކަމާ ގުޅިގެން އަޒިމާއަށް ގުޅުމުން އާޒިމާގެ ފޯނު ނިއްވާލާފައިވާތީ އާޒިމާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅާތާ ފަސް ދުވަސް ތެރޭގައި އެ މައްސަލައިގެ ލިޔެކިޔުންތައް ދައުވާ ރައްދުވާ ފަރާތާ ހަވާލުކުރަން ޖެހެ އެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީނަށް މަނީ ލޯންޑަ ކޮށްދިނުމަށް އެހީތެރިވުމުގެ ތުހުމަތުގަ އެވެ.

މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާޒިމާގެ މައްޗަށް، މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލާފައިވާ އިރު އެ މައްސަލަ ސާބިތުވެއްޖެ ނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމާނާ ކޮށްްފާނެ އެވެ. ނުވަތަ ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފާނެ އެވެ. ނުވަތަ އޭނާ ޖޫރިމާނާ ކުރުމާ އެކު ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފާނެ އެވެ.

ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލުމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވާ އިރު އެ މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް