ޖޫޑިޝަރީ އިޞްލާޙް ކުރަން ރައީސަށް ތާއީދު!

ގާނޫނީ ވަކީލުން ހުވާކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ޢާއްމު އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމަށް ޕާޓީގެ މެނިފެސްޓޯ އެއް ނެރުނު ކަމަށް އެނގިފައި ވަނީ އަދި އެންމެ ޕާޓީ އަކުންނެވެ. އަޅުގަނޑުމެން ގެ އަވައްޓެރި ގައުމަކާއި ހިތާވެގެން އުޅޭ ޕާޓީ އަކުންނެވެ. އެ ޕާޓީން ނެރުނު މެނިފެސްޓޯގައި ރާއްޖޭގެ ޝަރުޢީ ދާއިރާ އަށް އެ ޕާޓީން ގެންނަން ބޭނުންވާ ބަދަލުތަކުގެ ތަފްޞީލު ދީފައި އޮތެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ޕާޓީތަކުގެ ސިޔާސީ ލީޑަރުން ވެސް ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމާއި ބެހޭ ގޮތުން ވާހަކަ ދެއްކި އަޑު އިވުނެވެ. ހުރިހާ ޕާޓީތަކުގެ ތެރެއިން ވެސް ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަށް ރައްޔިތުންނަށް ފައިދާ ކުރާނެ އިންޞާފް ލިބޭނެ ކަމުގެ އިތުބާރު ލިބޭނެ ގޮތަކަށް ހުށައެޅުމެއް އެކުލަވާލައި ފައި އޮތީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ން ނެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕާޓީން ނެވެ.

ޖޫޑިޝަރީން ބޭއްވި ޖަލްސާއެއްގައި ޖޫޑިޝަރީގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހާޒިރުގައި ރައީސުލްޖުމްހޫރިއްޔާ ޖޫޑިިޝަރީ އިޞްލާހް ކުރުމަށް އަޅުއްވަން ޤަސްދު ކުރައްވާ ކަންތައްތަކާއި ބެހޭ ގޮތުން ވަރަށް ސާބިތުކަމާއި އެކު ވާހަކަފުޅު ދެއްކެވި އެވެ. މިއިން ސާބިތު ކޮށްދެނީ ޖޫޑިޝަރީ އިޞްލާޙް ކުރުމުގައި އެ މަނިކުފާނު ވަރަށް ސީރިއަސް ކޮށް ވިސްނަވާ ކަމެވެ. އެ ޖަލްސާ އަށް ހާޒިރުވި ބައެއް ފަރާތްތަކުން ދެއްކި ވާހަކަ ކަމަށް ރިޕޯޓުކޮށް ފައި ހުރި ވާހަކަތަކަށް ބަލާލާ އިރު ރައީސް ޖޫޑިޝަރީ އިޞްލާޙް ކުރުމާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅު ރަނގަޅަށް ފަހުމުވި ހެނެއް ހީއެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕާޓީން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާކަށް ކަރުދާހެއް ތައްޔާރު ކޮށްފައި އޮތް ކަމަކަށް ނުފެނެ އެވެ. އެ ޕާޓީން މަސައްކަތް ކޮށްފައި އޮތީ ޖޫޑިޝަރީ ހަރުދަނާ ކުރުމަށެވެ. ކޯޓުތަކަކީ ސިޔާސީ ވިސްނުމުން މިނިވަން ވެފައި އޮތް ތަންތަނަށް ހެދުމަށެވެ. ހަމައެކަނި ޝަރީޢަތް ކުރާ ތަން ތަނަށް ހެދުމަށެވެ. ޝަރީޢަތް ކުރުމަކީ އެމީހުންނާއި ހަވާލު ކުރެވިފައި އޮންނަ މަސައްކަތަށް ހެދުމަށެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގެ ތަޞައްވުރަކީ ކޯޓުތަކަކީ ހަމައެކަނި ޝަރީޢަތް ކުރާ ތަނަކަށް ހެދުމެވެ. އެހެންނަމަވެސް ފަހުން ކޯޓުތަކުން އަމަލު ކުރަމުން ގެންދިޔައީ އަމިއްލަ އަށް ޤާނޫނު އަސާސީ ތަރުޖަމާ ކޮށްގެން ޖޫޑިޝަރީ އާއި ގުޅޭ ކަމަކަށްވާ ނަމަ އެކަމެއްގެ ތެރެއަށް ވަނުމަށެވެ. ތިންބާރު ވަކިކުރެވިފައި އޮތް ކަމަށް ބުނެ އެވެ. އެއީ ރަނގަޅު ވާހަކަ އެކެވެ. ތިންބާރު އޮތީ ވަކިކުރެވިފަ އެވެ. ކޯޓުން ކުރާ ޝަރީޢަތެއްގެ ތެރެއަށް އެއްވެސް ފަރާތަކަށް ނުވަދެވޭނެ އެވެ. ސިޔާސީ އެއްވެސް ފަރާތަކަށް ވެސް ވަދެވިގެން ނުވާނެ އެވެ. ސިޔާސީ ފަރާތަކުން ކޯޓެއްގައި ހިނގާ މައްސަލައެއްގެ ތެރެއަށް ވަންނަ ނަމަ އެކަން ވެސް އެގޭނީ ކޯޓުގައި އެ މަސައްކަތް ކުރާ ބަޔަކަށެވެ. އެކަން ރަނގަޅު ނުކުރެވޭ ކަމަށްވާ ނަމަ އެކަން ހާމަ ނުކުރަނީ ކީއްވެތޯ އެވެ؟ ހާމަ ކޮށްގެން ވެސް އިޞްލާޙް ނުކުރެވޭ ނަމަ މަޤާމުން އިސްތިޢުފާ ދޭންވީ ނޫންތޯ އެވެ؟ އެެ އަށް ފަހު ކެރެންޏާ ސިޔާސީ ކަންތައްތަކުގެ ތެރެ އަށް ވަންނަން ވީ އެވެ. ޤައުމު އިޞްލާޙް ކުރުމުގެ މަސައްކަތަށެވެ.

ސުޕްރީމް ކޯޓު ވެސް އަދި އެހެނިހެން ކޯޓު ވެސް ވާން ވާނީ ހަމަ އެކަނި ޝަރީޢަތް ކުރާ ތަންތަނަށެވެ. ސިޔާސީ ނުފޫޒު ޝަރީޢަތުގެ ތެރެއަށް ވަދެވިގެން ނުވާނެ އެވެ. ސިޔާސީ ނުފޫޒު ފޯރުވާ މީހުންނާއި މެދު ފިޔަވަޅު އެޅެން ވާނެ އެވެ. ހަމަ އެފަދައިން ސިޔާސީ ނުފޫޒަށް ލެނބޭ ފަނޑިޔާރުންނާއި މެދު ވެސް ފިޔަވަޅު އެޅެން ވާނެ އެވެ.

ރައީސް ނަޝީދުގެ ޝަރީޢަތް ހިނގި އިރު ޖޫޑިޝަރީން ކަންތައް ކުރެއްވި ގޮތަށް ބައްލަވާށެވެ. ޝަރީޢަތް ކުރާ ކޯޓު ބަދަލު ކުރި ގޮތަށް ބައްލަވާށެވެ. ޝަރީޢަތް ކުރާ ފަނޑިޔާރުން ބަދަލު ކުރި ގޮތަށް ބައްލަވާށެވެ. ޙުކުމް ކުރުމަށް ފަހު އެ ފަނޑިޔާރުން ނަށްވީ ގޮތް ބައްލަވާށެވެ. އަޅުގަނޑުމެން މި ވާހަކަ އެ އިރު ނުލިއުނީ ކީއްވެ ހެއްޔޭތޯ އެވެ؟ އަޅުގަނޑުމެންނަށް ލިޔެވޭނީ އެވެ. ޝާއިޢު ކުރުމާއި ޝާއިޢު ނުކުރުމުގެ އިޚްތިޔާރު އޮންނަނީ އެޑިޓަރަށެވެ. އޭނާ އަށް އަންނަ ފޯނުންނާއި، އޭނާ އަށް ލިބޭ ފޮރުވިފައި އޮންނަ އިންޒާރުތަކުގެ ސަބަބުން އޭނާގެ ނޫސް ނުރައްކަލުގެ ތެރެ އަށް ގެންދިއުމަށް ވުރެ އަޅުގަނޑުމެންގެ ލިއުން ފަނާކުރާ މެޝިނަށް ވައްޓާލުން މުހިއްމު ކަމަށް ފެންނަ ނީ އެވެ. މި ލިއުމަށް ވެސް ދުނިޔޭގެ އަލިކަން ފެނިއްޖެ ނަމަ ރަނގަޅެވެ.

ޝަރީޢަތް ކުރުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ހާމަކަން ބޮޑު ކޮށް ކުރާ ކަމެކެވެ. ޝަރީޢަތުގައި ފޮރުވަން ޖެހޭ އެއްޗެއް އޮވެގެން ނުވާނެ އެވެ. ބައެއް ކަހަލަ ޝަރީޢަތް މުޅިން ޢާއްމު ނުކުރެވޭ ގޮތަށް އޮންނަނީ ވެސް ބައެއް ޚަސްމުން ޙިމާޔަތް ކުރުމުގެ ގޮތުން ނެވެ. މިސާލަކަށް ދަންނަވާ ނަމަ ކުޑަ ކުދިންނެވެ. އެ ކުދިންގެ ވާހަކަ ޢާއްމު ވުމުގެ ސަބަބުން އެ ކުދިންގެ މުޅި މުސްތަޤްބަލް ހަލާކުވެދާނެ ކަމަށް ފެނިގެންނެވެ. ބައެއް ޝަރީޢަތް ސިއްރު ކުރުމުގެ ފުރުޞަތު ޤާނޫނުން ދިނުމުން ޝަރީޢަތް ކުރަން އިންނަ މީހާ އަށް ޝަރީޢަތެއް ސިއްރުކުރަން ފެނުމާ އެކު އެ ޝަރީޢަތެއް ސިއްރުން ކުރާ ޝަރީޢަތަކަށް ހަދަނީ އެވެ. ޤާނޫނުން ސިއްރު ކުރެވޭނެ ޝަރީޢަތުގެ ހުދޫދު ކަނޑައަޅަން ޖެހެ އެވެ.

ވަކީލުންގެ ސުލޫކީ މިންގަނޑު ބެލުމާއި ވަކާލާތު ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓެން ވާނީ ޤާނޫނުން ކަނޑައެޅިފައި އޮންނަ މިންގަނޑެއްގެ ތެރެއިންނެވެ. ޖޫޑިޝަރީގައި މަސައްކަތް ކުރާ މީހުން ނުރެހޭ ގޮތަކަށް ވަކީލަކު އެއްޗެއް ބުނުމާ އެކު އެމީހެއްގެ ވަކާލާތު ކުރުމުގެ ހުއްދަ ހިފެހެއްޓުމުގެ ބާރަށް ހުއްޓުމެއް ގެނެވެން ވެއްޖެ އެވެ.

ޖޫޑިޝަރީން އަޅުގަނޑު މެންގެ ފައިސާ ބޭކާރު ކުރަމުން ގެންދާ އިރު ވެސް އަޅުގަނޑުމެން ބަލަހައްޓައިގެން ތިބެންވީތޯ އެވެ؟ ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ގޮފިތައް ހަދައިގެން ކުރީ ކޮންކަހަލަ ބޭކާރު ޚަރަދެއްތޯ އެވެ. ޙާޞިލު ކުރެވުނީ ކޮން ކަމެއްތޯ އެވެ؟ ކޮންމެ ވެސް އަމިއްލަ އެޖެންޑާ އެއް އޮންނާނެ އެކޭ ވެސް ނުވަތަ ނުއޮންނާނެ އެކޭ ވެސް އަޅުގަނޑު ނުދަންނަވަމެވެ.

"ކޮމަންވެލްތުގެ ލެޓިމާހައުސް ގައިޑްލައިން އޮން ޕާލެމެންޓަރީ އެންޑް ޖޫޑިޝަލް އިންޑިޕެންޑެންސް"ގައި ވެސް ޖޫޑިޝަރީ ހިންގާނެ ގޮތް ނިންމާނީ ޖޫޑިޝަރީން ކަމަކަށް ނުއޮންނާނެ އެވެ. ޤާނޫނު ހެދުމުގެ ބާރަކީ ހަމައެކަނި ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ ރައްޔިތުންގެ މަންދޫބުން ނަށް ރައްޔިތުން ދީފައި އޮންނަ ބާރެކެވެ. ހިގަމުންދާ ޝަރީޢަތެއް، ނުވަތަ ނިމިިފައި އޮތް ޝަރީޢަތެއްގެ ޙުކުމް އައިސްފައި އޮތް ގޮތަކާއިމެދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކުމަކީ ނުވަތަ ބަހުސް ކުރުމަކީ ހުއްދަ ކުރާ ކަމެއް ނޫނެވެ. މައިގަނޑު ގޮތެއްގައި ޖޫޑިޝަރީ ހިގާނެ ގޮތަކާއި ޝަރީޢަތް ކުރާ މީހުން ހޯދާނެ ގޮތް ޤާނޫނުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއީ ސިޔާސީ ނިންމުމެކެވެ. ރިޔާސީ ނިޒާމުގައި އެންމެ ފުރަތަމަ ވެރިކަން ކުރަން ފެށި އެމެރިކާ އިން ވެސް އެކަން ނިންމަނީ ސެނޭޓުން ނެވެ. ރައީސްގެ ހޮވުމަށެވެ. ކޮމަންވެލްތުގެ ޤައުމުތަކުން ވެސް އެކަން ނިންމަނީ މަޖިލީހުން ފާސް ކޮށްފައި އޮންނަ ޤާނުނެއްގެ ތެރެއިން ނެވެ. ޝަރީޢަތްކުރާ ބައެއް މީހުންނަށް އޮޅިގެން ނުވަތަ ޤަސްދުގައި އޮޅުވާލައިގެން އުޅެނީ ޝަރުޢީ ދާއިރާގެ އިދާރީ ކަންތައްތައް ހިންގުމާއި، ސީދާ ޝަރީޢަތް ކުރުމަށް ކުރަން ޖެހޭ ކަންތައްތަކާ އެވެ. ޝަރީޢަތް ކުރުމާ އެއްވެސް ބަޔަކަށް ނުބެހެވޭނެ އެވެ. ޖޫޑިޝަލް ކޮންފްރެންސް ބާއްވައިގެން ޝަރީޢަތް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ވާހަކަ ވެސް ދެއްކެވޭނެ އެވެ. އެއް ވައްތަރެއްގެ މައްސަލަ އެއްގޮތަކަށް ނިންމު މަށް ބާރު ވެސް އެޅުއްވޭނެ އެވެ. ގަވައިދު ވެސް ހެއްދެވޭނެ އެވެ. އެކަމަކު ދަށު ކޯޓުގައި އޮތް މައްސަލައެއްގެ ހުރިހާ ފައިލްތައް މަތީ ކޯޓަކަށް ގެންދިއުން؟ އިސްތިޢުނާފް ކުރުމުގެ މާނަ އޮޅިއްޖެ އެވެ. ޝަރީޢަތް ކުރުމަށް ތިން މަރުޙަލާ އެއް އޮތުމުގެ ބޭނުން އޮޅިއްޖެ އެވެ.

ރާއްޖޭގެ ފަނޑިޔާރުން ނަށް އަމިއްލަ ފުއްދުން ތެރިކަން ލިބޭނީ ކިހާ ވަރެއް ވީމާތޯ އެވެ؟ ވަޒީފާގެ ގަރަންޓީ އޮތީ ދީފަ އެވެ. ދިރިއުޅޭނެ އެޕާޓުމެން ވެސް ވަނީ ދީ ފަ އެވެ. ބައެއް ފަނޑިޔާރުންނަށް، އިތުރު ބެލުމެއް ނެތި، އިތުރު ފުރޭނުމެއް ނެތި ވެސް އެޕާޓްމެންޓު ވަނީ ދީފަ އެވެ. ކާރު ދީފައިވެ އެވެ. ސިކިއުރިޓީ ދީފައިވެ އެވެ. ބޮޑު މުސާރައެއް އޮވެ އެވެ. މުޅި ޢާއިލާ އަށް މި ސަރަހައްދުގެ ޤައުމު ތަކުން ހިލޭ ބޭސްފަރުވާ ކުރެވެ އެވެ. ބޮޑު ޕެންޝަނެއް އޮވެ އެވެ. އަތުގައި ފައިސާ ހުރިއްޔާ މެލޭޝިއާ އިން ވެސް އެޕާޓުމެންޓު ގަންނަންވީ އެވެ. މި ހުރިހާ ކަމެއް އަޅުގަނޑުމެންގެ ނަމުގައި މި ކުރެވެނީ އެންމެ ބޭނުމަކަށެވެ. އަޅުގަނޑުމެން ހިތް ހަމަޖެހޭ އިތުބާރު އޮންނަ ވަރުގެ ޢަދުލު އިންޞާފެއް ލިބޭތޯ އެވެ؟ ލިބޭތޯ އެވެ؟

comment ކޮމެންޓް