ވިލިނގިލީގައި ގައުމީ ޔުނިވާސިޓީގެ ގޮތްޕެއް ގާއިމު ކުރުމަށް ރައީސްގެ އަރިހުގައި އެދެފި

ގއ. ވިލިނގިލި -- ފޮޓޯ/ޖަމްޝީދު އަލީ

ގއ. ވިލިނގިލީގައި ގައުމީ ޔުނިވާސިޓީގެ ގޮތްޕެއް ގާއިމު ކުރުމަށް އެ ރަށު ސަރުކާރުގެ އިސްވެރިން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހް ގއ. ކޫއްޑޫއަށާއި އެ އަތޮޅު ވިލިނގިއްޔަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލިނގިލީ މުއަސަސާތަކުގެ އިސްވެރިންނާއެކު މިރޭ ގއ. އަތޮޅު ހޮސްޕިޓަލުގައި ރައިސް ސޯލިހް ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ރަށު މުއަސަސާތަކުގެ އިސްވެރިން ވިދާޅުވީ، ވިލިނގިލީގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރެވޭނެ މަގު ސަރުކާރުން ތަނަވަސް ކޮށްދެއްވުމަކީ އެބޭފުޅުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެގޮތުން ރަށުގައި ގައުމީ ޔުނިވަރސިޓީގެ ގޮތްޕެއް ހުޅުވޭނެ މަގުފަހިކޮށްދެއްވުމަށް އެބޭފުޅުން ވަނީ ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހް ވިލިނގިލީ މުއަސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން ފޮޓޯ/ ރައީސް އޮފީސް

މިބައްދަލުވުމުގައި ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތައް އަދި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގައި މައުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވިލިނގިލީގެ މުއައްސަސާތަކުގެ އިސްވެރިން ވަނީ ރައީސް ސޯލިހާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެބޭފުޅުން ވަނީ އަތޮޅު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމާއި ހޮސްޕިޓަލުގައި ބައެއް ވަސީލަތްތައް ނެތުމުން ދިމާވާ އުނދަގޫތައް ރައީސަށް ދަންނަވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ވިލިނގިލީގެ މުވައްސަސާތަކުގެ އިސްވެރިން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބޭފުޅުންނަށް އަރުވާފައެވެ.

އެ ބައްދަލުވުމަށް ފަހު މިރޭ އެމަނިކުފާނު ވަނީ ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ބައްލަވާލައްވައި ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާވެސް ބައްދަލު ކުރައްވާފައެވެ.

ރައީސް ސޯލިހުގެ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑޮވުންތައް އަޑުއައްސަވައިފަ އެވެ.

https://www.sun.mv/115764

comment ކޮމެންޓް