ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލާ ރައީސް ބައްދަލު ކުރައްވައިފި

ރައީސް ސޯލިހައ ވިލިނގިލީ ކައުންސިލާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ގއ. ކޫއްޑޫއަށާއި ވިލިނގިއްޔަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގެ ގއ. އަތޮޅު ކައުންސިލް އަދި ވިލިނގިލީ ކައުންސިލާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ސޯލިހް މިއަދު ވިލިނގިއްޔަށް ވަޑައިގެންނެވީ، ކޫއްޑޫގައި ބާއްވާ "މަސްދޯނި އެކައުންޓް" އިފްތިތާހް ކޮށްދެއްވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން މިއަދު ހަވީރު ރައީސް ސޯލިހް އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ އެވެ. ވިލިނގިލީގައި ހުންނަ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، އަތޮޅު ކައުންސިލުން ގއ. އަތޮޅުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތައް އަދި އަތޮޅުގެ ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށްރަށުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް އަތޮޅު ކައުންސިލުން ވަނީ ރައީސް ސޯލިހާ ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން ރަށްރަށުގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަން އެ މެމްބަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އަތޮޅުގެ ރަށްރަށުގައި ކުށް ގިނަވަމުން ދާތީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލް މެންބަރުން ވަނީ ރައީސް ސޯލިހްގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

ގއ. އަތޮޅު ކައުންސިލާ ރައީސް ސޯލިހް ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އަތޮޅު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީން ރައީސް ސޯލިހް ކައުންސިލް މެމްބަރުންނަށް އެރުވި އެވެ. އަދި، ބަޖެޓު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ކައުންސިލްތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ސޯލިހް މި ބައްދަލުވުމުގައި ވިދާޅުވި އެވެ.

ވިލިނގިލީ ކައުންސިލާ ބައްދަލު ކުރެއްވުން

މި ދަތުރުފުޅުގައި ރައީސް ސޯލިހް މިއަދު ވަނީ ވިލިނގިލީ ކައުންސިލާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ވިލިނގިލީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ކައުންސިލް މެމްބަރުން ވަނީ، ވިލިނގިލީ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާއި ރަށުގެ ތަރައްގީއަށް ޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސް ސޯލިހާ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ވިލިނގިލީގައި ފުރިހަމަ ނުވާ އުމްރާނީ ވަސީލަތްތަކާއި އަސާސީ ހިދުމަތްތައް ހުރިކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ކައުންސިލް މެމްބަރުން ރައީސް ސޯލިހަށް އެރުވި އެވެ. އަދި ރަށުގެ އިޖުތިމާއީ ތަރައްގީ އަށާއި އިގްތިސާދީ ތަރައްގީއަށްޓަކައި ކައުންސިލުން ރާވާފައިވާ ކަންކަންވެސް ރައީސް ސޯލިހްއާ ހިއްސާ ކުރެއްވި އެވެ.

ރައީސް ސޯލިހް ވިލިނގިލީ ކައުސިލް މެމްބަރުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ، ވިލިނގިލީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ސަރުކާރުގެ ތެރެއިންހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ޔަގީން ކަން ކައުންސިލް މެމްބަރުންނަށް ދެއްވައިފަ އެވެ.

ރަށްރަށުގެ ކައުންސިލްތަކާ އެކު ބާއްވަވާ މިފަދަ ބައްދަލުވުންތަކުގެ ބޭނުންފުޅަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ދެނެގަތުންކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވަނީ، ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާއަށް ދެވަނަ ދައުރަކަށް ވާދަ ކުރައްވާ، މިހާރުގެ ވެސް މެމްބަރު ސައުދު ހުސައިން އާއި ރައީސް ސޯލިހް ނިސްބަތްވާ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ވިލިނގިލީ ދާއިރާ ކެންޑިޑޭޓް ހާރޫން ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް