ހުޅުމާލޭގައި ބޮލަށް ގަލެއް ވެއްޓި މަރުވި މީހާ ވަޅުލައިފި

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަދަމުން ދިޔަ އިމާރާތަކުން މިދިޔަ ހޮނިހިރު ދުވަހު ވެއްޓުނު ގަލެއް ބޮލުގައި ޖެހި، މަރުވި މީހާ ވަޅުލައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު "ސަން" އަށް ވިދާޅުވީ ގަލެއް ވެއްޓިި މަރުވި މީހާ އިއްޔެ މާލޭގައި ވަޅުލާފައިވާ ކަމަށެވެ. އޭނާ އަކީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ މީހެއްކަމަށް ވެސް އިޒްމިޔާ ވިދާޅުވި އެވެ.

ހާދިސާގައި މަރުވީ 44 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ހާދިސާގައި ގާ ވެއްޓުނީ އިމާރާތުގެ ފަސް ވަނަ ފަންގިފިލައިންނެވެ.

އައިއެންއެންއެފް ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތުގެ ސަލާމަތީ ކަންތައް ފުރިހަމަކޮށްފައިވޭތޯ ސުވާލު ދެންނެވުމުން އިޒްމިޔާ ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ދަންނަވަން ނޭނގޭ ކަމަށެވެ.

ގާ ވެއްޓުނު އިރު ބިދޭސީ މީހާ ހުރީ ހުޅުމާލެ ލޮޓް ނަންބަރު 10798 އާ 10779 އާ ދޭތެރޭ ކަމަށާއި ގާ ވެއްޓުނީ ލޮޓް ނަންބަރު 10799 މަތިން ކަމަށެވެ. އޭރު އެ އިމާރާތުގައި ދިޔައީ ސިމެނތި ޖަހާ، އެޅިގާ ޖެހުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އިޒްމިޔާ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި ސައިޓު ހުރީ އޮނުގަސްމަގާއި މިދިލިމަގާ ދެމެދު، އޮނުގަސްމަގަށް ވާގޮތަށް ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގަލދޭޝްގެ ކުޑަކުއްޖަކު މަރުވެފަ އެވެ.

އެ މަރާ ގުޅިގެން ސަރުކާރުން ވަނީ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިންސްޕެކްޝަނެއް ވެސް ހަދައިފަ އެވެ. އަދި އިމާރާތް ކުރުމުގެ ސަލާމަތާ ބެހޭ ގަވާއިދެއް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެކުލަވާލައި އަމަލު ކުރަން ފަށައިފަ އެވެ.

comment ކޮމެންޓް