ރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރި ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ފޮރިން މިނިސްޓަރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރި ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މިހާރު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އެމެރިކާގެ އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހުގެ ޓްރޭޑް އެންޑް ޕޮލިސީ އިކޮނޮމިކްސް އެޑް ގްރެސާ އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެމެރިކާގެ މާކެޓުތަކަށް އެކްސޕްޯޓުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވައިފައެވެ.

މިނިސްޓަރު ޝާހިދު އެމެރިކާ އަށް ކުރައްވާ ދަތުރުފުޅަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ޔޫއެސްއެއިޑުން ރާއްޖެއަށް ދޭ އެހީއެއްގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު މިއަދު ވަނީ ރާއްޖެ ޑިމޮކްރަސީއަށް ކުރާ ދަތުރާ ގުޅޭގޮތުން އެޓްލާންޓިކް ކައުންސިލުން ބޭއްވި ވަށް މޭޒު ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ފާހަގަ ކުރައްވައިފައެވެ.

މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރަކު އެމެރިކާއަށް ދަތުރު ކުރައްވާ ފުރަތަމަ ފަހަރެވެ.

މިނިސްޓަރ ޝާހިދު ވޮޝިންގްޓަން ޑީސީއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފަހު، މި މަހުގެ 25 އިން 27 އަށް ޖެނީވާއަށް ވަޑައިގަންނަވާނެއެވެ. މިއީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަށްފަހު ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރު އަބޫދާބީއަށްވެސް ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް