ވީބީ ހަސަންގެ ކެންޑިޑެންސީ ބަލައި ނުގަތް ނިންމުމާ ދެކޮޅަށް ވަގުތީ އަމުރެއް

ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް އަށް ފޯމު ހުށަހަޅުއްވަނީ ---

ކުރިއަށް މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރެއްވުމަށް ވީބީ ބްރަދާސްގެ މެނޭޖިންގް ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ހުށަހެޅި ފޯމު ބަލައި ނުގަތް މައްސަލަ މަޑު ޖައްސާލަން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަންގައިފި އެވެ.

ވީބީ ހަސަންގެ ކެންޑިޑެންސީ ފޯމު ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ސާބިތު ދަރަންޏެއް އޮވެ އެ ދަރަންޏާ އެއްގޮތަށް ފައިސާ ނުދައްކާތީ އެވެ.

އެމައްސަލަ ވީބީ ހަސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނިމެންދެން އޭނާގެ ކެންޑިޑެންސީ ފޯމު ބަލައި ނުގަންނަން ނިންމި ނިންމުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި ނަމަ ދެން އެކަމާ މެދު ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު ބުނެ އެވެ.

ސާބިތު ދަރަންޏެއް އޮންނަ ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

އިންތިހާބުގައި ބައިވެރިނުވެވޭ ޝަރުތުތައް

  • އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  • ފަނޑިޔާރަކު ކަމުގައިވުން
comment ކޮމެންޓް