މަހުލޫފު އޭސީސީ އަށް ހާޒިރުކޮށް ބަޔާންނަގައިފި

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާ ކުޅިވަރާ ޒުވާނުންނާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އެކައުންޓަށް ޖަމާވި މައްސަލާގައި އެންޓިކޮރަޕްޝަން ކޮމިޝަަނަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކޮށް އޭސީސީ އިން އާންމު ކުރި ރިޕޯޓުގައި ހިޔާނާތުގެ ފައިސާ މަހުލޫފުގެ އެކައުންޓަށް ޖަމާވި ކަމަށް ފާހަގަކޮށްފައިވާތީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގޭގައި މަޑުކުރައްވަން އަންގަވާފައި ވަނިކޮށް މަހުލޫފު އޭސީސީ އަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީސީ އަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަވައިދެއްވުން،" މަހުލޫފު ވިދާޅުވި އެވެ.

މައްސަލަ ބަލައި ނިމެންދެން މަހުލޫފު ގޭގައި މަޑުކުރަން އަންގަވާފައިވާ އިރު މަހުލޫފުގެ އެކައުންޓަށް ޖަމާވެފައި ވަނީ 33000 ޑޮލަރު (508،860 ރުފިޔާ) ކަމަށް ރިޕޯޓުގައިވެ އެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން މަހުލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ.

އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށާއި އަދި އެ މުއާމަލާތް މަހުލޫފުގެ އެކައުންޓު މެދުވެރިކޮށް ކޮށްފައި ވަނީ އޭނާގެ ކޮއްކޮ (ވިޔަފާރި ކުރި ފަރާތުގެ) ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

އެސްއޯއެފްގެ އެކައުންޓުން މުއާމަލާތް ކުރި އެކައުންޓުތަކުގެ ތެރޭގައި މަހުލޫފުގެ އެކައުންޓު ހިމެނޭކަމުގެ މައުލޫމާތު ލިބިލެއްވުމުން ކަން ހިނގައި ދިޔަ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި މަހުލޫފާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް