ފެންކުންފުނީގެ ޗެއާމަން މައުސޫމް ގޭގައި މަޑުކުރަން އަންގަވައިފި

ފެންކުންފުނީގެ ޗެއާމަކަށް އައްޔަނުކުރި މައުސޫމް---

ފެންކުންފުނީގެ ޗެއާމަން ގ. ޕްލެޒެންޓް ވޭވްސް އަހުމަދު މައުސޫމް ގޭގައި މަޑުކުރަން އަންގަވައިފި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ފެން ކުންފުނީގެ ޗެއާމަނަކަށް އައްޔަނު ކުރެއްވި މައުސޫމް ގޭގައި މަޑުކުރައްވަން އެންގެވީ މިއަދު އެވެ.

އޭނާ ގޭގައި މަޑުކުރައްވަން އެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެފައިވާތީ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ބުނެފައި ވަނީ ގ. ޕްލެޒެންޓް ވޭވްސް އަހުމަދު މައުސޫމުގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ހިޔާނަތުގެ ފައިސާ އިން އަށް ލައްކަ ޑޮލަރު ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ ރިޕޯޓާ ގުޅިގެން ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.

މި ސަރުކާރަކީ ކޮރަޕްޝަނުގެ އަމަލުތަކަށް ޒީރޯ ޓޮލަރެންސް ދޭނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ނޯޓް: މި ޚަބަރުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ކަމަށް ކުރިން ލިޔެވުނީ އޮޅުމަކުން. ރަނގަޅު ގޮތަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން. އެ ކުށަށް އަބްދުﷲ ކަމާލުއްދީންގެ އަރިހުން އަދި ކިއުންތެރިންގެ ކިބައިން މައާފަށް އެދެން.

-އެޑިޓަރު-

comment ކޮމެންޓް