ދެވަނަ ލެގުން ލިވަޕޫލް ކުރި ހޯދާނެކަމުގެ ޔަގީންކަން އެބައޮތް: ހެންޑާސަން

ލިވަޕޫލްގެ ކެޕްޓަން ޖޯޑާން ހެންޑާސަން -- ފޮޓޯ/ ޖޭމީ ސްމިތް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ލިވްޕޫލްއާއި ބަޔާން މިއުނިކް ބައްދަލު ކުރި މެޗު އެއްވަރު ވީ ނަމަވެސް ބަޔާންގެ ދަނޑުގައި ކުޅޭ މެޗުގައި އެ ޓީމު ބަލިކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ލިވަޕޯލްގެ ކެޕްޓަން ޖޯޑަން ހެންޑާސަން ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ ލިވަޕޫލްގެ ރަސްމީ ދަނޑުގައި (އެންފީލްޑް ސްޓޭޑިއަމް) ކުޅެވުނު އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އޮވެއެވެ. ދެ ޓީމުންވެސް އެކަށީގެންވާ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު ރޭގެ މެޗަށް ދެ ޓީމުގެ ވެސް މުހިއްމު ބައެއް ކުޅުންތެރިން އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ. މިދެޓީމުގެ ދެވަނަ ކުރިމަތިލުން އަންނަ މަހުގެ 13 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު ބަޔާން ކައިރިން ލިވަޕޫލްއަށް ކުރި ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ލިވަޕޫލްގެ ކެޕްޓަން ރޭގެ މެޗަށް ފަހު ވަނީ ބުނެފައެވެ.

ލިވަޕޫލްއާއި ބަޔާން މުނިކް ރޭ ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ޖޭމީ ސްމިތް

"އެމީހުންގެ އަމިއްލަ ދަނޑަށް ގޮސް ނަތީޖާ ބަދަލު ކޮށްލުމަކީ އުނދަގޫވާނެ ކަމެއް. އެންމެނަށް ވެސް އެނގޭނެ ފަދައިން ބަޔާންއަކީ ޔޫރަޕުގެ އެންމެ ގަދަ އެއް ބާރު. އަހަރަމެންނަކީ މި މުބާރާތުގެ ތަޖުރިބާ އޮތް ޓީމެއް. އެމީހުންގެ [ބަޔާންގެ ސްޓޭޑިއަމް] ގައި ކުޅޭ މެޗު އަހަރަމެން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް،" ހެންޑާސަން ބުންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފޯވާދް މުހައްމަދު ސަލާހްއާއި ސާޑިއޯ މާނޭއަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ. ލިވަޕޫލްގެ އެޓޭކިންގް ތިން ކުޅުންތެރިންގެ ފަރާތުން ރޭ ފެނިގެން ދިޔައީ އެންމެ އެދެވޭ ކުޅުމެއް ނޫން ކަމަށާއި ލިބޭ ފުރުސަތު ތަކުގެ ބޭނުން ނުހިފުމުން ޓީމު ކުޑަކޮށް މާޔޫސް ވި ނަމަވެސް ޖުމްލަކޮށް ޓީމުގެ ކުޅުމާއި ދޭތެރޭ ހިތް ހަމަ ޖެހޭ ކަމަށް ހެންޑާސަން ވަނީ ބުނެފައެވެ.

comment ކޮމެންޓް