ޜޭގެ ނަތީޖާއަކީ އަމިއްލަ ދަނޑަށް ގެންދަން ނުރައްކާތެރި ނަތީޖާއެއް: ވަލްވާޑޭ

ބާސެލޯނާއާއި ލިޔޮން ބައްދަލު ކުރި މެޗުގެ ތެރެއިން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ / ޑޮމް ފެރަލް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ލިޔޮންއާއި ބައްދަލު ކުރި މެޗުގެ ނަތީޖާ އަކީ އަމިއްލަ ދަނޑަަށް ގެންދަން ލިބުނު ވަރަށް "ނުރައްކާތެރި" ނަތީޖާއެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ރޭގެ މެޗުގައި ދެ ޓީމަށްވެސް ގޯލެއް ނުޖެހުނު ނަމަވެސް މެޗު ކޮންޓްރޯލުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސާއެވެ. އެ މެޗުގައި ބާސެލޯނާގެ ފޯވާޑް ލައިންގެ ފަރާތުން ފެނިފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން ރޭގެ މެޗުގައި އޭނަގެ ޖާދޫ އެންމެ ފުރިހަމައަށް ދެއްކިފައެއް ނުވެއެވެ.

ރޭގެ މެޗުގެ ދެ ހާފު ވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ބާސެލޯނާއާއި ލިޔޮން ބައްދަލު ކުރި މެޗުގެ ތެރެއިން ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް --- ފޮޓޯ / ޑޮމް ފެރަލް

އަންނަ މަހުގެ 13 ވަނަ ދުވަހު މި ދެޓީމުގެ ދެވަނަ ކުރިމަތިލުން ބާސެލޯނާގެ ދަނޑުގައި އޮތުމުން ބާސެލޯނާއަށް މެޗު ކާމިޔާބު ކުރަން ފަސޭހަވި ނަމަވެސް ރޭގެ މެޗުގެ ނަތީޖާގެ ސަބަބުން ބާސެލޯނާގެ ކޯޗު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

" ޗެމްޕިއަންސްލީގުގައި ރަށުން ބޭރު ދަނޑެއްގައި މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް. މެޗު އެއްކޮށް ޑޮމިނޭޓް ކުރީ އަހަރަމެން. މެޗު ފެށުނު ވަގުތު އެ ޓީމުން ހަމަލާތަކެއް އުފެއްދި ނަމަވެސް އަހަރަމެނަށް ގޯލު ޖަހާނެ ގިނަ ފުރުސަތު މެޗުގައި ލިބުނު،" ރޭގެ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވަލްވާޑޭ ބުންޏެވެ.

މީގެ އިތުރުން ބާސާގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ފަސޭހަ ކޮށް ނުލެވޭނެ ކަމަށާއި ލިޔޮން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗަކުން ބަލިވެފައި ނުވާ ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ. އަދި ރޭގެ މެޗުގައި ލިބުނު ފުރުސަތުތައް ބޭނުން ނުހިފުމުން ދެން މެޗެއްގައި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކޯޗުގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

comment ކޮމެންޓް