ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޔޫތު ޗެމްޕިއަންޝިޕް އީގަލްސްއިން ކާމިޔާބު ކޮށްފި

އީގަލްސްއާއި ޓީސީ ބައްދަލު ކުރި ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ / ބޯޅަ.އެމްވީ

އެފްއޭއެމްގެ ޔޫތް ޗެމްޕިއަންޝިޕްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ކުލަބް އީގަލްސް އިން ހަތަރުވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އަނެއްކާވެސް އުފުލާލައިފިއެވެ.

ޔޫތު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް ރޭ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 0-1 ގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ބަލި ކުރުމަށްފަހު އެވެ. ދެ ޓީމު ވެސް ފައިނަލަށް ދަތުރު ކުރީ އެއްވެސް މެޗަކުން ބަލި ނުވެއެވެ. މި ދެ ޓީމުގެ ކުރިމަތިލުމެއް 2016 ވަނަ އަހަރުގެ ފައިނަލުގައި ވެސް ފެނިގެން ގޮސްފައިވާ އިރު 3-5 ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް އެ އަހަރުގެ ޗެމްޕިއަންކަން ނެގީ ވެސް އީގަލްސްއެވެ.

އީގަލްސް އިން މި މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން 2016، 2017 ވަނަ އަހަރުގެ މި މުބާރާތް ވެސް އީގަލްސް އިން ވަނީ ކާމިޔާބުކޮށްފައެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅެވުނު ޔޫތު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ބަލާ ހިތްވާފަދަ ހިތްގައިމު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް މެޗު ފެށުނީއްސުރެން ނިމޭން ދެން މެޗުގައި ގިނަ ހަމަލާތައް އުފައްދައި ޑޮމިނޭޓް ކުރަމުން ދިއައީ އީގަލްސްއެވެ.

އީގަލްސް އިން މެޗުގައި ޖެހި ހަމައެކަނިި ގޯލު މެޗުގެ 32 ވަނަ މިނެޓުގައި ޖަހައިދިނީ މި މުބާރާތުގައި އެ ޓީމަށް މުހިއްމު ގޯލުތަކެއް ޖަހައިދީފައިވާ މުހައްމަދު އަޒުމޫން އެވެ. ނަގައިދިން ކޯނަރަކުން އީގަލްސްގެ ހައިޝަމް ހަސަން ބޮލުން ޖައްސާލި ޕާހަކުން ގޯލުގެ ތެރެއަށް އޭނާ ވަނީ ފޮނުވާލާފައެވެ. ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޒުމޫން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އީގަލްސްއަށް ލީޑު ފުޅާ ކުރުމަށް ހުސް ފުރުސަތު ތަކެއް ލިބުނު އިރު އެ ފުރުސަތުތައް ވަނީ އެންމެ ރަނގަޅަށް ބޭނުން ނުކުރެވި ބޭކާރު ވެފައެވެ. އެ ޓީމުގެ ކެޕްޓަން އަށް ހަސަން ރާއިފް (ހަންނަ) އަށް ގޯލު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބިފައިވާ އިރު އޭނަ ފޮނުވާލި އެއް ހަމަލާ ވަނީ ޓީސީގެ ގޯލު ދަނޑިއާ އަމާޒުވެފައެވެ.

މީގެ އިތުރުން ޓީސީއަށް ވެސް ގޯލު ޖަހާނެ ފުރުސަތު ތަކެއ ވަނީ ލިބިފައެވެ. އީގަލްސްގެ އެއް ނަންބަރު ކީޕަރަށް ސެމީ ފައިނަލުގައި ދެއްކި ރަތް ކާޑާއި ގުޅިގެން ރޭގެ މެޗުގައި ކުޅެން އަރާ ހުރި އެ ޓީމުގެ ދެވަނަ ކީޕަރު މުހައްމަދު ސިނާހު ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާ އީގަލްސްގެ ގޯލަށް ބޯޅަ ދިޔަ ނުދީ ހިފާއްޓާފައެވެ.

މިއަހަރުގެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވިފައި ވަނީ އެ ޓީމުގެ ކީޕަރު މާހީ އަބްދުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ އީގަލްސް ހަންނަ އާއި ސައިފުﷲ އިބްރާހިމް އަދި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އެވެ.

comment ކޮމެންޓް