މެކްސިކޯ ފާރުގެ މައްސަލައިގައި އެމެރިކާގެ 16 ސްޓޭޓަކުން ކޯޓަށް

ޓްރަމްޕް ވަނީ މެކްސިކޯގެ ބޯޑަރުގައި ފާރު ރާނަން ފައިސާ ހޯދުމަށް ކުއްލި ހާލަތު އިއުލާން ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ފެބްރުއަރީ 19): އެމެރިކާ އާއި މެކްސިކޯގެ ބޯޑަރުގައި ފާރެއް ރޭނުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެން އެމެރިކާގެ 16 ސްޓޭޓަކުން އެކަމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ޓްރަމްޕް ކުއްލި ހާލަތު އިއުލާން ކުރެއްވީ، މެކްސިކޯގެ ބޯޑަރުގައި ފާރެއް ރާނަން ބޭނުންވާ 5.7 ބިލިއަން ޑޮލަރު އެގައުމުގެ ބަޖެޓުގައި ހިމަނަން ޕާލިމެންޓުން ދެކޮޅު ހެދުމުންނެވެ. ޓްރަމްޕް މިހާރު ތަސްދީގު ކުރައްވާފައިވާ އެބަޖެޓުގައި ފާރު ރާނަން ކަނޑައަޅާފައި ވަނީ 1.375 ބިލިއަން ޑޮލަރެވެ.

އަދި ކުއްލި ހާލަތު އިއުލާން ކުރުމުން، އަސްކަރިއްޔާ ނުވަތަ ޑިޒާސްޓާ ރިލީފް ބަޖެޓަށް ހާއްސަކޮށްފައިވާ ފައިސާ ޑައިވާޓު ކުރުމުގެ ބާރު ރައީސަށް ލިބިގެންދާނެ އެވެ.

އަދި ޓްރަމްޕް ވަނީ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ފާރު ރާނަން އަށް ބިލިއަން ޑޮލަރު އެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި ޓްރަމްޕް ބޭނުންފުޅުވާ 3،200 ކިލޯމީޓަރުގެ ފާރު ރާނަން 23 ބިލިއަން ޑޮލަރު ހަރަދު ވާނެ އެވެ.

ނަމަވެސް 16 ސްޓޭޓުގެ ކޯލިޝަނަކުން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ޕާލިމެންޓުން ފާސްކޮށްފައިވާ ބަޖެޓުގެ ފައިސާ ޑައިވާޓު ކުރުމުގެ ބާރު ރައީސަށް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ.

"ރައީސް ޓްރަމްޕާ ދެކޮޅަށް މައްސަލަ ހުށަހެޅީ، ކޮންގްރެސްއިން ރައްޔިތުންނަށް ކަނޑައަޅާފައިވާ ފަންޑުތަކުން ވައްކަން ކުރުން ހުއްޓުވުމަށް،" ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ޒޭވިއާ ބެސެރާ ވިދާޅުވި އެވެ.

ކެލިފޯނިއާއާ އެއްކޮށް ކޯޓަށް މައްސަލަ ހުށަހެޅި ސްޓޭޓުތަކުގެ ތެރޭގައި ކޮލޮރާޑޯ، ކަނެޓިކަޓް، ޑެލަވެޔާ، ހަވާއީ، އިލިނޯއި، މެއިން، މެރިލެންޑް، މިނިސޯޓާ، ނެވާޑާ، ނިއު ޖާޒީ، ނިއު މެކްސިކޯ، ނިއު ޔޯކް، އޮރެގަން، ވާޖީނިއާ އަދި މިޝިގަން ހިމެނެ އެވެ.

ނަދަން ކެލިފޯނިއާގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި އެމައްސަލައާ ބެހޭ ގޮތުން ވައިޓް ހައުސްއިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް