އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައީސް އޮފީސް -- ސަން ފައިލް ފޮޓޯ

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ގ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެމްބަރު ކަމަށް އެދޭ ފަރާތްތަކުގެ 11 ޝަރުތެއް ހަމަވާން ޖެހެ އެވެ. އޭގެ ތެރޭގައި 30 އަހަރު ފުރި ބުއްދި ހަމައަށް ހުރި މުސްލިމު ދިވެެއްސަކަށް ވުމުގެ އިތުރަށް ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމާ އެކު، ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ އިތުރަށް، ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފަކަށް ވެގެން ނުވާނެ ކަމަށާއި، އެފަދަ އިދާރާއެއްގެ މުވައްޒަފެއްގެ ގާތް ތިމާވެ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝަރުތުތަކުގައިވެ އެވެ.

އޭގެ އިތުރުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ވެގެން ނުވާނެ އެވެ. އަދި އެމީހަކީ ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަައް އަދާކުރެވޭ ފަދަ ގާބިލު މީހަކަށް ވާންޖެހޭ އިރު، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި އެހެން އެއްވެސް މަގާމެއް އަދާކޮށްގެން ނުވާނެކަމަށް ވެސް ޝަތުރުތަކުގައި ހިމެނެ އެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް އެެދޭ ފޯމާއި އިގްރާރު ހުށަހަޅާ އިރު، ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ފޯމުގެ އިތުރުން ދަރަނީގެ ރެކޯޑު ފޯމު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ.

ނޭޝަނަލް އިންޓަގްރީ ކޮމިޝަނުގެ ގާނޫނަކީ ފުލުހުންގެ މުއައްސަސާ، އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް އަދި ކަސްޓަމްސްގެ މައްޗަށް ހިނގާ ގާނޫނެކެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެއެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް