ބީއެމްއެލް އިން "އަހަރެންގެ ބޭންކް ކޮމިޔުނިޓީ ފަންޑު" އިފްތިތާހުކޮށްފި

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ބީއެމްއެލް

މުޖުތަމައަށް ފައިދާ ހުރި އެކި ޕްރޮޖެކްޓުތައް ހިންގުމަށް ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން އަހަރެންގެ ބޭންކް ކޮމިޔުނިޓީ ފަންޑް އިފްތިތާހުކޮށްފި އެވެ.

މި ފަންޑަކީ މުޖުތަމައަށް ބޭނުންވާ އެކި ޕްރޮގްރާމުތައް ހިންގުމަށް އަމިއްލަ ފަރުދުންނަށާއި ޖަމްއިއްޔާތަކަށް ފައިސާ ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

"އަހަރެންގެ ބޭންކް ކޮމިޔުނިޓީ ފަންޑު" ޕްރޮގްރާމުގެ ދަށުން އަހަރުގެ ހަތަރު ކުއާޓަރު ތެރޭގައި ޖުމްލަ އެއް މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ބީއެމްއެެލް އިން ބުންޏެވެ.

"އަޅުގަނޑުމެން ފަންޑު ދިނުމުގައި ހަތަރު ކުއާޓަރަށް ބަހާލައިގެން ކޮންމެ ކުއާޓަރަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ. މުޖުތަމައަށް ފައިދާ ހުރި، ދެމެހެއްޓެނިވި ޕްރޮޕޯޒަލްތަކެއް ލިބޭނެ ކަމަށް މިބަލަނީ،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ތިމާވެއްޓާއި ތައުލީމު، ދުޅަހެޔޮ ސިއްހަތު ފަދަ ދާއިރާތަކުން ޕްރޮޕޯޒަލް ހުށަހެޅިދާނެ ކަމަށެވެ.

"މުޖުތަމައަށް ބޭނުންވާ ތަރައްގީ އަށް ނުވަތަ މުޖުތަމައަށް ބޭނުންވާ ހާއްސަ ޕްރޮގްރާމަކަށް ވެސް ޕްރޮޕޯޒަލް ހުށަހެޅިދާނެ،" ސައީދު ވިދާޅުވީ ކޮންމެ ކުއާޓާއެއްގައި ވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯޒަލް ހޮވައި ޕްރޮޕޯޒަލް ގައި ބުނެފައިވާ ޕްރޮގްރާމް ހިންގުމަށް 50،000 ރުފިޔާ ދޭނެ ކަމަށެވެ.

https://www.bankofmaldives.com.mv/community

ޕްރޮޖެކްޓަށް ފައިސާ ދިނުމުގައި ޕްރޮޖެކްޓްގެ ސަބަބުން މުޖުތަމައަށް ކުރާނެ ފައިދާތަކަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއްތޯ ބަލާނެ ކަމަށް ވެސް ސަޢީދު ވިދާޅުވި އެވެ.

މި ކުއާޓަރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މާޗު މަހުގެ 12 ގެ ނިޔަލަ ވަނީ ހުޅުވާލައިފަ އެވެ.

އަހަރެންގެ ބޭންކް ކޮމިޔުނިޓީ ފަންޑާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފައި ކަމަށެވެ. މި ފަންޑާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ބޭންކުން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މުޖުތަމައުއަށް އެކި ދާއިރާތަކުން އެހީތެރިވުމަށް ބީއެމްއެލް އިން އަހަރެންގެ ބޭންކް ކޮމިޔުނިޓީ ޕްރޮގްރާމް ތައާރަފުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ އެންމެ ރަނގަޅު ޕްރޮޕޯސަލް ކުރިއަށް ގެންދިއުމަށް 200،000 ރުފިޔާ ވަނީ ދީފަ އެވެ.

comment ކޮމެންޓް