އެމްޑީޕީގެ ޖުޑިޝަލް ރިފޯމް އެޖެންޑާއަށް އުއްތަމަ ފަނޑިޔާރުގެ ނުސީދާ ފާޑުކިޔުން!

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް އެކުލަވާލާފައިވާ އެޖެންޑާ 19ގައި ހިމެނޭ ޝަރުއީ ދާއިރާއާ ގުޅޭ ބައެއް ކަންތައްތަކަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިިއަދު ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އެކުލަވާލާފައިވާ އެޖެންޑާ 19ގައި ހިމެނޭ އެ ޕާޓީގެ ޖުޑިޝަލް ރިފޯމްއާ ބެހޭ ބައިގައި ވަނީ ސުޕްރީމް ކޯޓުގެ ބާރުތައް މިހާރު ހުރި ވަރަށް ވުރެ ދަށް ކުރުމަށް ހުށަހަޅައިފަ އެވެ. މިއަދު ޖުޑިޝަރީ ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ފާޑު ވިދާޅުވެފައި ވަނީ އެ ހުށަހެޅުމަށެވެ.

"ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމުގެ ގޮތުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓަށް ލިބިގެންވާ ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ އިސް ފަރާތުގެ ހައިސިއްޔަތު ނިގުޅައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ވެސް އަޅުގަނޑު ދަންނަވާލަން ޖެހޭ ވާހަކަތަކެއް އެބަ އޮތް،" އެމަނުކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ކޯޓުތައް ވެސް ތަރުތީބުވެފަައި ވަނީ ދަށު ކޯޓުތަކަށް ވުރެ ސުޕީރިއާ ކޯޓުތައް ބާރުގަދަވާ ހައިރާކީއެއްގެ މައްޗަށް ކަމަށެވެ. އެހެން އެ ނިޒާމު އޮންނަ އިރު ސުޕްރީމް ކޯޓަށް ބެލެނެވެރިކަމުގެ ޒިންމާތައް ލިބިދެނީ ވަރަށް މުހިންމު މަގުސަދުތަކަށް ޓަކައި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ކޯޓަށް ބާރުތައް ލިބިދީފައި އޮންނަން ޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ސަބަބު ހާމަ ކުރެއްވުމުގެ ގޮތުން، އެމެރިކާގެ ސުޕްރީމް ކޯޓު އެކުލަވާލި އިރު އެ ކޯޓަށް އައްޔަން ކުރި ފަނޑިޔާރެއް ކަމަށްވާ އެސޯސިއޭޓް ޖަސްޓިސް ޖޭމްސް ވިލްސަން ދެއްކެވި ވާހަކަފުޅެއް އެމަނިކުފާނު މިއަދު ވަނީ ހިއްސާ ކުރައްވައިފަ އެވެ.

"އޭނާ [ޖަސްޓިސް ވިލްސަން] ވިދާޅުވެފައި ވަނީ ކޮންމެ ޖުޑިޝަރީއެއްގައި ވެސް އިހުތިސާސް ދަރަޖަތަކަށް ތަރުތީބުވެގެންދާ ގޮތަށް ކޯޓުތައް ހުރެފައި، ހުރިހާ ކޯޓުތަކެއް ސުޕާ އިންޓެންޓްކޮށް ގަވާން ކުރުމަށް ޓަކައި އެންމެ މަތީ ކޯޓެއް ހުންނަން ވާނެކަމަށް. އަދި އެގޮތަށް ނިޒާމު އޮންނަން ޖެހޭނީ ދެ ސަބަބަކަށްޓަކައި ކަމަށް ވިދާޅުވި. ފުރަތަމަ ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އެންމެ މަތީ ކޯޓެއްގެ ބެލުމުގެ ދަށުން މުޅި ނިޒާމުގެ ޔުނިފޯމިޓީ ކަށަވަރުކުރުން. ދެވަނަ ސަބަބެއް ކަމަށް ވިދާޅުވީ، ދަށު ކޯޓުތައް އެ ކޯޓުތަކުގެ އިހުތިސާސްގެ ތެރޭގައި ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މުޅި ނިޒާމުގައި އެންމެ މަތީ ކޯޓެއް ނުހުންނަ ނަމަ، އެކިއެކި ކޯޓުތަކުން ވަކިވަކި ގޮތްތަކަށް ނިންމުންތައް ނިންމައި ވަކިވަކި ގޮތްތަކަށް އަމަލު ކުރާނެ ކަމަށް ޖަސްޓިސް ވިލްސަން ދެކިވަޑައިގެންނެވި ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުށޫ އަރާ ހަމަތަކާއި އުސޫލުތައް އައިސް، އެ މައްސަލަތަކަށް ގާނޫނީ ފަރުވާ ހޯދޭނެ ނިޒާމެއް ނެތި މުޅި ނިޒާމު އޮޅުން ބޮޅުމުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް އޭނާ ދެކެވަޑައިގެންނެވިކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

https://sun.mv/114607

"މި ދެންނެވި ފަދަ އިލްމީ އަދި ފަންނީ ވިސްނުންތަކުގެ މައްޗަށް ބުރަވެ ބިނާކުރެވިފައި ހުންނަ ނިޒާމުތައް މުގުރާލައި ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އޭރަކު ހިތަށް އެރި ގޮތަކަށް ނިޒާމަށް ހަދަމުން ގެންދާހާ ހިނދަކު އަޅުގަނޑުމެންނަކީ ގާނޫނުގެ ހުކުމާއި މަބްދައުއްދުސްތޫރިއްޔާ އާއި ގުޑް ގަވަނަންސް އާއި އަދުލު އިންސާފުގެ ކަންކަމާއި ޑިމޮކްރެސީ ހަރުދަނާ ގޮތެއްގައި ހިންގުމުގެ ގާބުލިކަން ލިބިގެންވާ ދައުލަތަކަށް ނުވެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ޖުޑިޝަލް ރިފޯމް އެޖެންޑާގައި ހުށަހަޅާފައި ވަނީ، އަމިއްލަ އިސްނެގުމަށް ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ލިބިފައިވާ ބާރާއި، ކޯޓުތަކުން ބަލާ މައްސަލަތަކުގެ ފައިލްތައް ސުޕްރީމް ކޯޓަށް ނެގުމަށް ލިބިގެންވާ ބާރާއި، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރުމުގެ ބާރާއި، ކޯޓުތަކަށް ސުޕްރީމް ކޯޓުން ލަފަޔާއި އިރުޝާދު ދިނުން ހުއްޓާލުމަށް ލިބިފައިވާ އިހުތިޔާރު އެ ކޯޓުގެ ބާރުތަކުގެ ތެރެއިން އުނި ކުރުމަށެވެ.

އޭގެ އިތުރުން، ސުޕްރީމް ކޯޓުން ހުޅުވާލައިގެން އަޑުއެހުމެއް ބާއްވައިގެން މެނުވީ އަމުރެއް ނުވަތަ އެއްވެސް ނިންމުމެއް ނުނެރެވޭ ގޮތަށް ބަދަލު ގެންނަން ވަނީ ހިމަނާފަ އެވެ. އަދި ފަނޑިޔާރުންގެ ދައުރަކާ ނުލައި މައްސަލަ ބަލައިގަނެވޭ ގޮތަށް ބަދަލު ގެންނަން އެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ. ދަށު ކޯޓާއި ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނެތުމާއި ވަކީލުންނަށް ހުއްދަ ދިނުމާއި ފިޔަވަޅު އެޅުމަކީ، ސުޕްރީމް ކޯޓުގެ ބަދަލުގައި ބާ ކައުންސިލުން ކުރާ ކަމެއް ކަމަށް ކަނޑައަޅަން ވެސް އެމްޑީޕީގެ އެޖެންޑާގައި ވަނީ ހުށަހަޅައިފަ އެވެ.

comment ކޮމެންޓް