ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާނީ އާންމުކޮށް ހުޅުވާލައިގެން: ޕީޖީ

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް ވަނީ މަނީ ލޯންޑަރ ކުރި ކަމުގެ ދައުވާ އުފުލައި ޝަރީއަތް ފަށާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ ރަސްމީ ޓްވީޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މއ. ކާމިނީހުޅަގުގެ، އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުނަތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައިނުވާނެ ކަމަށެވެ.

"އެ ޝަރީއަތް ކުރިއަށް ދާނީ އާންމުކޮށް ހުޅުވައިލައިގެން،" ޕީޖީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ނިމިދިޔަ ފަސް އަހަރުގައި އޭރުގެ އިދިކޮޅު ބައެއް ފަރާތްތަކުގެ ޝަރީއަތް ސިއްރުކޮށްގެން ބާއްވާފައި ވާތީ އެކަމަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި އާންމުކޮށް ހުޅުވާލުމުގެ އިތުރުން ވަގުތުން ދުރަށް ދައްކާ ގޮތަށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމަށް އޭރު ވެސް އަދި މިހާރު ވެސް ބައެއް ފުންނާބު އުސް ވަކީލުން އަންނަނީ ގޮވާލަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވަ އުފުލާފައި ވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް