މަޖިލިސް އިންތިހާބަށް ބޭނުންވާ ވަރަށް އަދިވެސް އޮފިޝަލުން ނުލިބޭ: އީސީ

އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަޖިލިސް އިންތިހާބަށް ބޭނުންވާ ވަރަށް އަދިވެސް އޮފިޝަލުން ނުލިބޭކަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ހަރާކަތްތެރިވާ އޮފިޝަލުން ހޯދުމަށް ތިން ފަހަރެއްގެ މަތިން އެ ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ.

މަޖިލިސް އިންތިހާބާ ގުޅޭގޮތުންް މައުލޫމަތު ދެއްވުމަށް މިއަދު އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީން ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އިންތިހާބަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދިވެސް ބޭނުންވާ ވަރަށް އޮފިޝަލަނުން ނުލިބުން ކަމަށެވެ.

"މިހާތަނަށް އައިރު ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މި އޮތީ، އިންތިހާބުގެ ކަންތައްތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުން ނުލިބުމުގެ މައްސަލަ. އަޅުގަނޑުމެން ތިން ބުރަށް އިއުލާން ކޮށްގެން މިއަދާ ހަމައަށް މި ލިބުނީ 1،800 މީހުން،" އަކްރަމް

އަކްރަމް ވިދާޅުވީ، އިތުރަށް 450 އެއްހާ މީހުން ބޭނުންވާ ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު އޮފިޝަލުންނަށް ދިމާވި ކަންތައްތަކާ ގުޅިގެން ގިނަ ބަޔަކު އޮފިޝަލު ކަން ކުރަން ޖެހިލުންވާ ކަމަށް ކޮމިޝަނަށް މައުލޫމަތު ދެމުން ގެންދާ ކަމަށެވެ.

"އިންތިހާބަށް ފަހު އެބޭފުޅުންނަށް ބިރު ދެއްކުމާއި ހައިޖެކްޓ ކުރުން އަދި އެބޭފުޅުންނަށް ނާންގައި ތަންތަނަށް ގެންދިޔުން ފަދަ ބިރުވެރި ކަންތައްތަކާ ދިމާވުމުން އެކަމަށް [އޮފިޝަލްކަން ކުރުމަށް] ގިނަ ބަޔަކު ފަސް ޖެހެމުން ދަނީ،" އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކާއި ސިވިލް ސާވިސް ކޮމިޝަން އަދި ސަރުކާރުގެ މުއަސަސާތަކުގައި ވެސް އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށާއި އެ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ދާނެ ކަމަށް އެފަރާތްތަކުން އަންގާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ތިންވަނަ ފަހަތަށް މުއްދަތު އިތުރު ކޮށްފައި ވަނީ އަންނަ ހަފްތާ އާދީއްތަ ދުވަހަށެވެ.

comment ކޮމެންޓް