އެފްއައިޔޫގެ ވެރިޔާ ބަދަލުކުރި މައްސަލައިގައި ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު ނަސީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭ މައްސަލަތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވަނިކޮށްއެ ޔުނިޓުގެ ވެރިޔާ މިދިޔަ އަހަރު ކުއްލި ގޮތަކަށް ވަކިކުރި މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިކަމަށް އެދި ހުށަހެޅީ އެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.

އީވާ އެ ކޮމިޓީގެ މުގައްރިރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެމްއެމްއޭގެ ގަވަރުނަރު ހާޒިރުކުރުމަށް ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބީއެމްއެލް އެކައުންޓަކުން އޭސީސީގެ އެސްކްރޯ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޓްރާންސްފާކުރި މައްސަލައެއް އެފްއައިޔޫއިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް، އަދި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފައިނޭންސިންގްއާ ބެހޭ މައްސަލައެއް ހަމަ އެ ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް އެކަށީގެންވާ ސަބަބަކާ ނުލައި އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކުރުމާ ގުޅިގެން ކަމަށެވެ.

އަޝްރަފްގެ ސެކްޝަން ބަދަލުކުރީ

ރައީސް ޔާމީނާ ގުޅޭ މައްސަލައެއް އެފްއައިޔޫއިން ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަޝްރަފް އެ މަގާމުން ވަކިކުރީ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ.

އެމްއެމްއޭގެ ގަވަރުނަރު މިދިޔަ އަހަރު ޑިސެމްބަރު މަހު ދެއްވި ޕްރެސް ކޮންފަރަންސެއްގައި ވިދާޅުވީ އެފްއައިޔޫގެ އޭރުގެ ވެރިޔަކަށް ހުންނެވި ބޭފުޅާ މަގާމުން ވަކިކުރީ ތަނުގެ ސްޓްރަކްޗާ އަށް ގެނައި ބަދަލަކާއެކު އެމްއެމްއޭގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަމަށެވެ.

އެފްއައިޔޫގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފު ބަދަލުކުރީ އެމްއެމްއޭގެ ޕްލޭނިންގް ސެކްޝަނަށެވެ.

https://sun.mv/112759

މަނީ ލޯންޑަރިންގްއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އައްޔަނުކުރާނީ އެމްއެމްއޭގެ ގަވަރުނަރެވެ.

އަޝްރަފް ވަކިކުރުމަށްފަހު އެ މަގާމާ ހަވާލުވެވަޑައިގަތް އިބްރާހިމް ޝަކީލް ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެ މަގާމުން ވަކިވެފައެވެ.

އެއަށްފަހު އެމްއެމްއޭއިން ވަނީ މިދިޔަ އާދީއްތަ ދުވަހު އެފްއައިޔޫއަށް އާ ވެރިއަކު އައްޔަނުކޮށްފައެވެ. އެ މަގާމަށް އައްޔަނުކޮށްފައިވަނީ އިބްރާހިމް އަހްމަދު ނާސިރެވެ.

ރައީސް ޔާމީނުގެ ޝަރީއަތް ފަށައި، ބަންދުކޮށްފައި

އެފްއައިޔޫގެ ވެރިއަކަށް އަޝްރަފް ހުންނަވައި، ރައީސް އަބްދުﷲ ޔާމީނާ ގުޅޭ މައްސަލަތަކެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ މައްސަލަތަކުގެ ތަފްސީލަށް ނުގޮސް، އެމްއެމްއޭއިން މިދިޔަ އަހަރު ބުނީ އެފްއައިޔޫއިން ކަމާ ބެހޭ ފަރާތަކަށް ފޮނުވާފައިވާ އެއްވެސް މައްސަލައެއް އަނބުރާ ނުނަގާ ކަމަށެވެ.

https://sun.mv/115658

ރައީސް ޔާމީނުގެ ބޭންކް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި އެސްއޯއެފްއިން އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލައިގައި އެ އެއް މިލިއަން ޑޮލަރު، އޭސީސީއާއެކު އުފައްދާފައިވާ އެސްކްރޯ އެކައުންޓަކަށް ލުމަށް އެމަނިކުފާނަށް އަންގާފައި ވަނިކޮށް، އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އަތުން ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަދި އެސްއޯއެފްއިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކް އެކައުންޓުގައި ހުންނާނެކަމަށާއި އެ ފައިސާ ހުންނާނީ "ފައިދާވާ ގޮތަށް" ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގްގެ ދައުވާ އުފުލާފައެވެ. އަދި އެމަނިކުފާނުގެ ޝަރީއަތް އިއްޔެ ފެށި އިރު، ހެކިންނަށް ރިޝްވަތު ދެއްވަން އެމަނިކުފާނު މަސައްކަތްކުރިކަމަށް ދައުލަތުން ބުނުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ.

https://sun.mv/113765

ޝަރީއަތަށްފަހު ރައީސް ޔާމީން އިއްޔެ ވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ.

މި މައްސަލައިގައި ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާއިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް މަނީ ލޯންޑާކުރުމަށް އެހީތެރިވެދިނުމާއި، ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިންކަމުގެ ދައުވާ ކޮށްފައެވެ.

comment ކޮމެންޓް