ޗައިނާ އާއި ރަޝިޔާ ވަރުގަދަވެ އެމެރިކާ ބަލިކަށިވަނީ: ރިޕޯޓް

ބާލިން (ފެބްރުއަރީ 19) : ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް ދަށަށްދާން ފަށައި ކަމަށް ކަމާ ބެހޭ ދިރާސާ ރިޕޯޓެއް ބުނެފި އެވެ.

ޖަރުމަނުގެ މަޝްހޫރު މަޖައްލާ އެއް ކަމަށްވާ "ޑެ ޝްޕިއެގަލް"ގައި ޝާއިއުކޮށްފައިވާ އެ ރިޕޯޓް ބުނާ ގޮތުން މިހާތަނަށް ދުނިޔޭގައި އެމެރިކާ މޮނޮޕޮލީ ކޮށްފައިވާ ސިވިލްއޭވިއޭޝަން ޓެކްނޮލޮޖީ ފަދަ މަތީފެންވަރުގެ ޓެކްނޮލޮޖީ އާއި އެނޫން ވެސް ހައިޓެކް ދާއިރާތައް ޗައިނާ އާއި ރަޝިޔާ ގެންދަނީ ވަރަށް ހަލުއިކަމާ އެކު ތަރައްގީ ކުރަމުންނެވެ.

މިގޮތުން އެމެރިކާގެ ބޮއިންގް އާ އެއްފެންވަރުގެ ސިވިލް އޭވިއޭޝަން ޓެކްނޮލޮޖީ މިހާރު ވެސް ޗައިނާ އާއި ރަޝިޔާ ހާސިލްކޮށްފައިވާ ކަމަށާއި ކުރިޔަށް އޮތް ފަސް ވަރަކަށް އަހަރު ތެރޭގައި ބޮއިންގްގެ ބޯޓުތަކާ ފަންނީ ގޮތުންނާއި ޓެކްނޮލޮޖީގެ ވާދަކުރެވޭ މަދަނީ ކޮމާޝަލް މަތިންދާބޯޓުތައް ދުނިޔޭގެ ބާޒާރަށް އެދެގައުމުން ނެރޭނެ ކަމަށް ބުނެފައިވެ އެވެ.

ބައިނަލްއަގްވާމީ ވިޔަފާރިއަށް ބަލާއިރު ރަޝިޔާ ތަންކޮޅެއް ފަހަތުގައި އުޅުނު ނަމަވެސް ރަޝިޔާ ވަނީ އެމެރިކާއަށްވުރެ ވެސް މަތީ ލެވެލްތަކުގައި އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ޗައިނާ އުޅެނީ މަދަނީ ވިޔަފާރީގައި އެމެރިކާއަށްވުރެ މާ ކުރީގައެވެ. އެމެރިކާއަކީ ވިޔަފާރީގެ މައި ބައިވެރިޔާ ކަމަށްބަލާ ގައުމުތައް ފާއިތުވި 10 އަހަރު ތެރޭގައި 40 އަށް ދަށަށް ގޮސްފައިވާ އިރު ވިޔަފާރީގެ މައި ބައިވެރިޔާ ކަމަށްބަލާ ޗައިނާ ބަލާ ގައުމުތަކުގެ އަދަދުވަނީ ސަތޭކައަށް އިތުރުވެފަ އެވެ.

ޗައިނާގެ ވިޔަފާރީގެ މުއާމަލާތްތައް މުޅި ދުނިޔޭގައި ވެސް އާދަޔާ ޚިލާފަށް އިތުރުވެގެން ދިޔުމާއި ވިޔަފާރީން ޗައިނާ ހޯދާ ނަފާ އެމެރިކާ ހޯދާ ފައދާއަށް ވުރެ އިތުރުވެގެން ގޮސްފައިވާ އިރު ޗައިނާގެ އުފެއްދުންތަކުން ޓެރިފް ނަގައިގެން ޗައިނާއާ ދެކޮޅަށް އެމެރިކާ އިޢްލާންކުރި ވިޔަފާރީގެ ހަނގުރާމަ ވެސް އެންމެފަހުން އެމެރިކާއަށް ނާކާމިޔާބުވެފައިވާ ކަމަށް އެރިޕޯޓް ބުނެ އެވެ.

ދުނިޔޭގައިވާ އެމެރިކާގެ ސިޔާސީ ބާރާއި ނުފޫޒަށް ބަލާއިރު ލެޓިން އެމެރިކާއާއި ޔޫރަޕަކީ ޒަމާނުއްސުރެ އެމެރިކާގެ ސިޔާސީ އޮތްތަންތަނެވެ. ނަމަވެސް އެތަންތަނުގައިވާ އެމެރިކާގެ ނުފޫޒަށް ލޮޅުންއަރައި ބައިނަލްއަގްވާމީ ގިނަ މައްސަލަތަކުގައި ޔޫރަޕާއި އެމެރިކާ ދެ ދިމާއަކަށްދާ ކަމާއި އެމެރިކާ ޑިކްޓޭޓްކުރާ އެތައް ކަމެއް ޔޫރަޕުން ގަބޫލު ނުކުރާކަން "ޑެ ޝްޕިއެގަލް"ގެ އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާ އާއި ޔޫރަޕްގެ ޚިޔާލު ތަފާތުވެފައިވާ މިންވަރަށް ބަލާއިރު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން ވެސް އެއެއްބަސްވުން ދެމެހެއްޓުމަށް ޔޫރަޕުން މަސައްކަތް ކުރުމާއި އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކަނޑުވާލުމަށް ޓަކައި އީރާނާ އެކު ވިޔަފާރި ކުރުމަށް ޔޫރަޕުން ގާއިމް ކޮށްފައިވާ ޕޭމަންޓް ސިސްޓަމަކީ މިކަމުގެ ހެއްކެއްކަމަށް އެ ރިޕޯޓް ބުނެ އެވެ.

މެދުއިރުމައްޗަށް ބަލާއިރު ތުރުކީ ވަނީ އެމެރިކާގެ ނުފޫޒުގެ ދާއިރާއިން ބޭރުވެފަ އެވެ. އަދި އިރާގުގައި އެމެރިކާ ނާކާމިޔާބުވެ އީރާނުގެ ނުފޫޒު އިރާގުގައި ގަދަވުމާއި ރަޝިޔާއާއި އީރާނުގެ ބާރު ސޫރިޔާގައި ގަދަވެ އެންމެ ފަހުން ސޫރިޔާއިން ފޭބުމަށް އެމެރިކާއަށް މަޖްބޫރުވެގެންދިޔަކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އޭޝިޔާ އާއި އެފްރިކާއަށް ބަލާއިރު އެދެ ބައްރުގައި މާބޮޑު އިންވެސްޓްމެންޓްތަކެއް އެމެރިކާއަށް ކޮށް ނުދެވޭއިރު ޗައިނާ އެތައް ސަތޭކަ ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް އެދެ ބައްރުގައި ކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ނުފޫޒު ބަލިކަށިވެ ޗައިނާގެ ނުފޫޒު އެދެ ބައްރުގައި ގަދަވެފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އަދި އަފްޣާން ހަނގުރާމަ ފަދަ ހަނގުރާމަތަކުގައި އެމެރިކާއަށް ކާމިޔާބު ނުލިބުމާއި އެމެރިކާގެ ދިފާއީ އަދި އަސްކަރީ ޚަރަދުތައް ބޮޑުވެގެން ދިޔުމާއި އެމެރިކާގެ ސަރުކާރުތަކުގެ ހިންގުން ދޯދިޔާވުމަކީ ވެސް އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެގެންދާ މައިގަނޑު ސަބަބުތަކެއްކަން އެރިޕޯޓްގައި ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް