އަމިއްލަ ކެންޑިޑޭޓުންނަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ނަޝީދު ވިދާޅުވީ މަޖިލީހަށް ހޮވޭ އަމިއްލަ ކެނޑިޑޭޓުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް --- ސަން ފައިލް ފޮޓޯ: ފަޔާޒް މުސާ

ރައްޔިތުންގެ މަޖިލީހަށް ހޮވެވަޑައިގަންނަވާ މިނިވަން ކެންޑިޑޭޓުން ނުވަތަ އަމިއްލަ ކެންޑިޑޭޓުންނަށް އެ ދާއިރާއެއްގެ ރައްޔިތުންގެ ހައްގުގައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ގދ. ގައްދޫ ދާއިރާއަށް ކުރިމަތިލައްވާ އަހުމަދު ޒާހިރުގެ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ، މަޖިލީހަކީ އަޣުލަބިއްޔަތުން ކަންކަން ކުރާނެ ތަނެއް ކަމަށާއި އަމިއްލަ ގޮތުން މެންބަރަކު އިންތިހާބްވެވަޑައިގަތުމުން އެކަމުގެ ފައިދާ އެ ދާއިރާއެއްގެ ރައްޔިތުންނަށް ނުކުރާނެ ކަމަށެވެ.

"ބައެއް ފަހަރު ޕާޓީއެއްގެ ބައިވެރިވުމާ ނުލާ ޕާޓީއެއްގެ ބޮޑު އާއިލާއެކު ނުހިމެނި އެބަ މެންބަރުން ކުރިމަތި ލައްވާ. ހަމަ ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ ކަމަށް ވިދާޅުވަމުން. އެހެން ނަމަވެސް ބައްލަވާ ގައްދޫ ދާއިރާގެ ގޮނޑިއަށް އެކަނި ކުރިމަތިލައްވައިގެން އިންނަވާ މިނިވަން ކެނޑިޑޭޓަކަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި މި އޮޔް ސިޔާސީ ނިޒާމް ބައްޓަން ވެފައި އޮތް ގޮތުން ތަރައްގީ ގެނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރު އެ ނިޒާމް ހިންގަވަމުން ގެންދެވީ ވެސް އެމްޑީޕީގެ މެންބަރުން ކަމަށެވެ.

comment ކޮމެންޓް