ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަން: ޖޭޕީގެ ރައީސް

ގެސްޓްހައުސް ސިމްޕޯޒިއަމް 2018 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާ އެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ތާއީދު ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭ ޓީވީގެ ފަލަ ސުރިހީ ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިސް ކުރެއްވީ މިދިޔަ ސަރުކާރު ގޯސްވެގެން ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަކީ ކޯލިޝަން ހުރިހާ ޕާޓީއެއްގެ ޒިންމާ އެއް ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭނެ ކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް މަޖިލީހުގައި ތިބެން ޖެހޭނެ ކަމަށެވެ. އަދި އެ ފުރުސަތު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ވެސް އިހްތިރާމް ކޮށްގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރު ހިންގަން އުނދަގޫވެ ގައުމު ހަލަބޮލިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީން ވާދަ ނުކުރާ ދާއިރާތަކުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީއެއްގެ އެހެން ކެންޑިޑޭޓަކަށް ތާއިދު ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް މިހުރީ ޖުމްހޫރީ ޕާޓީގައި އިނގޭތޯ. އަޅުގަނޑުމެން ތާއީދެއް ނުކުރާނަން އިނގޭތޯ ހަމަ ގައިމު ވެސް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަން،" ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވި އެވެ.

ޖޭޕީން އެ ފަދަ ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާއިރު ޖޭޕީގެ ލީޑަރު ވެސް އިދިކޮޅު ކެންޑިޑޭޓަކަށް ތާއިދު ކުރުމަށް ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖޭޕީން އިދިކޮޅު ކެންޑިޑޭޓަކަށް ތާއިދުކުރަން ނިންމި ނަމަވެސް އޭނާ އެ ބޭފުޅަކަށް ތާއިދު ނުކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް ޖުމްހޫރީ ޕާޓީގެ ގިނަ އާންމު މެންބަރުންނާއި ގިނަ ކައުންސިލް މެންބަރުން އަޅުގަނޑު ދެކޭ ގޮތުގައި ހަމަ ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން އަދި ސަރުކާރާއި އެކު ތިބެން،" އަލީ ވަހީދު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން އެކުގައި މަޖިލިސް އިންތިހާބަށް ނުނިކުމެވުނީ ކުރިން އެއްބަސްވުމެއް ހެދިފައި ނެތުމުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ޖޭޕީން ވާދަކުރާ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ޕީޕީއެމް އާއި ޕީއެންސީން ވާދަނުކޮށް ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ރައީސް ޔާމީނާއި ގާސިމް ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެ ވާހަކަތައް ޖޭޕީން ވަނީ ރަސްމީކޮށް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް