ރާއްޖޭގެ ފޮރިން މިނިސްޓަރަކު ފުރަތަމަ ފަހަރަށް ސްޓޭޓް ސެކެރެޓަރީގެ ދައުވަތަކަށް އެމެރިކާއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އޭނާ މިރޭ ވަނީ އެމެރިކާއަށް ފުރާވަޑައިގެންފައި -- ސަން ފައިލް ފޮޓޯ/ އިބްރާހިމް މާހިލް މުހައްްމަދު

ރާއްޖޭގެ ފޮރިން މިނިސްޓަރަކު ފުރަތަމަ ފަހަރަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓްގެ ދައުވަތަކަށް އެގައުމަށް ފުރާވަޑައިގެންފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެގައުމަށް ފުރާވަޑައިގަތީ މިރޭ އެވެ. އަދި އެ ދަތުރުފުޅަކީ އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޝާހިދުގެ އެ ދަތުރުފުޅު ގައި ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި، ޔޫ.އެސް.އެއިޑް އަދި އޯވަސީސް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއާއި އެމެރިކާ އާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭނޭ ކަންކަމާއިމެދު މި ދަތުރުފުޅުގައި މަޝްވަރާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޝާހިދު ވޮޝިންގްޓަން ޑީސީ އަށް ކުރައްވާ ދަތުރުފުޅަށް ފަހު، މި މަހުގެ 25 އިން 27 އަށް ޖެނީވާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެދަތުރުގައި އ.ދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ކައުންސިލް އޮފް ފޮރިން މިނިސްޓަރސް ގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އަބޫދާބީއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޝާހިދުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް އާއި ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް