ޔޫރަޕިޔަން ޕާލަމެންޓްގެ ބައެއް މެންބަރުން ވެނެޒުއެލާއިން ބޭރުކޮށްލައިފި

ވެނެޒުއެލާގެ ޚާރިޖީ ވަޒީރު

ކަރަކާސް (ފެބްރުއަރީ 18) : ޔޫރަޕިޔަން ޕާލަމެންޓްގެ ބައެއް މެންބަރުން ވެނެޒުއެލާއަށް ޒިޔާރަތް ކުރުން އެގައުމުން މަނާކޮށްފި އެވެ.

ވެނެޒުއެލާގެ ޚާރިޖީ ވުޒާރާއިން ބުނީ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރައްވާ ޔޫރަޕިޔަން ޕާލަމެންޓްގެ ބައެއް މެންބަރުން ވެނެޒުއެލާއަށް ވަނުން މަނާކޮށްފައިވާކަން އެފަރާތްތަކަށް އަންގާފައިވާނެކަމުގަ އެވެ. އެ ފަރާތްތަކުން ވެނެޒުއެލާއަށް އެތެރެވެއްޖެ ނަމަ އަނބުރައި ފޮނުވާލާނެކަން އެބޭފުޅުންނަށް ކުރިން އަންގާފައިވާނެ ކަމަށް ވެސް އެގައުމުގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ އެގައުމުގައި ބަޣާވާތެއް އިއްލާން ކުރައްވައިގެން އުޅުއްވާ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ އަށް އިއްތިރާފްވެ އޭނާއަކީ އެގައުމުގެ ވަގުތީ ރައީސްގެ ގޮތުގައި ބަލައިގެންފަ އެވެ.

މިއާއެކު ޔޫރަޕިޔަން ޕާލަމެންޓުން ވެސް ވަނީ ވެނެޒުއެލާގެ ދަސްތޫރާ ޚިލާފަށް ޣައިރު ގާނޫނީ ގޮތުން އެގައުމުގެ ވެރިކަން ހޯއްދެވުމަށް އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ ކުރައްވާ މަސައްކަތްތަކަށް ތާއީދުކޮށް އޭނާއަކީ ވެނެޒުއެލާގެ ވަގުތީ ރައީސް ކަމަށް އިއްތިރާފްވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވެނެޒުއެލާގެ ސަރުކާރުން އެގައުމަށް ނުވަދެވޭނެކަން އަންގާފައި ވަނީ އިދިކޮޅު ލީޑަރު ގުއައިޑޯ އާ ބައްދަލުކުރެއްވުމަށް އެގައުމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވި ޔޫރަޕިޔަން ޕާލަމެންޓްގެ ހަތަރު މެންބަރަކެވެ. އެ ހަތަރު މެންބަރުން ވިސާއަކާނުލައި ވެނެޒުއެލާއަށް ވަޑައިގަތް ކަމަށާ މިއާއެކު ވެނެޒުއެލާގެ އިމިގްރޭޝަނުން އެގައުމަށް އެތެރެވުމުގެ ފުރްސަތު އެބޭފުޅުންނަށް ނުދީ އެބޭފުޅުން އެގައުމުން ފުރުވާލާފައިވާ ކަމަށް އޭގެތެރެއިން އެއްބޭފުޅަކާ ހަވާލާދީ ރޮއިޓާސް ބުނެ އެވެ.

އިދިކޮޅު ލީޑަރު ގުއައިޑޯ އަމިއްލައަށް އޭނާއަކީ ވެނެޒުއެލާގެ ރައީސް ކަމަށް ދައުވާކުރައްވައިގެން އުޅުއްވަނީ ރައީސް ނިކޮލަސް މަދޫރޯ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ވޯޓު އޮޅުވާލައިގެން ކަމަށް ތުހުމަތު ކުރެއްވުމަށްފަހުގަ އެވެ. ނަމަވެސް ގުއައިޑޯ އަށް އެކަން ސާބިތު ކޮށްދެވިފައެއް ނުވެ އެވެ. ވެނެޒުއެލާގެ ސިފައިން ގުއައިޑޯއަކީ ބާޣީ އެއްކަމަށް ސިފަކޮށް އޭނާއަށް ކިޔަމަންވުމަށް ދެކޮޅު ހެދުމުން އޭނާގެ ބަޣާވާތްވަނީ ނާކާމިޔާބުވެފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް