ހެކީންނެއް ނޭނގެ، އެނގުނަސް ރިޝްވަތެއް ނުދޭނަން: ޔާމީން

ޝަރިީއަތް ނިމެންދެން ކޯޓުން ކުރި އަމުރަކާގުޅިގެން ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ: އެމަނިކުފާނު އެއްވެސް މީހަކަށް ރިޝްވަތު ދީފައި ނުވާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެކީންނަކީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި އެނގުނަސް ރިޝްވަތު ނުދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ބަދަލުކުރުމަށް ފައިސާ ދިންކަމަށް ސާބިތުކުރުމަށް ދައުލަތުގެ ވަކީލުން ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.

އެކަމަށް ރައްދު ދެއްވައި މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، މަނީ ލޯންޑާކުރުމުގެ މައްސަލައެއްގެ ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތައް ކަމަށާއި ކޮމްޕިއުޓަރުގައި ރައްކާ ކޮށްފައި ހުންނަ އެ ބާވަތުގެ ތަކެތި ބަދަލު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލާގައި ލިޔެކިޔުންތަކެއް ފިޔަވައި، ހެކީގެ ގޮތުގައި އެއްވެސް މީހަކު ހުށަހަޅާފައިވާކަން ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ހެކީން ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޕީޖީން ދައުވާ އުފުލައި ފޯމްގައި ހެކީގެ ހުރިހާ މައުލޫމާތެއް ސާފުކޮށް ބަޔާން ކޮށްފައި ހުންނާނެ ކަމަށެވެ. އަދި އެ ފޯމްގެ އިތުރުން ލިޔުންތައް ވެސް މިހާރު ވާނީ ރައީސް ޔާމީންއާ ހަވާލުކޮށްފައިކަން އައިޝަތު ފާހަގަ ކުރެއްވި އެވެ.

ވަކީލާ އައިޝަތު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މިހާރު އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ މައްސަލައެއް ކަމުގައިވީ ނަމަވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ގުޅޭ ތަހުގީގު ކުރިއައްދާ އިރު އެ ތަހުގީގުން ލިބޭ ބައެއް ހެކިތަކަކީ ވެސް މި މައްސަލާގައި ބޭނުންކުރެވިދާނެ ހެކިތަކެއް ކަމަށެވެ. އަދި އެ ހެކިތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު ވިދާޅުވި އެވެ.

އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ރައީސް ޔާމީން މިއަދު ވިދާޅުވީ، އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް އެ ރުފިޔާ ޖަމާކުރިކަން އެނގިވަޑައިގަތް ހިސާބުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށެވެ. އަދި މިހާތަނަށް ވެސް އެ ކޮމިޝަނުން އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށްް އެމަނިކުފާނު ވިދާޅުވި އެވެ.

އެސްއޯއެފްގެ ފައިސާއަކީ ދައުލަތަށް ވަންނަން ޖެހޭ ފައިސާއެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ދައުލަތަށް ވަންނަން ޖެހެނީ އެމްއެމްއެމްޕީއާރުސީގެ ފައިސާ ކަމަށެވެ. އެހެންކަމުން އެސްއޯއެފްގެ ފައިސާތަކެއް އެކައުންޓަށް ވަނުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެމަނިކުފާނަކީ ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރިޝްވަތު ދީގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް