މުނާލްގެ ކްލޯޒެޓުން އެންމެ ކަމުދާ ފަހެއް!

މުނާލް ސުޖާއު -- ފޮޓޯ/ ފަމުޝޫ.ކޮމް

ފަމުޝޫ، އޭންޖަލް ނުވަތަ އަސްލު ނަމުން ނަމަ މުނާލް ސުޖާއު އަކީ ދިވެހި ފެޝަން އިންޑަސްޓްރީގައި މިއަދު އެންމެ މަގްބޫލް އެއް ނަމެވެ. އޭނާގެ ތަފާތު އަދި މޮޅު އެކި ފެޝަން ޑިޒައިންތަކުގެ އިތުރަށް ފަމުޝޫގެ ބްލޮގްއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ދެމުންދާ ސްޓައިލް ޓިޕްސްތައް އަބަދު ވެސް އަހަރެމެންގެ މަސްޓް ވޮޗް ލިސްޓުގައި ހިމެނެ އެވެ.

މިފަހަރު މުނާލް އަހަރެމެންނަށް މި ކިޔާދެނީ އޭނާއަށް އެންމެ ކަމުދާ ފަސް އައުޓްފިޓެވެ.

ވައިޓް ޓީޝާޓް ލުކް އެއްގައި -- ފޮޓޯ:މުނާލް

ވައިޓް ޓީ-ޝާޓް ވިތް ބްލޫ ޑެނިމް ޖީންސް

މިއީ މުނާލްއަށް އެންމެ ކަމުދާ އެއް އައުޓްފިޓް އެވެ. ހުދު ޓީޝާޓަކާއި އެކީ ނޫކުލައިގެ ޑެނިމް ޖީންސްއަކީ އޮފީހަށް ދިއުމަށް ވެސް އޭނާއަށް ކަމުދާ ސްޓައިލްއެކެވެ. އަދި ޑެނިމް ޖީންސް ކުޑަކޮށް ރިޕްޑް ކޮށް ހުއްޓަސް، ކުރާ މަސައްކަތުގެ ގޮތުން އޯކޭ ކަމަށް އޭނާ ބުންޏެވެ. މި އައުޓްފިޓްއާ އެކީ މުނާލް އަށް އެންމެ ކަމުދަނީ ބްލެކް ބެލޭ ފްލެޓްސް އެވެ.

"ފްލެޓްސް އަސްލު ކަމުދަނީ ޝޫޓްސްތަކުގައި ވަރަށް އެކްޓިވް ކޮށްއުޅޭތީ، ވަރަށް ފަސޭހަ ވާނެ ބެލޭ ފްލެޓްސް" މުނާލް ބުންޏެވެ.

ބްލެކް ޖަމްޕްސޫޓްއެއްގައި މުނާލް--- ފޮޓޯ: މުނާލް

ޖަމްޕްސޫޓް

އާންމުކޮށް ހުންނަ ޑަންގަރީ ސްޓައިލް އާއި ތަފާތު ޖަމްޕްސޫޓްތަކަކީ ވެސް މިފަހަކަށް އައިސް މުނާލްގެ ފޭވަރިޓެކެވެ. ރަނގަޅު ފޮއްޗެއްގައި ހުންނަ ޖަމްޕްސޫޓްއަކީ މުނާލް ބުނާ ގޮތުން ނަމަ ރަސްމީ އިވެންޓަކަށް ވެސް ނުވަތަ ވެޑިން އަކަށް ވެސް ހަމަ އެންމެ ކަމުދާ އެއް ސްޓައިލް އެވެ. މިއީ މިހާރުގެ އެންމެ ޓްރެންޑިން އެއް ސްޓައިލްއަށް ވާއިރު މިކަހަލަ ޖަމްޕްސޫޓްއަކާއި އެކީ މުނާލް އަށް ކަމުދަނީ ހީލްއެކެވެ.

"ޖަމްޕްސޫޓް ކަމުދާ ސަބަބަކީ އެއީ ވަރަށް ފަސޭހައިން ލެވޭ ވައްތަރެއްގެ ހެދުމަކަށް ވެސް ވީމާ. އަދި ޖަމްޕްސޫޓެއް ލައިގެން މީޓިންގް އަކަށް ނުވަތަ ޕާޓީއަކަށްވެސް ކަމުދޭ." މުނާލް ބުންޏެވެ.

ބްލޭޒާސް

މި ލިސްޓުގައި ދެން މުނާލް ހިމަނާލީ ގަޔަށް ރީތިކޮށް ފަހާފައި ހުންނަ ބްލޭޒާސް އެވެ. މުނާލް ބުނާ ގޮތުން ނަމަ ބްލޭޒާއަކީ ގަޔަށް ރަނގަޅަށް ފިޓްކޮށް ހުރެފައި، ރަނގަޅު ކޮލިޓީއެއްގެ އެއްޗެއް ނަމަ ވަރަށް ގިނަ ދުވަހަށް ބޭނުން ކުރެވޭނޭ އެއްޗެކެވެ. ބްލޭޒާއަކާއި އެކީ މުނާލް ޕެއާ ކޮށްލާނީ ޓީ-ޝާޓް އެއް ނުވަތަ ޓޮޕެކެވެ. އަދި ބްލޭޒާއާއި އެކު ޑެނިމް ޖީންސް އާއި ކިޓަން ހީލްސް ބޫޓަކީ ވެސް އޭނާއަށް ވަރަށް ކަމުދާ ލުކް އެކެވެ.

ވައިޓް ޝާޑް

މުނާލްގެ ކްލޯޒެޓްގައި ނަމަ ވައިޓް ޝާޓްއަކީ ކޮންމެހެންވެސް ހިމެނެންޖެހޭ އެއްޗެކެވެ. ސަބަބަކީ ހުދު ގަމީހަކީ ވަރަށް ވާސަޓައިލް އަދި އެއާއިއެކުގައި ތަފާތު އެތަށް ލުކް އެއް ކްރިއޭޓް ކޮށްލެވޭ އެއްޗަކަށްވުމެވެ. ހުދު ގަމީހަކާ އެކު މުނާލް ޕޭޕާބޭގް ޕޭންޓްސް ނުވަތަ ޖީންސްއާއި އެކު ހީލްސް ނުވަތަ ފްލެޓްސް އެއް ގުޅުވާލަ އެވެ.

މޮނޯކްރޮމް ލުކް އެއް --- ފޮޓޯ: މުނާލް

މޮނޯކްރޮމް ސްޓައިލް

މިއީ ފަހަކަށްއައިސް މުނާލްގެ ސޯޝަލް މީޑިއާ އިންވެސް އެންމެ ފާހަގަކޮށްލެވޭ ސްޓައިލް އެވެ. މޮނޯކްރޮމްއަކީ އައުޓްފިޓްގައި އެއްކޮށް އެއް ކުލަ ބޭނުން ކުރުމެވެ.

"ފުރަތަމަ އަމިއްލައަށް ވެސް ހީވީ މޮނޮކްރޮމް ކޮށް ހެދުން ލުމަކީ އުނދަގޫ ސްޓައިލަކަށް ވެދާނެއޭ." އެކަމަކު އެގޮތަށް ހެދުން އަޅަން ފެށުމުން އޭނާ އަށް ވަރަށް ކުމުދާކަމަށް މުނާލް ބުންޏެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ފެޝަން ބްލޮގާއަކީ މުނާލްއަށް ވާއިރު، އޭނާ ބުނާ ގޮތުން، ހެދުމެއް ނުވަތަ އެއްވެސް އައުޓްފިޓެއް ގަތުމުގެ ކުރިން އޭގެ ބޭނުންކުރެވޭނޭ ގޮތަކާ މެދު ކުރިން ވިސްނާ ވީހާވެސް ވޭސްޓޭޖް މަދުކުރެވޭތޯ މަސައްކަތްކޮށްލުން ރަނގަޅެވެ. އަދި ހާއްސަކޮށް އަގުހެޔޮކޮށް އެއްޗެހި ގަތުމުގެ ބަދަލުގައި ގިނަދުވަހަށް އޭގެ ބޭނުންކުރެވޭނޭ ފަދަ ގޮތަކަށް ރަނގަޅު ކޮލިޓީގެ އެއްޗެހި އިޚްތިޔާރުކުމަށް ވެސް މުނާލް ޚިޔާލު ދިނެވެ.

comment ކޮމެންޓް