ނޭމާ ނުލާ ވެސް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ފައިނަލަށް ދެވިދާނެ: ކަފޫ

ޕީއެސްޖީގެ ތަރި ނޭމާ ޖޫނިއާ: ނޭމާ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގައި މިވަގުތު ހުރީ ޓީމާއި ދުރުގައެވެ. -- ފޮޓޯ / ޑޮމް ފެރަލް

ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް އެކުލަބުގެ އެންމެ މަގުބޫލު ކުޅުންތެރިޔާ ނޭމާ ޖޫނިއާ ނުލާ ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް ދަތުރު ކުރެވިދާނެ ކަމަށް ބްރެޒިލްގެ ލެޖެންޑް ކަފޫ ބުނެފި އެވެ.

ވޭތުވެ ދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލި ކުރި އިރު ޕީއެސްޖީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ނޭމާ ޖޫނިއާ އާއި އެޑިސަން ކަވާނީގެ އިތުރުން ތޯމަސް މުނިއޭ ހިމެނެ އެވެ. ނަމަވެސް ފޯމުގައި އޮތް ޔުނައިޓެޑް 0-2 އިން އެ ޓީމުން ބަލި ކުރީ ފަސޭހަ ކަމާ އެކު އެވެ.

ޕީއެސްޖީގެ ތަރި އެމްބާއްޕޭ ދަނީ ނޭމާ ނެތްތަން ޕީއެސްޖީއަށް ފޫބައްދަމުން -- ފޮޓޯ / ޑޮމް ފެރަލް

ޗެމްޕިއަންސް ލީގުގެ ތަށި 2007-2006 ވަނަ ސީޒަނުގައި އޭސީ މިލާން ކާމިޔާބު ކުރި އިރު އެ ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރި ކަފޫ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޕީއެސްޖީ އިން ނޭމާ ނެތް ކަމުގައި ވިޔަސް ކާމިޔާބު ހޯދޭނެ ކަން ސާބިތު ކޮށްދީފި ކަމަށެވެ.

"ގަދަ 16ގައި ހިމެނޭ ހުރިހާ ޓީމަކީ ވެސް ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށް ގާބިލު ޓީމުތައް. ޓީމުގެ މުހިންމު ކުޅުންތެރިއެއް މަދު ވިޔަސް އެފަދަ ބޮޑެތި ކުލަބު ތަކަށް މާ ބޮޑޮ ދެރައެއް ނުދައްކާނެ. އެތަން ފޫބައްދާނެ ކުޅުންތެރިން ޓީމުގައި ތިބޭނެ،" ކަފޫ ބުންޏެވެ.

ނަމަވެސް ޕީއެސްޖީ އިން ނޭމާ މަތިން ހަނދާން ނުނެތޭނެ ކަމަށާއި އޭނާ ހުރެ ކުޅޭ މެޗެއްގައި އެ ޓީމު މޮޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ކަފޫ ބުންޏެވެ.

"އެންމެ ފަހުން ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގައި [މެންޗެސްޓާ ޔުނައިޓެޑްއާ ބައްދަލު ކުރި މެޗުގައި] ހޯދި ކާމިޔާބުން އިނގެނީ ވަކި ކުޅުންތެރިއެއް ހުރެގެން ނޫންކަން އެ ޓީމު ތަފާތު ވަނީ. އެ ޓީމު މިފަހަރުގެ ފައިނަލުގައި ކުޅޭނެ ކަމަށް ބެލެވޭ." ކަފޫގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

ފްރާންސް ލީގުގެ އެއް ވަނާގައި 12 ޕޮއިންޓުގެ ބޮޑު ލީޑެއް މިހާރު ވެސް ނަގާފައިވާ ޕީއެސްޖީއަށް މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ތަށި ހޯދިފައެއް ނުވެ އެވެ.

comment ކޮމެންޓް