އިސްރާއީލުން ފަލަސްތީނުގެ އެތައް މިލިއަން ޑޮލަރު ހިފަހައްޓަނީ

އިސްރާއީލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މީހުންނާއި އެމީހުންގެ އާއިލާތަކަށް ފައިސާ ދިނުމަކީ އަނިޔާވެރި ކަމަށް ހިތްވަރު ދިނުން ކަމަށް އިސްރާއީލުން ބުނޭ -- ފޮޓޯ: ރޮއިޓާސް

ގުދުސް (ފެބްރުއަރީ 18): އިސްރާއީލުން ފަލަސްތީނުގެ 138 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ ހިފަހައްޓަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެފައިސާ އަކީ "އިސްރާއީލުން ހައްޔަރުކޮށްފައިވާ (ފަލަސްތީނުގެ) މީހުންނާއި އެމީހުންގެ އާއިލާތަކަށާއި ޖަލުން ދޫކޮށްލާފައިވާ މީހުންނަށް ފަލަސްތީނު ސަރުކާރުން މިދިޔަ އަހަރު ދިން ފައިސާ"އާ އެއްވަރުގެ އަދަދެކެވެ. އިސްރާއީލުން ބުނާ ގޮތުގައި ފަލަސްތީނުން އެފައިސާ ދިނުމަކީ އަނިޔާވެރިކަމަށް ހިތްވަރު ދިނުމެވެ.

ނަމަވެސް ފަލަސްތީނުގެ ސަރުކާރުން ވަނީ އެއީ ޖަލަށްލާފައިވާ މީހުންގެ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ދޭ ފައިސާ ކަމަށާއި އެއީ ހަމަނުޖެހުމަށް ހިތްވަރު ދިނުމަށްދޭ ފައިސާ ނޫން ކަމަށް ބުނެފަ އެވެ.

އިސްރާއީލުން 1994 ވަނަ އަހަރު ފަލަސްތީނާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، އިސްރާއީލް މަގުން ފަލަސްތީނަށް ގެންދާ މުދަލުން އިމްޕޯޓް ޓެކްސް ނަގާ، އެފައިސާ ފަލަސްތީން ސަރުކާރާ ހަވާލު ކުރަނީ އިސްރާއީލުންނެވެ.

އިސްރާއީލާ ގާތް ގުޅުމެއް ބާއްވާ އެމެރިކާއިން ވަނީ އެގައުމުން ޣައްޒާ އާއި ހުޅަނގު އައްސޭރިއަށްދޭ 200 މިލިއަން ޑޮލަރުގެ އެހީވެސް އެހެން ކަމަކަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށް މިދިޔަ އަހަރު އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް