ތިން ދުވަހުން "ގަލީ ބޯއީ" އަށް 50 ކުރޯޑް!

ޒޯޔާ އަޚްތަރު ޑައިރެކްޓުކޮށް، ރަންވީރު ސިންގް އަދި އާލިއާ ބަޓް ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު 'ގަލީ ބޯއީ' ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި އެ ފިލްމަށް 50 ކުރޯޑް (7009500 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ 3350 ސިނަމާއެއްގައި ފިލްމު ވަނީ ރިލީޒްކޮށްފަ އެވެ. ފުރަތަމަ ދެ ދުވަހު ފިލްމަށް 32.50 ރުޕީޒް ލިބުނު އިރު، ތިން ވަނަ ދުވަހު ފިލްމަށް ވަނީ 18.65 ކުރޯޑް ލިބިފަ އެވެ.

ތިން ދުވަހުގެ ތެރޭގައި އިންޑިއާ އިން އެކަނި ފިލްމަށް 51.15 ކުރޯޑް ލިބުނު އިރު ކެނެޑާ އަދި އެމެރިކާ އިން ފިލްމަށް 1.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ގަލީ ބޯއީ'ގައި ރަންވީރު ފެނިގެންދާނީ 'މުރާދު' ކިޔާ އިންޑިއާގެ މުމްބާއީގެ ސްލަމް އަށް ނިސްބަތްވާ ރެޕާ އެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.

ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރުން ދެން ފެނިގެން ދާނީ ސިދާންތު ޗަތުރުވޭދީ، ކަލްކީ ކޮއެޗްލިން، ވިޖޭ ރާޒް އަދި އަމްރުތާ ސުބާޝްއެވެ.

ފިލްމަށް އާންމުންނާއި ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފިލްމުގައި ރަންވީރު، އާލިއާ އަދި ސިދާންތުގެ ފަރާތުން ފެނިގެން ދިޔަ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

އަދި 'ގަލީ ބޯއީ' އަކީ ރަންވީރު އަދި ޒޯޔާގެ ވެސް އެންމެ މޮޅު ފިލްމު ކަމަށް ގިނަ ބަޔަކު ވަނީ އިއްތިފާގުވެފައެވެ.

comment ކޮމެންޓް