ވޮލީބޯޅަ ރެފްރީއިންނާއި ކޯޗުން ތަމްރީނު ކުރުމުގެ ކޯސްތަކެއް އަންނަ މަހު ފަށަނީ

ވޮލީ އެސޯސިއޭޝަންގެ އަންހެން ކަޕްގެ ފައިނަލުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ރާއްޖޭގައި ވޮލީ ބޯޅަ ރެފްރީއިންނާއި ކޯޗުން ތަމްރީނު ކުރުމުގެ ކޯސްތަކެއް އަންނަ މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މާލޭގައި ބާއްވަން ހަމަޖެހިފައިވާ މި ކޯސްތަކުގެ ތެރެއިން ފުރަތަމަ ކޯސް (ރެފްރީ ކޯސް) ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އެފް.އައި.ވީބީ. ލެވެލް -1 އިންޓަނޭޝަނަލް ވޮލީބޯލް ކޯޗާރސް ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މާޗު 15 ގަ އެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށްޓަކައި ފޯމު ހުށައެޅުމަށް މިހާރު ހުޅުވާލާފާވާއިރު ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 14:00 ޖަހާއިރުއެވެ. މީގެ އިތުރުން ކޯހުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން 1000 ރުފިޔާ ނަގާނެއެވެ.

ވޭތުވެ ދިޔަ މަހު ވޯލީ އެސޯސިއޭޝަނުން ވަނީ މިއަހަރުގެ ގައުމީ އަންހެން، ފިރިހެން އަދި ޖޫނިއާސްގެ އިތުރުން ބީޗް ވޮލީގެ ޓީމުތަކުގެ ކޯޗުންގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކޮށްފައެވެ.

މިއަހަރަކީ ވޮލީ ކުރިއެރުވުމައްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ އަހަރެއް ކަމަށާއި ވޮލީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކަން ކުރާނެ އެކަށޭނެ ތަން ނެތުން ކަމަށާއި އެކަން ހައްލު ކުރުމަށް ޓަކައި ސަރުކާރާ ގުޅިގެން މަޝްވަރާ ކުރަމުންދާ ކަމަށް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން މިދިޔަ މަހު ވަނީ އަންހެން ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ނަމުގައި ވަރަށް ފޯރިގަދަ މުބާރާތެއް ކާމިޔާބު ކަމާ އެކު ނިންމާލާފައެވެ. ޖުމްލަ ހަތް ޓީމަކާ އެކު ފެށި މި މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި ޕޮލިސް ކުލަބު ބަލިކުރުމަށްފަހު ކުލަބް ވެމްކޯ އެވެ.

comment ކޮމެންޓް