ރެއާލް އަށް އަދި ލީގު ހޯދުމުގެ ފުރުސަތު އެބައޮތް: ސޮލާރީ

ރެއާލް މެޑްރިޑް އާއި ޖިރޯނާ ބައްދަލު ކުރި މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރަމޯސްއަށް ރަތް ކާޑް ދައްކަނީ -- ފޮޓޯ / ޖޭމީ ސްމިތް

ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި އެ ޓީމު ޖިރޯނާ ކައިރިން ބަލިވި ނަމަވެސް އަދި ތަށި ހޯދުމުގެ އުންމީދު އެބަ އޮތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފި އެވެ.

އިއްޔެ ހަވީރު ސްޕެނިޝް ލީގުގައި ރެއާލް އާއި ޖިރޯނާ ވާދަ ކުރި މެޗު ޖިރޯނާއިންް ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވެ، ތާވަލުގެ ދެވަނަ އަށް ޖެހިލައި އެއްވަނާގައި އޮތް ބާސާ އާ ދެމެދުގެ ފަރަގު ކުޑަކުރުމުގެ ފުރުސަތު ރެއާލުން ވަނީ ގެއްލުވާލައިފަ އެވެ.

ރެއާލް މެޑްރިޑް މި ސީޒަނުގައި ވަނީ ޖުމްލަ ހަތް މެޗަކުން ބަލިވެފަ އެވެ. އެންމެ ފަހުން މިއަދަދަށް ރެއާލުން ބަލިވެފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.

ރެއާލް މެޑްރިޑް އާއި ޖިރޯނާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ޖޭމީ ސްމިތް

އިއްޔެގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ރެއާލުންނެވެ. ނަމަވެސް ފަހަތުން އަރައި ޖިރޯނާ އިން ވަނީ ދެ ގޯލު ޖަހައި ފުރިހަމަ އެނބުރި އައުމަކުން މެޗު ކާމިޔާބުކޮށްފަ އެވެ. ރެއާލްގެ ކެޕްޓަން ސާޖިއޯ ރަމޯސްއަށް ރޭގެ މެޗުގައި ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

އެ މެޗަށް ފަހު ރެއާލްގެ ކޯޗު ބުނެފައި ވަނީ ރެއާލުން އަދި ލީގު ހޯދުމުގެ އުންމީދު އެބައޮތް ކަމަަށާއި އެ ޓީމުގައި އެ ހިތްވަރު އެބަހުރި ކަމަށެވެ.

"ލީގުގައި އަދި ވެސް ފުރުސަތު އެބައޮތް. ވެއްޓުނީމާ އަވަހަށް ތެދުވެގެން ދުއްވައި ގަންނާނީ. އެއްވެސް މުބާރާތަކުން އަދި ނުކަޓާ. ތިން މުބާރާތް [ސްޕެނިޝް ލީގު، ޗެމްޕިއަންސް ލީގު، ކޮޕަ ޑެލް ރޭ] ކާމިޔާބު ކުރުމުގެ ފުރުސަތު އަދި އެބައޮތް." ސޮލާރީ ބުންޏެވެ.

ވޭތުވެ ދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ލޫކާ މޮޑްރިޗު އިއްޔެގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. އަދި ޒަދާންގެ ކޯޗުކަމުގައި އެ ޓީމަށް މުހިއްމު ދައުރެއް އަދާ ކޮށްދިން އިސްކޯ އަލެކަސަރޯން ވެސް ޓީމުގައި ހިމަނާފައެއް ނުވެ އެވެ.

comment ކޮމެންޓް