ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ

ފެބްރުއަރީ 2، 2019: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ އެވެ.

މިއަދުގެ ހާދިސާގައި މަރުވެފައި ވަނީ ބިދޭސީއެކެވެ. އެ ހާދިސާ ހިނގުމާ އެކު އޭނާގެ ހަށިގަނޑު ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެކަން ކަށަވަރުކޮށްދެއްވަމުން، އާސަންދައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިރޭ 8:00 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 44 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އަދި އޭނާ ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށާއި އޭނާގެ ބޮލަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ފަސް ވަނަ ފަންގިފިލާއިން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި ކަމުގެ މައުލޫމާތު މިރޭ 7:50 ހާއިރު ލިބިފައިވާ ކަމަށެވެ.

ހުޅުމާލޭގައި މިރޭ މީހަކު މަރުވެފައިވާ އިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކުވެސް ވަނީ މަރުވެފަ އެވެ.

އެ މަރާ ގުޅިގެން ސަރުކާރުން ވަނީ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިންސްޕެކްޝަނެއްވެސް ހަދާފަ އެވެ. އަދި އިމާރާތް ކުރުމުގެ ސަލާމަތާ ބެހޭ ގަވާއިދެއްވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެކުލަވާލައި އަމަލު ކުރަން ފަށައިފަ އެވެ.

comment ކޮމެންޓް