އެސްއޯއެފްގެ މުއާމަލާތްތައް ރިޕޯޓުކޮށް، ޒިންމާ އަދާކުރިން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް ---

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުނީގެ ބޭންކް އެކައުންޓްތަކުން ބޮޑެތި އަދަދުތަކުން ހިންގަމުން ދިޔަ މުއާމަލާތްތައް ރިޕޯޓުކޮށް، އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައި ވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގީ ރިޕޯޓު މިދިޔަ ހަފްތާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި އިރު، މި ހިޔާނާތުގައި އެމްއެމްޕީއާރުސީގެ ފައިސާތައް ޗެކުގެ ޒަރިއްޔާއިން ޖަމާކުރަމުން ދިޔައީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި އެސްއޯއެފްގެ ބޭންކް އެކައުންޓްތަކަށެވެ.

މިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ބައިވެރިވުން މި ހިޔާނާތުގައި ހިމެނޭކަމަށް ގިނަ ބަޔަކު ބުނަމުން ދާތީ، ބޭންކް އޮފް މޯލްޑިވްސްއިން މިރޭ ވަނީ ބަޔާނެއްގެ ޒަރިއްޔާއިން، ކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ހާމަކޮށްފައެވެ

"ބޭންކު ތެރެއިން މި މުއާމަލާތްތައް ހިނގީ ކޮން އުސޫލަކުންކަން ބަޔާންކޮށް ނުދޭހާ ހިނދަކު މިގޮތަށް މިވާހަކަ ދެކެވޭނެކަމަށް ބޭންކަށް ގަބޫލުކުރެވޭ"ކަމަށް ބޭންކުން ބުންޏެވެ.

ސުވާލުކުރަން ފެށީ ގާނޫނަށް އަމަލުކުރަން ފެށުމުން

އެސްއޯއެފްގެ އެކައުންޓްތަކަށް ލައްކައިން ޑޮލަރު ޖަމާކުރަމުން ދިޔަ އިރު އެ ކުންފުންޏާ ސުވާލު ނުކުރާކަމަށް ބީއެމްއެލްއަށް ތުހުމަތުތައް ރައްދުވިއެވެ.

ބީއެމްއެލްއިން ބުނީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގާ އިރު މިހާރު ކުރާ ގޮތަށް ސުވާލު ކުރަންފެށީ އެންޓި މަނީ ލޯންޑަރިންގް ގާނޫނާއި ގަވައިދުތަކަށް އަމަލުކުރަން ފެށި ހިސާބުން، 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކަމަށެވެ. އަދި އެއީ އެސްއޯއެފްގެ މުއާމަލާތްތައް ހިނގުމުގެވެސް ފަސް ކަމަށް ބޭންކުން ފާހަގަކުރިއެވެ.

އެހެން ނަމަވެސް "ނިސްބަތުން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވިގެން" ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓްތައް ވަރަށް ގާތުން މޮނީޓަރުކުރިކަމަށް ބުންޏެވެ.

"މި އެކައުންޓްތައް ވާނީ ގަވައިދުން ކޮންމެ ދުވަހަކު، އަދި ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މޮނީޓަރުކުރެވިފައެވެ،" ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

އަދި ނޮވެމްބަރު 2014 އިން ފެށިގެން އެމްއެމްޕީއާރުސީއާއި އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ކުރި މއުާމަލާތްތައް ކަމާ ބެހޭ މުއައްސަސާތަކަށް ރިޕޯޓުކުރިކަމަށްވެސް ބޭންކުން ބުންޏެވެ/

"މި އެކައުންޓްތަކުން ކުރެވުނު މުއާމަލާތްތައް ވާނީ ކޮންމެ ހަފްތާއަކު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކޮށްފައެވެ. ބޭންކުގެ އެއްވެސް އެކައުންޓަކުން ދެލައްކަ ރުފިޔާއަށްވުރެ މަތިން ކުރެވޭނެ ހުރިހާ ބާވަތެއްގެ މުއާމަލާތްތައް އެފްއައިޔޫއަށް ތުރެޝޯލްޑް ޓްރާންސެކްޝަން ރިޕޯޓުގެ ތެރެއިން ރިޕޯޓިކުރުމަކީ ބޭންކުގެ މައްޗާށް ގާނޫނުން ލާޒިމުކުރާ ކަމެކެވެ،" ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

ރިޕޯޓުތައް ދިރާސާކުރަންޖެހެނީ އެފްއައިޔޫ

ބީއެމްއެލްއިން ބުނީ ޝައްކުކުރެވޭ މުއާމަލާތްތައް އެމްއެމްއޭގެ އެފްއައިޔޫއަށް ރިޕޯޓުކުރުމަކީ އެންޓި މަނީލޯންޑަރިން ގާނޫނުން ބޭންކުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާއި، އެ ޒިންމާ އަދާކޮށްފައިވާނެ ކަމަށެވެ.

އަދި އެފަދަ މުއާމަލާތްތަކާ ގުޅޭ ރިޕޯޓުތަކުގައި ބަޔާންކުރާ އެންމެހާ މައުލޫމާތުތައް ބަލައި އިތުރަށް ދިރާސާކުރުމަކީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ޒިންމާއެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގީ ރިޕޯޓުގައި ވާ ގޮތުން، އޭސީސީއަށް ދިން ބަޔާނެއްގައި އެފްއައިޔޫގެ އޭރުގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު ވަނީ، އެސްއޯއެފްގެ މުއާމަލާތްތަކާ ބެހޭ އެނަލިސިސް ރިޕޯޓާއެކު މުއާމަލާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްއާ ހިއްސާކޮށްފައެވެ.

"ނަމަވެސް އެފްއައިޔޫއަކީ އެންމެ ހަތަރު މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޔުނިޓެއް ކަމަށާއި މިވަގުތު ފޯކަސްކުރާނީ ބޭރު ގައުމުތަކުން ހިންގާ ވަގު ފައިސާގެ ޓްރާންސެކްޝަންތައް ބަލައި އެނަލައިޒްކުރުމަށް ކަމަށާއި ބްލެކް މަނީ ނޫން އެއްޗެއްސައިގެން އުޅުމަށް މި ވގަުތު ރިސޯސްއެއް ނެތްކަމަށް ގަވަނަރ ވިދާޅުވި"ކަމަށް އާތިފްއާ ހަވާލައިދީ، އޭސީސީގެ ރިޕޯޓުގައި ވެއެވެ.

އެހެންކަމުން ގަވަރުނަރުގެ އިރުޝާދުގެ ދަށުން އެ މައްސަލަ ތަހުގީގުކުރަން އެއްވެސް އިދާރާއަކަށް އެފްއައިޔޫއިން ނުފޮނުވާކަމަށް އާތިފް ވިދާޅުވިކަމަށް އެ ރިޕޯޓުގައި ވެއެވެ.

ތިން އޮޑިޓެއް ކުރި، މައްސަލައެއް ނުފެނޭ

ބީއެމްއެލްއިން މިރޭ ބުނީ އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން އެ ބޭންކުގެ ތިން އޮޑިޓެއް ކުރެވުނު ކަމަށެވެ. އެއީ ބޭންކުގެ އިންޓާނަލް އޮޑިޓަކާއި، އެމްއެމްއޭއިން ކުރިއަށް ގެންދިޔަ އޮޑިޓަކާއި އަދި އެމްއެމްއޭގެ އެފްއައިޔޫއިން ހިންގި އޮޑިޓެއް ކަމަށެވެ.

އެގޮތުން ބޭންކުން އަމަލުކުރީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށާއި، އެ މައްސަލައިގައި ބޭންކުގެ އެއްވެސް މުވައްޒަފަކާ ގުޅިގެން އެއްވެސް ބާވަތެއްގެ އަމަލެއް ހިންގާފައި ނުވާކަން ބޭންކުގެ އިންޓާނަލް އޮޑިޓުން ހަަމަވި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެ އިތުރުން ބީއެމްއެލް ހިންގުމުގައި ގެންގުޅޭ އިންޓާނަލް ކޮންޓްރޯލުތައް ފުރިހަމަވޭތޯ ބެލުމަށްޓަކައި އެ ބޭންކުގެ ލޯނު ދޫކުރުން ފިޔަވާ ހުރިހާ އެހެން ހަރަކާތެއްގެ އޮޕަރޭޝަނަލް ރިސްކު އޮޑިޓެއް، 2016 ގެ އޯގަސްޓް މަހުން ފެށިގެން ކުރިއަށް ގެންދިޔަ ކަމަށް ބޭންކުން ބުންޏެވެ. އަދި އެ އޮޑިޓުގައި އެމްއެމްޕީއާރުސީގެ މުއާމަލާތްތައްވެސް ބެލިކަމަށް ބޭންކުން ބުންޏެވެ.

އަދި އެފްއައިޔޫއިންވެސް އޮކްޓޫބަރު 2017 އިން ފެށިގެން ނުވަ މަސް ދުވަސް ވަންދެން މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް ބޭންކުގައި އަމަލުކުރާގޮތް ބެލުމަށްވެސް އޮޑިޓެެއް ކުރިކަމަށް ބޭންކުން ބުންޏެވެ.

"މިއިން އެއްވެސް އޮޑިޓަކުން ބޭންކުން މި މުއާމަލާތްތައް ހިންގުމުގައި ގާނޫނާއި ގަވައިދާ ހިލާފުވެފައިވާކަމަކަށް ފާހަގައެއް ނުކުރެވެއެވެ،" ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް