ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދަށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ސަން ފައިލް ފޮޓޯ

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ހިންގުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ވަގުތީ ގޮތުން ހަވާލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ހަވާލުކުރީ، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވަޒީފާގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށްފައި ހުންނެވުމުންނެވެ. މަހުލޫފު ސަސްޕެންޑު ކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ޓްރާންސްފާކޮށްފައިވާ ކަން އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ރިޕޯޓުން ހާމަ ވުމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވަނީ، ޔޫތު މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދާ ހަވާލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިކަން ހާމަކުރައްވައިފަ އެވެ.

ޔޫތް މިނިސްޓްރީ އަލީ ވަހީދާ ހަވާލު ކުރެއްވި އިރު މިއަދު އޭނާ ވަނީ އަބޫ ދާބީއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ރާއްޖެ ވަޑައިގެންފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ރިޕޯޓު އާންމު ކުރުމާ އެކު މަހްލޫފު ވަނީ އޭނާ ކުރި މުއާމަލާތުގެ ތަފްސީލާއި ވިޔަފާރީގެ ރަސީދުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެސްއޯއެފް އިން ޑޮލަރު ޖަމާ ކުރީ ސައްހަ ޑޮލަރު ގަތުމުގެ މުއާމަލާތަކާ ގުޅިގެންނެވެ.

ރިޕޯޓް އިއްވުމުގެ ދެ ވަނަ ދުވަހު ރައީސް އިބްރާހިމް ސޯލިހު ވަނީ އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ގޭގައި މަޑުކުރުމަށް މަހްލޫފަށް އަންގަވައިފަ އެވެ. އަދި އެ މައްސަލާގައި އެއްވެސް ކުށެއްވާ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ސަސްޕެންޑުކޮށްފައިވާ މިނިސްޓަރު މަހުލޫފު ވަނީ މިއަދުވެސް އަމިއްލަ ދިފާއުގައި މީސް މީޑިއާގައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، ވައްކެއް ކުރެއްވި ނަމަ މިއަދު ހުންނަވާނީ ކުރީގެ ރައީސް ޔާމީނާ އެކު ތާށިވެފައި ކަމަށެވެ.

comment ކޮމެންޓް