ސީރިއާގައި ހައްޔަރުކޮށްފައިވާ އައިއެސް ހަނގުރާމަވެރިން ޔޫރަޕަށް ގެންދަން ޓްރަމްޕް ގޮވާލައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އައިއެސް ހަނގުރާމަވެރިންގެ ޝަރީއަތް ޔޫރަޕްގައި ކުރިއަށް ގެންދަން ގޮވާލައްވާފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ފެބްރުއަރީ 17): ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ މީހުން ޔޫރަޕްގެ ގައުމުތަކަށް ގެންގޮސް، އެމީހުންގެ ޝަރީއަތް ކުރިއަށް ގެންދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ސީރިއާގައި އައިއެސްގެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ އެހީ ލިބޭ ކުރުދީ ހަނގުރާމަވެރިންނެވެ. ރައީސް ޓްރަމްޕްގެ ޓުވީޓެއްގައިވާ ގޮތުން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 800 އަށް ވުރެ އިތުރުވާނެ އެވެ.

"ސީރިއާގައި ހައްޔަރުކޮށްފައިވާ އައިއެސްގެ 800 އަށް ވުރެ ގިނަ ހަނގުރާމަވެރިން އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު އަދި އެހެން ޔޫރަޕްގެ ގައުމުތަކަށް ގެންގޮސް އެމީހުންގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެމެރިކާއިން ގޮވާލަން،" ޓްރަމްޕްގެ ޓުވީޓުގައިވެ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި "އައިއެސްގެ ޚިލާފަތު" ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ އެވެ. އަދި ޔޫރަޕްގެ ގައުމުތަކުން އައިއެސްގެ ހަނގުރާމަވެރިން އެ ގައުމުތަކަށް ނުގެންދާ ނަމަ، އެމެރިކާ އަށް ޖެހޭނީ ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލަން ކަމަށް ވެސް ޓުވީޓުގައިވެ އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އައިއެސްގެ ހަނގުރާމަވެރިން ދޫކޮށްލައިފި ނަމަ އެމީހުން ދާނެ ކަމަށް ބެލެވެނީ ޔޫރަޕަށް ކަމަށާއި އެމީހުން ޔޫރަޕްގައި "ފެތުރިގަންނަ" މަންޒަރު ބަލަން ބޭނުން ނޫން ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވަނީ އެމެރިކާ އިން އައިއެސްގެ މައްޗަށް ކުރި ހޯދާފައިވާކަން "ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އިއުލާން ކުރައްވާނެ" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ24 ގަޑި އިރު ފާއިތުވި އިރު ވެސް ޓްރަމްޕް އެފަދަ އިއުލާނެއް ނުކުރައްވަ އެވެ. އޭގެ ފަހުން ކުރުދީ ހަނގުރާމަވެރިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އައިއެސް ބަލި ކުރެވޭނެ ކަމަށް ބުނެފަ އެވެ.

ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް) އިން ބުނާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން މިހާރު ވަނީ 700 ސްކޮޔާ ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާށިވެފަ އެވެ. ނަމަވެސް އެޖަމާއަތުގެ މެމްބަރުން ދަނީ އެތައް ހާސް މީހުން "އައްޑަނައިގެ" ގޮތުގައި ބޭނުން ކުރަމުން ކަމުން ހަމަލާ ދޭން ދަތިވާ ކަމަށް އެސްޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް