އެމްއެމްއޭ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ބޭފުޅަކު ހަމަޖައްސައިފި

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އައްޔަނުކުރި އިބްރާހިމް އަހްމަދު ނާސިރު --

މޯލްޑިވްސް މަނިޓަރީ އޮތީރިޓީގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓުގެ ވެރިއަކަށް އިބްރާހިމް އަހްމަދު ނާސިރު ހަމަޖައްސައިފި އެވެ.

އެފްއައިޔޫގެ ވެރިއަކަށް ހަމަޖެއްސި އިބްރާހިމް އަހްމަދު ނާސިރަކީ މީގެ ކުރިން އެމްއެމްއޭގައި ކްރެޑިޓް ގެރެންޓީ ޔުނިޓުގެ އިސްވެރިއަކަށް ހުންނެވި ބޭފުޅެކެވެ.

މިހާރު އޭނާއަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާމަނެވެ. އެ އޮފީހުގައި މީގެ ކުރިން މަސައްކަތް ވެސް ކުރެއްވި އެވެ. އެޗްއެސްބީސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުގެ ގޮތުގައި ވެސް އޭނާ ހިދުމަތްކުރެއްވި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި ވެސް 11 އަހަރު ދުވަހު ހިދުމަތްކުރެއްވި އިބްރާހިމް އަހްމަދު ނާސިރަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ އުފެއްދުމުގައި އިސްކޮށް އުޅުއްވި، އަދި އެ ދެ ކުންފުނީގެ ސީއީއޯކަން ވެސް ތިން އަހަރު ދުވަހު ކުރެއްވި ބޭފުޅެކެވެ.

ނާސިރު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޯޑުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ. އަދި ޔޫއެންޑީޕީއާއި ޔުނިސެފްގައި ވެސް މަސައްކަތްކުރެއްވި އެވެ.

އެފްއައިޔޫގެ ވެރިއަކަށް ނާސިރު އައްޔަނުކުރެއްވުމުގެ ކުރިން އެ މަގާމުގައި ހުންނެވީ އަބްދުﷲ އަޝްރަފެވެ. ނަމަވެސް އަޝްރަފް ވަކިކޮށް، އެހެން ސެކްޝަނަކަށް ވަނީ ބަދަލުކޮށްފައެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިންގްއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި އުފައްދާފައިވާ މިނިވަން ޔުނިޓެކެވެ. އެ ޔުނިޓުގެ ވެރިއަކަށް ބޭފުޅަކު އައްޔަނުކުރައްވާނީ ގަވަރުނަރެވެ.

comment ކޮމެންޓް