ޖޭޕީއަށް ތާއީދު ކުރަން ނިންމީ އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ ފުރުސަތު ނުދޭން: ޔާމީން

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ---

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައެއް ގޮނޑިތަކަށް ވާދަނުކޮށް ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރަން ނިންމީ އެމްޑީޕީ އަށް މެޖޯރިޓީ ލިބުމުގެ ފުރުސަތު ނުދޭން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލ. މާވަށުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ގޮނޑިތައް ޖޭޕީއަށް ދޫކޮށްލަށް ނިންމުމުން އެޕާޓީގެ މެމްބަރުންގެ މެދުގައި ހިތްހަމަ ނުޖެހުން އެބައޮތް ކަމަށެވެ.

ނަމަވެސް އެމްޑީޕީ އަށް ދާއިރާތަކުގެ ގޮނޑިތައް ކާމިޔާބުވެ މެޖޯރިޓީ ލިބުމަކީ ރާއްޖެއަށް ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެމްޑީޕީއަށް މެޖޯރިޓީ ލިބުމަކީ ރާއްޖެއަށް ވަރަށް ނުރައްކާތެރި ކަމެއް. ހަމައެކަނި ނުރައްކާތެރި ވަނީ އަޅުގަނޑަކަށެއް ނޫން. ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑަށް މިހާރު ވެސް ވަރަށް ދުއްތުރާ ކުރޭ. އެކަމަކު ދެން އެމީހުންނަށް އާ މަޖިލީޙުގެ މެޖޯރިޓީ ލިބިއްޖެ ކަމަށް ވަންޏާ ވަރަށް ބޮޑަށް ކަންތައްތައް ބަދަލުވެގެން ދާނެ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ. އެއީ މިހާރު ވެސް ރާއްޖެ މިހޭދަ ކުރަމުންދާ ދުވަސްތަކުގައި ރާއްޖޭގެ ގައުމިއްޔަތެއް ނެތް ކަމަށެެވެ. އަދި ދީނަށް ފުރައްސާރަކޮށް އެއްގޮތަކަށް ވެސް ދިވެހި ވަންތަ ސިފަ ނެތް ކަމަށެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރަށް ދާއިރާތަކުގެ ތަރައްގީގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވާ ކަމަށެވެ. އަބަދު ވެސް އެމަނިކުފާނުގެ ސަރުކާރުން ކަމެއް ނުކުރާ ކަމުގެ ވާހަކަދައްކާ އެ ވާހަކަތަކުގެ ނިވަލުގައި ފިލާ ތިބޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައި ޕީޕީއެމުން ދަނީ އެ ޕާޓީގެ ބައެއް މެމްބަރުންގެ ޓިކެޓްތައް އަތުލަމުންނެވެ.

ޖޭޕީން ބުނެފައި ވަނީ އެއްވެސް ޕާޓީއަކާ އެކު ކޯލިޝަނެއް ހަދާފައި ނުވާ ކަމަށެވެ. އެކަމަކު އެމްޑީޕީއަށް މެޖޯރިޓީ ދިނުމަކީ ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް