މީޑިއާގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ: ރައީސް

މީޑިއާ ކައުންސިލްގެ މެމްބަރުންނާ ރައީސް މިއަދު ކުރެއްވި ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް

މީޑިއާގެ މިނިވަންކަމަށް މި ސަރުކާރުން އަބަދު ވެސް މަސައްކަތްކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާ މިއަދު ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީޑިއާގެ މިނިވަންކަމަށް މި ސާރުކާރުން މަސައްކަތް ކުރައްވާނެ ކަަމަށާއި އަދި އެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި، މީޑިއާ ކައުންސިލުން ވަނީ މީޑިއާގެ ތަރައްގީއަށް އެކައުންސިލުން ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސް ސޯލިހްއާ ކުރައްވައިފަ އެވެ. އަދި މީޑިއާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭނުންވާ ކަންކަން ވެސް ކައުންސިލުގެ މެންބަރުން ވަނީ ހުށައަޅުއްވައިފަ އެވެ.

އެ ބައްދަލުކޮށްލެއްވުމުގައި ކައުންސިލްގެ މެންބަރުން ވަނީ އަބުރުގެ ގާނޫނު އުވާލުމުން ދިވެހި މީޑިއާއަށް ލިބިގެން ދިޔަ މިނިވަންކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން ވަނީ ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރުމަށް އެ ކައުންސިލުން އެކުލަވާލައި ތައްޔާރުކުރި "އަލިމަސް" ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފަ އެވެ.

comment ކޮމެންޓް