ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި ޓީސީއާއި އީގަލްސްގެ ކުރިމަތިލުމެެއް

އީގަލްސްއާއި ޑް ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް އިން ބާއްވާ ޔޫތް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގެ މެޗުތައް އީގަލްސް އާއި ޓީސީ ކާމިޔާބު ކޮށް ފައިނަލަށް ދަތުރުކޮށްފި އެވެ.

ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ގުރީން ސްޓްރީޓް 1-2ގެ ނަތީޖާއަކުން ޓީސީ ކާމިޔާބު ކުރި އިރު މި ސީޒަނަށް އަލަށް ކޮލިފައިވި ޑެ ގުރާންޑޭ އާއި ވާދަޮށް އީގަލްސް މެޗު ކާމިޔާބު ކުރީ 1-3ގެ ނަތީޖާ އަކުންނެވެ. ޔޫތު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އީގަލްސް ފައިނަލާއި ހިސާބަށް ދަތުރު ކޮށްފައި ވަނީ އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ މޮޅުގެ ރެކޯޑަކާ އެކު އެވެ.

އިއްޔެ ހަވީރު ޓީސީ އާއި ގްރީން ސްޓްރީޓް ބައްދަލު ކުރި ފޯރި ގަދަ މެޗު ކުޅެވިގެން ދިޔައިރު ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ އަދި ބަލާހިތްވާ ފަދަ ހިތްގައިމު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ.

މެޗުގެ ހަތަރު ވަނަ މިނަޓުގައި ޓީސީގެ ޒުވާން ފޯވާޑް ޒަޔާން ނަސީރު ވަނީ ގޯލެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެ ގޯލާ އެކު ގްރީންއަށް ހަމަޖެހިލެވޭ ވަރު ނުވެ އުޅެނިކޮށް ޒަޔާން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. ނަމަވެސް އެ ގޯލާ އެކު ގްރީންއަށް ހޭލެވި ކުޅުން ރަނގަޅުކޮށް ހަމަ ހަމަ ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރި އެވެ.

ޓީސީއާއި ގްރީންސްޓްރީޓު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނަޓުގައި ގުރީން އިން ވަނީ ގޯލެއް ޖަހާފަ އެވެ. އަދި ފައިނަލުގެ އުންމީދުގައި ޓީމު އިތުރަށް ވަރުގަދަކޮށް ކުރިއަށް ޖައްސައިގެން ކުޅުނެވެ. ނަމަވެސް ޓީސީގެ ޑިފެންސް ލައިނާއި ކީޕަރުގެ ހުށިޔާރު ކަމުން ގްރީންއަށް އިތުރު ގޯލެއް ނުޖެހި ޓީސީ މޮޅުވެގެން މެޗު ނިމުނީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޓީސީގެ ޖާޒީ ނަންބަރު 15 އައްޒާމް އަބްދުﷲ އެވެ. އޭނާ ދަނީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ރޭ އީގަލްސް އާއި ޑެ ގްރާންޑޭ ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރީ އީގަލްސްއެވެ. ކުޅުނު ފަސް މެޗުން ވެސް މޮޅުވެ އީގަލްސް ފައިނަލަށް ދަތުރު ކުރި އިރު ޑެ ގްރާންޑޭގެ ފުރަތަމަ ތަޖުރިބާގައި ސެމީއަށް ދިއުމަކީ ވެސް އެ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖުމްލަކޮށް ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ހާފު ނިމެން މިނަޓަކަށް ވެފައި ވަނިކޮށް އީގަލްސް އިން ވަނީ ގޯލެއް ޖަހާ ލީޑު ނަގައިފަ އެވެ. ހައްމަދު އަޒުމޫން ޖަހައިދިން މި ގޯލާ އެކު އީގަލްސް އަށް ހިތްވަރު ލިބިގެންދިޔަ އެވެ.

ދެވަނަ ހާފު ފެށުމާ އެކު އީގަލްސްގެ ކެޕްޓަން ހަސަން ރާއިފް (ހަންނަ) ވަނީ ގޯލެއް ޖަހާ ލީޑު ފުޅާ ކޮށްދީފަ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި އިތުރު ގޯލެއްވެސް ޖަހާ މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.

ޑެ ގްރާންޑޭގެ ފަރާތުން މެޗުގައި ފެނުނު ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތު ޖަހައިދިނީ ސާއިމް މުހައްމަދުއެވެ.

ޓީސީއާއި އީގަލްސް ބައްދަލު ކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު ގައުމީ ރަސްމީ ދަނޑުގަ އެވެ.

comment ކޮމެންޓް