އޭރުވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ޝާހީން އައުން ލަސްވުމުން ކުޑައިގައި ބާރަށް ހިފައްޓާލަމުން އަނާލް ކުޑަކޮށް މަގާވީ ދިމާލަށް ޖެހިލިއެވެ. އަދި ރީތިކޮށް މަގުގެ ދެކޮޅު ބަލާލިއެވެ. ވާރޭ ބޯ ކަމުން ޓެކްސީއެއް ވެސް ފެންނާކަށް ނެތެވެ. ކޮލެޖް ކުރިމައްޗަށްވާ ގޮތައް ހައްދާފައިވާ ގަސްތަކުގެ ބޫން އަޑުން ފަޒާ ފަޅުފިލުވަމުން ދިޔައިރު ދެންމެ ދެންމެ ގަސްތައް އުފުރިގެން ގޮސް ދާނެހެން ހީވިއެވެ. ކުޑަވެސް ހީވަނީ އަތުން ވިއްސައިގެން ހިނގައިދާނެހެންނެވެ. މެންދުރުއްސުރެ ވާރޭ ވެހުނަސް ވިއްސާރަ ގަދަވެ ތޫފާނަކަށް ބަދަލުވާން ފެށީ އިރުއޮއްސުނު ފަހުން ވިއްޔާއެވެ. ފަހަތުން އައި ކާރުގެ ބަރުގޮނުގެ އަޑާއެކު އޭނާ ފަހަތަށް އެނބުރިލީ ސިހިފައެވެ. އަނާލްގެ ލޮލުގައި ބާރު ސްޕީޑްގައި އައި ކާރު އަޅައިގަތީ އެވަގުތުއެވެ.

ކުޑަ އަތުގެ ކޮޅަށް ހޫރާލުމަށްފަހު ދެލޯ ބޮޑުކޮށްލުމާއެކު އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއާއެކު ނުވެއްޓުނީ ކިރިއާއެވެ. ސްޕީޑް މަޑުކުރުމެއްނެތި އެ ކާރު ދިޔައިރު އަނާލްއަށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އޭނާގެ މޭގަނޑު އަތަށް ނައީކިރިއާއެވެ. އެއްވެސް ހުރަހެއްނެތި ވެހެމުން ދިޔަ ވާރޭގެ ޝިކާރައަކަށްވެ އަނާލް އެކީ ތެމިއްޖެއެވެ. އަނެއްކާވެސް މޭގައި އަތް އަޅައިގެން ހުރެ އެއްފިޔަވަޅު ފަހަތަށް އަނާލް އަޅާލީ މީހާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށެވެ. ދެފަރާތަށް ބޯ ހޫރާލެވުނީ ދެންމެ ލިބުނު ޝޮކު ފިލާތޯއެވެ.

އޭނާ ކޮލެޖް ވޮޗް މޭންގެ ހިލަމެއްވޭތޯ ގޭޓުން އެތެރެ ބަލާލިއެވެ. އެހެންނަމަވެސް މިހާރު އެމީހާގެ އެއްވެސް ހިލަމެއްނެތެވެ. އުޑުމައްޗަށް ބަލާލުމާއެކު އަނާލްއަށް މޭގައި ދެއަތް ހުރަސްކޮށްލެވުނީ ފިނިވީ ވަރުންނެވެ. އޭރު އޭނާގެ ތުންފަތަށް މަޑު ތުރުތުރު އެޅުމެއް ވެރިވެފައިވީއިރު ހިތްވެސް ވަނީ ބިރުގަނެފައެވެ. އަނާލް ފޯނު ނަގާ ބަލާލިއެވެ. ވޯޓަރ ޕްރޫފް ފޯނަކަށް ވުމީ އަނާލްގެ ނަސީބެވެ. އޭނާ ޝާހީންގެ ނަންބަރަށް ގުޅާލިއެވެ. އަދި ކުޑަކޮށް އަސްކެނި ދަށައް ވަދެލިއެވެ. އެހެންނަމަވެސް ބޯކޮށް ވެހެމުން ދިޔަ ވާރެއިން މުޅިން ސަލާމަތް ވެވޭގޮތެއް ނުވިއެވެ. ޝާހީން ފޯނެއް ނުނަގައެވެ. މާޔޫސް ކަމާއެކު ފޯން ތިރިކޮށްލަމުން ކޮނޑުގައި އަޅުވާފައިވާ ދަބަސް ނަގާ މޭގައި ޖައްސާލިއެވެ. އެހެންނަމަވެސް އަނެއްކާވެސް ފޯން ނަގާ ގުޅާލެވުނީ ފޯން ނަގާފާނެ ކަމުގެ ކޮންމެވެސް އުންމީދެއް އޮތީތީއެވެ.

އެހެން ހުންތަނާ ފަސްވަރަކަށް މިނެޓް ވެއްޖެއެވެ. ކެނޑިނޭޅި އޭނާ ދިޔައީ ޝާހީންއަށް ގުޅަން މަސައްކަތް ކުރަމުންނެވެ. ގިނައިރެއްނުވެ އޭނާގެ ލޮލުގައި މަގުގެ އަނެއްފަރާތުން އެ ދިމާލަށް އައި ދެ ފިރިހެން ކުދިން އަޅައިގަތެވެ. އެ ދެމީހުން ވެސް ތިބީ ތެމި ފޯވެފައެވެ. އަނާލް ފެނުމާއެކު އެއްކުއްޖަކު އަނާލް ދައްކާލިއެވެ. އަދި ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އެއާއެކު ދެން ހުރި ކުއްޖާ ބާރަކަށް ހީގަތެވެ. އެ ދެމީހުން އަނާލްއާއި ދިމާލަށް މިސްރާބުޖެހުމުން އެ ދެމީހުންނަކީ ވެސް ހެޔޮ ނިޔަތެއްގައި އަންނަ ބަޔެއް ނޫންކަން އަނާލްއަށް ޔަޤީންވިއެވެ. އަނާލް ދެފަރާތަށް ބަލާލަމުން ދުއްވައިގަތީ އެ ދެމީހުން އޭނާ އާއި ނުހަނު ގާތަށް އައި ފަހުންނެވެ. އެއާއެކު އެ ދެމީހުންވެސް އަނާލް ފަހަތުން ދުއްވައިގަތެވެ.

ފަހަތަށް ބަލަމުން ފިޔަވަޅުތަކަށް ބާރުލަމުން އަނާލް ދުވަމުން ދިޔައެވެ. ދެއަތް ހުރަސްކޮށްލާ ދަބަސް މޭގައި ޖައްސާ ބާރުކޮށްލާފައިވާއިރު ވާއަތުގައި ފޯނުއޮތެވެ. ބޭރުމަގުން ދުވަމުން ދުވަމުން އޭނާ ވަރަށް ދުރަށް ދިޔައެވެ. ވަރުބަލިވެ ދެފަޔަށް މަޑު ތުރުތުރު އެޅުމެއް ވެރިވެއްޖެއެވެ. އިތުރަށް ކުރިއަށް ދެވޭނެހޭ ހިތްވަރު ނެތުމުން އޭނާ ހުއްޓި ފަހަތް ބަލާލިއިރު މިހާރު އެ ދެމީހުންގެ ހިލަމެއް ނެތެވެ. އަވަސް ނޭވާތަކެއް ލަމުން އަނާލް ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ހަމަޖެހުމުގެ ނޭވާ އެއްލަމުން އޭނާ ކަކުލުގައި އަތް އަޅާލަމުން ގުދުވިއެވެ. އޭރު އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ. މީހާ ހަމަޖެހެން މަސައްކަތް ކުރަމުން އޭނާ އަނެއްކާވެސް ދެތިން ފުންނޭވާ ލިޔެވެ.

"އޭތް ސަޅި މަންޖެއެއް...." ކުއްލިއަކަށް އޭނާ އަށްސިހުން ގެނުވީ އޭނާގެ ވާތްފަރާތުން ދާދި ގާތުން މީހަކު ވާހަކަ ދެއްކި އަޑުއިވިފައެވެ. ސިހުނު އަނާލްއަށް އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް އެމީހަކު އަނާލްގެ އަތުގައި ހިފާ ދަމައިގަތެވެ. އެމީހަކު ދަމައިގަތްލެއް ބާރުކަމުން އަނާލް ގޮސް ވެއްޓުނީއެވެ. އެއާއެކު ކަކުލުން ދިލަ ނަގައިގެން ދިޔައީ ހަން މަށައިގެން ދިޔައީތީއެވެ.

"އޭތް އަސްލުތަ ބްރޯ....ރަންގަނޑެއް ތާ މިލިބުނީ" ވެއްޓުނު އަނާލް ތެދުވަމުން ވަށައިގެންވީ މާހައުލަށް ބަލާލުމާއެކު އެހެން މީހަކު ބުނެލި އަޑު އިވުނެވެ. އޭރުވެސް ދަބަހާއި ފޯން އޭނާގެ އަތުގައި އޮތެވެ. ހަދަން ފަށާފައިވާ އެ އިމާރާތުގައިވި ފަނޑު އަލިކަމުގެ ތެރޭގައި މުޅިން ވެސް ކުރަމުން ދިޔައީ ވިޔާ ނުދާ ޢަމަލްތަކެވެ. ވިދާލާ ވިދުވަރާއެކު މުޅި ތަނަށް ވެސް އަލި ފެތުރެއެވެ. ތަފާތު ވައްތަރުގެ ބިއްލޫރިފުޅިތައް ވަނީ މުޅިތަނަށް އުކާލެވިފައެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަނީ މިހާރު ދިމާވެފައި މިވަނީ ދެންމެ ދިމާވި ކަމަށް ވުރެ ބިރުވެރިކަމަކަށް ވީމައެވެ.

އިރުކޮޅަކު ވިސްނަން ހުރެފައި ދުއްވައިގަންނަން މަސައްކަތްކުރި އަނާލްއަށް ނާކާމިޔާބުވީ އޭނާގެ ކުރިމައްޗަށް އެރި ޒުވާނާ ފެނުމާއެކުގައެވެ. އިސްތަށިގަނޑުގައި ވަނީ ފާޑަކަށް ހުޅިއެއްޖަހާ އައްސާލާފައެވެ. އަތުގައި ވެސް ތަފާތު ވައްތަރުގެ އެއްޗެހި އަޅާފައިވެއެވެ. އެޒުވާނާ އަނާލްގެ އިސްތަށިގަނޑުގައި ހިފިއެވެ. ވީ ތަދާއެކު އަނާލްއަށް ހަޅޭއްލަވައިގަނެވުނެވެ. އިތުރު މީހަކު އައިސް އަނާލްގެ އަތުގައި ހިފެއްޓީ އޭނާ ސަލާމަތްވާންވެގެން ގަދަ ހަދަމުން ދިޔައީތީއެވެ. އަނާލް ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ފުރަތަމަ ސިޑިން މައްޗަށް އެރުވިއެވެ. އަދި އެމީހާގެ އަތުގައި ހުރި ބާރުލާފައި ހޫރާލިއެވެ. އަނާލް ގޮސް ޖެހުނީ އެތަނުގައި ބަހައްޓާފައި ހުރި ގާތަކެއްގައެވެ. ނިތްކުރިމަތި ގާތަކުގައި ޖެހި ފަޅައިގެން ގޮސް ލޭ އޮހޮރިގަތެވެ. އެއާއެކު އެ ނަގައިގަތް ދިލައަކުން އޭނާއަށް 'އާހް' އޭ ބުނެވުނެވެ. އެހެންނަމަވެސް މިހާރު އޭނާ ހުރީ އެފަދަ ކަމަކަށް ސަމާލްކަން ދެވޭ ހާލަތެއްގައެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް ބިރާ ސިހުން ވަނީ އޭނާގެ ހިތާއި ހަށިގަނޑު ހިސާރު ކޮށްފައެވެ. އަނާލް އަނެއްކާވެސް ދުއްވައިގަންނަން މަސައްކަތް ކުރިއެވެ. ދެން ވާނީ ކިހިނެތްކަން ލަފާ ކޮށްލުމާއެކު އޭނާގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ތެމިފައި ހުރުމުގެ ސަބަބުން ހެދުން ވަނީ ގައިގައި ތަތްލާފައެވެ. އަނާލް އޭނާގެ ދަބަހުން ހަށިގަނޑު ފޮރުވޭތޯ މަސައްކަތް ކުރީ އެމީހުންގެ ދަހިވެތި ނަޒަރުތަކުން ސަލާމަތް ވުމަށެވެ.

އެންމެފަހު ވަގުތާ ޖެހެންދެން ވެސް އޭނާ ސަލާމަތްވާން މަސައްކަތް ކުރާނެއެވެ. އެމީހުންނާ ހަނގުރާމަ ކުރާނެއެވެ. އޭނާ ދަބަސް އެއްލާލާ އިސްތަށިގަނޑު ދިގުކޮށްފައި ހުރި ޒުވާނާގެ މޫނު މަތީގައި ޖެހިއެވެ. އަދި އަނެއްކާވެސް ދުއްވައިގަންނަން މަސައްކަތް ކުރިއެވެ.

"ހޯ! ހޯ! ދެން ނުދެވޭނެ އިނގޭ" ދުއްވައިގަންނަން ކުރި މަސައްކަތް ބޭކާރުވެ އޭނާގެ ދެފައިގައި ކަސްތޮޅު އެޅުނީ ސިޑިން އަރަމުން ދިޔަ މީހަކު ބުނެލުމާއެކުގައެވެ. ދާނެ ވަކި ދިމާލެއް އަނާލް އަކަށް ނޭނގުނެވެ. ވަށައިގެން ކިތަންމެ ވަރަކަށް ބެލިޔަސް މިހާރު އޭނާއަށް ސަލާމަތްވާނެ އެއްވެސް ގޮތެއް ނުފެނުނެވެ. ނުކުމެވޭނޭ ގޮތެއް ނެތެވެ. އަނާލް ވަށައިގެން ވަނީ އެ ނުބައި އިންސާނުންނެވެ.

އެވަގުތު އޭނާގެ ފޯން ރިންގް ވާން ފެށިއެވެ. ގުޅަނީ ޝާހީން ކަމުން އޭނާ ފޯން ނަގަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެތަނުން އެކަކު އައިސް އަތުގައި ޖެހި ގޮތުން ފޯން ވިއްސައިގެން ގޮސް ދުރަށް ވެއްޓުނެވެ. ފޯނުގެ ސްކްރީން ތެޅުނު ނަމަވެސް އެކީ ހަލާކެއް ނުވިއެވެ. އެމީހަކު އައިސް އަނާލްގެ ކޯތާފަތުގައި ޖަހާފައި ސަލާމަތްވާން ގަދަހަދާނެ ކަމެއްނެތޭ ބުނެ ނުލަފާ ވައްތަރަކަށް ހީގަތެވެ.

"ހެޔޮ ނުވާނެ އަހަރެން ދިޔަ ދީ! " އަނާލް އާދޭސްކުރަން ފެށީ އެ ނޫން ގޮތެއް ނެތިގެންނެވެ. އޭނާގެ ގާތަށް ފަހަރަކު މީހަކު އައިސް ގައިގައި އަތްލަން ފެށީއެވެ. އަނިޔާ ކުރަން ފެށީއެވެ. އޭނާ ރޮއިގަނެފައި އާދޭސް ކުރާ ކޮންމެ ފަހަރަކު އެމީހުންގެ ހިތަށް އުފާވެރިކަމެއް ލިބޭ ފަދައެވެ. އަނާލް ގަދަ ހަދަން މަސައްކަތް ކުރިނަމަވެސް އެތަނުން އެކަކުގެ ހިތަށްވެސް ރަހުމް ވަނީ އެއްނޫނެވެ. އަނާލް އިސްތަށިގަނޑު ދިގު ޒުވާނާގެ އަތުގައި ދަތް އެޅިއެވެ. ދަތް ތަކަށް ބާރުކުރުމުގެ ސަބަބުން އަނގައިގައި ލޭ ރަހަލުމުންވެސް އޭނާ އެކަން ހުއްޓައެއް ނުލިއެވެ. އެމީހާ ވޭނީ 'އާހް' އެއް ބޭރުކޮށްލަމުން އަނާލްގެ ގައިން ދޫކޮށްލުމާއެކު އޭނާ ދުއްވައިގަންނަން އަނެއްކާވެސް ގަދަ ހެދިއެވެ.

"ތި ހިރީ ދެވިފަ.... މަށަށް އަނިޔާ ކުރީމަ ދެން ވާގޮތް ދައްކާލާނަން" އެމީހާ އަނާލްއަށް ބަލާލީ ނުރައްކާތެރި ގޮތަކަށެވެ. އަދި އެ އައި ގޮތަށް އައިސް އޭނާ އަނާލްގެ އަތުގައި ލަތްކެއް ޖެހި ޖެހީނުން އަނާލް ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ.

"ނޫން ނޫން" ވަމުންދިޔަ ގޮތުން އަނާލްއަށް ބާރަށް ރޮވެން ފެށުނެވެ. ދެން ވާނީ ކިހިނެތްކަން އަންދާޒާ ކޮށްލުމާއެކު އޭނާއަށް ބާރަށް ރޮއިގަނެވުނެވެ. އަނާލް ތެދުވަން އުޅުމުން އެކަކު އައިސް އަތަށް ފައިން އަރާ ހައްޔަރު ކޮށްލިއެވެ. އަނެކަކު އައިސް އަނެއްފަރާތުން ހަމަ އެގޮތަށް ކަންތައް ކުރިއެވެ.

އަތަށް ވަމުން ދިޔަ ތަދަށް ވިސްނުމެއް ނެތި އަނާލް ރޮމުން އާދޭސް ކުރަމުން ދިޔައެވެ. ސަލާމަތަށް އެދި އޭނާ ހަޅޭއްލަވަމުން ދިޔައެވެ. ދުރުގައި ވެއްޓިފައި އޮތް ފޯން ނަސީބަކުން ނުނިވި އޮތުމުން އޭރުވެސް ޝާހީން ގުޅަމުން ދިޔައެވެ. އަނާލްއަށް ފޯނާ ދިމާލަށް ބަލާލެވުނެވެ.

"ނޫން ނޫން... އަހަރެންނަށް ތިހެން ނަހަދާ... އަހަރެން ދޫކޮށްލާ... އަހަރެން އެއްވެސް މީހެއް ގާތުވެސް ނުބުނާނަން... ދޫކޮށްލާ" އަނާލް ރޮމުން އާދޭސްކުރަމުން ދިޔައީ ހެދޭނެ އިތުރުގޮތެއް ނެތީތީއެވެ. ވަށައިގެން އޭރުވެސް އަނާލް ދިޔައީ އެތަނަށް ބަލަމުންނެވެ. އެތަނަކީ ރާނާ ނިންމާފައިވާ ތަނެއްކަން ފަނޑު އަލިކަމުގެ ތެރެއިން ވެސް އެނގޭވަރެވެ. ޖަހާލާ ވިދުވަރާއެކު އަނާލްއަށް އެ ތަން އަދި މާ ސާފުކޮށް ފެނެއެވެ. ތަންތަނުގައި ސިމެންތި ގޯނިތަކާ ދެން މުޅިންވެސް ހުރީ މަސައްކަތަށް ބޭނުންވާ ސާމާނުތަކެވެ.

އޭނާގެ ލޮލުގައި ކަނެއްގައި އިސްޖެހިފައި އިން ޒުވާނަކަ އަޅައިގަތެވެ. އެހެންނަމަވެސް އޭރު އެންމެން އަނާލް ވަށައިލައިގެން ތިބެ އަނިޔާ ކުރަމުން ދިޔައީތީ އެ ވަގުތު ރީތިކޮށް އެ ޒުވާނާ ފެންނަ ގޮތެއް އަނާލް އަކަށް ނުވިއެވެ.

"ހޮޔޮނުވާނެ އަހަރެން ސަލާމަތް ކުރޭ" ސަލާމަތަށް އެދި އާދޭސްކުރަމުން ރޮމުން ދިޔަނަމަވެސް އެއަޑު ވާރޭގެ އަޑާ އެކުވެގެން ހިނދިގެން ދަނީއެވެ. ކުރިމަތީގައި އިންސާނުންގެ ސިފައިގައި ތިބި ޝައިތާނުންގެ ހަރު ހިލަހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. ކުރެވެން މިއުޅެނީ ކިހާ ބޮޑު ފާފައެއްކަމެއް އެކަކަށް ވެސް ރާކާ ނުލާފަދައެވެ. އެއަށް ވުރެ ބޮޑަށް އެމީހުން ތިބީ ދުނިޔެވީ އެދުންތައް ހާސިލް ކުރުމަށް ހިތްޖެހި އަތުކުރި އޮޅާލާފައެވެ. އެއްވެސް ބިރުވެރިކަމެއް ނެތެވެ. ކޮންފަދަ ރަހުމް ކުޑަ ބައެއްހެއްޔެވެ؟

އަނާލްއާ ދިމާލަށް އެކަކު ގުދުވެފައި އެ ތުންފަތުގައި އަތް ޖައްސާލިއެވެ. އަދި ދެވަނަ ފަހަރަށް އޭނާގެ ކޯތާފަތަށް ހޫނު ގަދަ ހަމަލާއެއް އަމާޒު ކޮށްލިއެވެ. ވީ ތަދާއެކު އަނާލްއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ ދަތް އެޅި ޒުވާނާ އައިސް އަނާލްގެ އަތުގެ ކުޑަހުޅަށް ބޫޓުން އެރީ ބަދަލެއްގެ ގޮތުންނޭ ބުނަމުންނެވެ. އޭރު އޭނާ ދަތްއެޅި އަތުގައި ވަނީ ފޮތިގަނޑެއް އައްސާލާފައެވެ.

"އަހަރެން ދޫކޮށްލާ ތިހެން ނަހަދާ... އައްދިޔޯތް" އަނާލްގެ އަތަށް ތަދުވަމުން ދިޔުމާއެކު އޭނާއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. އެ އަޑުގައި ވަނީ ވޭނެއެވެ. ރިހުމާއި ބިރުވެރިކަމާއި ސިހުމެވެ. ގްރޫޕްގެ ފަހަރަކު މީހަކު އޭނާއާ ދިމާލަށް ގުދުވާން ފެށިއެވެ. މީހާގެ ހިތް ހުއްޓުނު ފަދައެވެ. އެންމެން އޭނާގެ މޫނާ ދިމާލަށް ގުދުވެގެން ހެމުން ދިޔައިރު އޭނާއަށް އެ ހުނުމުގެ އަޑު އިވުނީ ބިރުވެރި ހޮނު ގުގުރިއެއްގެ ސިފައިގައެވެ. މިހާގެ މުޅި ހަށިގަނޑަށް ތުރު ތުރު އެޅުމެއް ވެރިވިއެވެ.

"ހަޅެއްލަވާ ބާރަށް ހަޅޭއްލަވާ. އެއްވެސް މީހަކަށް އަޑެއް ނީވޭނެ. މިރޭ މިއޮތީ އަހަރެމެންގެ ރަސްކަން" ހުނުމުގެ ތެރެއިން ބުނެލި އަޑު އަނާލްއަށް އިވުނެވެ.

އެ ތޫފާނީ ރޭ އަނާލްގެ ވޭނީ ރުއިމާ ހަޅޭކަށް އެއްވެސް ސަމާލްކަމެއް ނުދީ އެ ރަހުމް ކުޑަ އިންސާނުންތައް ހިންގަމުން އެ ދަނީ ކޮންފަދަ ރަހުމް ކުޑަ އަމަލެއް ހެއްޔެވެ؟ ނިކަމެތި އަންހެން ކުއްޖަކަށް ދެމުން އެ ދަނީ ކޮންފަދަ ވޭން ހުރި އަނިޔާއެއްހެއްޔެވެ؟ ރުއިން ނޫން އެއްވެސް ކަމެއް އަނާލް އަކަށް ނުކުރެވުނެވެ.

"އޭތް... އޭނައަށް މީގެން އެތިކޮޅެއް ދޭންވީނު... ހޭ ނެތިދާނެ އިރުކޮޅަކުން" އެކަކު ބުނި އަޑު އަނާލްއަށް އިވުނެވެ. އޭނާގެ އަނގަޔަށް ގަދަކަމުން ކުޑިތަކެއް ގޮތަށް ހުރި އެއްޗެއް އަޅަން އެމީހުން މަސައްކަތް ކުރިއެވެ. ދެ ތުންފަތް ޖައްސާ ބާރުކޮށްލުމާއެކު އަނާލް ދެފަރާތަށް ބޯ ހޫރަން މަސައްކަތް ކުރިއެވެ. އޭނާ ގަދަހަދަން ފެށުމުން އެތަނުން އެކަކު އަނާލްގެ ބޮލުގައި ހިފެއްޓުމާއެކު އަނެކަކު އައިސް އަނާލްގެ އަނގަޔަށް އެ އަޅާލިއެވެ. އޭގައި ލީ ހިތި ރަހައިން އަނާލްއަށް އަނގަ ހަދާލެވުނެވެ. ހަމައެކާއެކު އޭނާގެ ބަނޑަށް އަރައިގެން ދިޔައީ އެތަނުން އެކެއްގެ ބޫޓުގެ ހަމަލާއެކެވެ.

"އާހް" އަނާލްއަށް ބުނެވުނެވެ.

"ކުޑަ އިރުކޮޅެއް ވާނީ، ވަރަށް ސްޓްރޯންގް ވާނެ" އެކަކުގެ އަޑު އަނާލްއަށް އިވިލިއެވެ. އިރުކޮޅެއްނުވެ ތަންތަން ފުސްވަމުން ދިޔައެވެ. އެ މަންޒަރުގެ ތެރޭން އޭނާއަށް ރިންގް ވަމުން ދިޔަ ފޯނަށް ބަލާލެވުނެވެ. މީހަކު އެ ފޯނަށް ފައިން އަރާ ޗިސްކޮށްލިތަން ވެސް ފެނުނެވެ. އެ ހާލުގައި އޭނާ އޮއްވާ އެމީހުން ދުރުގައި އިން ޒުވާނާ އާއި ވާހަކަ ދައްކަމުން ދިޔަކަން އަނާލްއަށް އެނގުނެވެ.

"ކަލޭ ހަނދާން ކުރައްޗޭ، މިފަދަ ފުރުސަތެއް ދެން ނުލިބޭނެ އިނގޭ" އެތަނުން އެކަކު ބުނެލި އަޑު އިވުނު އިރު އޭނާގެ ލޯ މައްޗަށް ވަނީ އާދަޔާ ހިލާފަށް ފުސްވެފައެވެ. ކަނުގައި ބިތް ޖެހިފައި އިން ޒުވާނާ ތެދުވެގެން އޭނާއާއި ދިމާލަށް މިސްރާބުޖަހަނިކޮށް ފެނުނެވެ. އެމީހަކުވެސް އައިސް ދެން ތިބި މީހުންނާ ބައިވެރިވެއްޖެއެވެ.

"އަހަރެން ގައިގަ އަތް ނުލާ އައްދިޔޯތް... ތިހެން ނަހަދާ... ނަހަދާ..." ދެލޯ މެރޭ ނުމެރޭ ހާލު އޮވެ އަނާލްއަށް ބުނެވުނީ އަނގައިގައި ވަރުނެތް ފަދަ ގޮތަކަށެވެ.

މާގިނަ އިރުތަކެއް ނުވެ އަނާލްގެ މޫނުމައްޗަށް އެކީ އަނދިރިވެ މީހާގެ ހޭވެރިކަން ހުސްވިއެވެ.

*****

ބާރަށް ހަޅޭއްލަވައިގަތް އަނާލް އެނދުން ތެދުވަން މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ ހަށިގަނޑަށް އާދަޔާ ހިލާފް ބާރެއް އިޙްސާސް ވަމުން ދިޔައެވެ. މުޅި ހަށިގަނޑުގައިވެސް ވޭން އަޅަން ފަށައިފިއެވެ. މީހާއަށް ނޭވޭ ނުލެވި ނޭވާ ކޮޅަށް ހިނގައްޖެއެވެ. މާޒީގެ ހަނދާންތަކުން އޭނާގެ ހަށިގަނޑުގައި ބުނެދޭން ނޭނގޭފަދަ ބިރުވެރި އަސަރުތަކެއް އުފައްދައިފިއެވެ. އަދިވެސް އެ މީހުންގެ ސޫރަ އޭނާއަށް ސިފަވަމުން ދިޔައީ އެއީ އިއްޔެވީ ކަމެއް ފަދައަކުންނެވެ. ކިތަންމެ ވަރަކަށް ހަނދާން ނައްތާލަން އުޅުނަސް އެކަން ކާމިޔާބެއް ނުވިއެވެ.

*****

އިޒިއަންއަށް ހާސްކަން ވެރިވުމާއެކު އަނާލްއަށް ގުޅަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ގުޅޭ ގޮތެއް ނުވިއެވެ. އާއްމުކޮށް އަނާލް އަކީ ފޯން ދުވަހަކުވެސް ނުނަގާ ހުންނަ ކުއްޖެއް ނޫނެވެ. އޭނާ އަނބުރާ ގެއާ ދިމާލަށް ދުއްވާލީ އޮލީވިއާ އަދި އެމިލީވެސް ފޯން ނުނެގުމުންނެވެ. އަނބުރާލި މަގަކުން އޭނާއަށް ޓްރެފިކްގައި ޖެހެން މަޖުބޫރުވީ އެކްސިޑެންޓެއް ހިނގައިގެން އުޅޭތީއެވެ. ދެވޭނެ އެއްވެސް ގޮތެއްނުވިއެވެ. ހިތް އަވަސް ވަމުން ދިޔުމާއެކު ހަދާނެ ގޮތް ހުސްވެ އެންމެ ފަހުން ގަޑިއަށް ބަލަން އިނދެފައި އޭނާ ކާރު އޮތްތާ ބާއްވާފައި ނުކުމެ ދުއްވައިގަތެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި ދުވަމުން ދިޔައިރު އޭނާގެ އަނގައިން އަނާލް އޭ ކިޔެމުން ދިޔައެވެ.

އިޒިއަންއަށް ގެއާ ހިސާބަށް ދެވުނުއިރު ހައިރާންކަމެއް ލިބުނީ އެތަނުގައި ވެސް ކަރަންޓް ނެތުމުންނެވެ. ދެން ލިބުނު ސިހުމުގައި އޭނާ ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. ގޭތެރެއަށް ވަތްއިރު އެއްވެސް އަލިކަމެއް ނުވާ ގޭތެރޭގައި ވެސްވަނީ މަރުފަދަ ހިމޭންކަމެކެވެ. އިޒިއަން ފޯންގެ ލައިޓް ޖައްސާލިއެވެ. އަވަސް ކުރަން ހަދައިގެން ފެންތަކާ އެކުސިޑިން އަރަނިކޮށް ކައްސާލައިގެން ނުވެއްޓުނީވެސް ކިރިއާއެވެ. އިޒިއަން ބާރަކަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފުރަތަމަވެސް އަލި ކޮށްލެވުނީ އެނދާ ދިމާލަށެވެ.

ދުވެފައި ގޮސް އަނާލްގެ އަތުގައި ހިފާ އިޒިއަން އަނާލްއަށް ގޮވާލިއެވެ.

"އަހަރެން ގައިގަ އަތް ނުލާ އައްދިޔޯތް... ތިހެން ނަހަދާ... ނަހަދާ..." އަނާލްއަށް މަޑުމަޑުން ކިޔެމުން ދިޔައެވެ. އަނާލްގެ އެ ޖުމްލަ އެރޭވެސް އިޒިއަންއަށް އަޑުއިވުނެވެ. ހަމަ އެ އަސަރެވެ. އެ ވޭނެވެ. ކަރުނަ ފޮހެމުން އަމިއްލަ ނަފްސުހަމައަކަށް އަޅުވަމުން އިޒިއަން އަނާލްގެ މޫނުގައި ހިފައްޓާލިއެވެ. އޭނާ އަނާލް އެނދުގައި ރީތިކޮށް ބާއްވާލިއެވެ. އޭރުވެސް މުޅިތަނަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. ކުއްލިއަކަށް އަނާލްއަށް އާދަޔާ ހިލާފް ބަދަލެއް އައިކަން އިޒިއަން ދެނެގަތެވެ. އަތް ފައި ބާރަކަށް ތެޅެން ފެށުމާއެކު އޭނާގެ ލޮލުގައި އަނާލްގެ އަނގައިން ނުކުންނަމުންދިޔަ ފޮނު ފާޑުއެއްޗެއް ވެސް އަޅައިގަތެވެ.

ވަގުތު ނެތްކަން ޔަޤީން ވުމާއެކު އޭނާއަށް އަނާލް އަތް ދަނޑި މައްޗަށް އުފުއްލާލެވުނެވެ. އޭރު އެދެ ލޮލުން ވެސް ކަރުނަ އަންނަމުން ދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރަމުންދިޔަ އިޒިއަންގެ ހިތުގައި ވޭން އަޅަމުން ދިޔައީ އަނާލްއަށް އެ ހާލު ޖެހުނީ އޭނާގެ ސަބަބުންކަމަށް ވުމުންނެވެ. އޭނާ އަވަސް އަވަހަށް އަނާލް ގޮވައިގެން ކޮޓަރީގެ ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ. ޑްރައިވަރަށް ގޮވާ ނެރުމަށްފަހު ކާރަށް އަރާ އެންގީ ވީހާވެސް އަވަހަކަށް ދި ގްރޭންޑް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަކަށް ދާށެވެ. އަނާލް ގޮވައިގެން ފަހަތު ސީޓުގައި އިން އިޒިއަންގެ ހިތްވެސް ވަނީ އަވަސް ވެފައެވެ. ބޯކޮށް ވެހެމުންދިޔަ ވާރެއާއި އަންނަމުން އެދާ ތޫފާންނަށް ވުރެ ބޮޑު ތޫފާނެއް އޭނާގެ ހަޔާތަށް އަންނަނީ ހެއްޔެވެ؟. އެކަމުގެ ކޮޅު މަތި ފެންނަން ފެށިފަދަ އިޙްސާސްއެއް އިޒިއަންއަށް ކުރެވެމުން ދިޔައެވެ. ކަރުނަ ފޮހެލީ ހިތްވަރުކުރުމަށެވެ.

އަނާލްއަށް ކަމެއް ވެދޭނެތީ އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާއްޏެއް ދަތުރު ކޮށްލިއެވެ. އަނާލްއަށް ކަމެއް ވެއްޖެނަމަ އޭނާ ދުވަހަކު އަމިއްލަ ނަފްސަށް މާފެއްނުކުރާނެއެވެ. މީގެ އަހަރުތަކެއް ކުރިން އަނާލްއަށް އޭނާގެ ފަރާތުން ލިބުނު އަނިޔާ ހަނދާން ވުމާއެކު އަނެއްކާވެސް އެއްވެސް ހިފެއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އަނާލްގެ ކިބައިން އެތަކެއް ފަހަރު މާފަށް އެދެވުނެވެ. އަނެއްކާވެސް އެ ދުވަހުގެ ހަނދާންތައް އައިސް އޭނާ ވަށައިލިއެވެ.

އެރޭ އޭނާއަށް އަނާލްގެ ސޫރަ ރީތިކޮށް ފެނުނެވެ. އެ އަންހެން ކުއްޖާއަށް އެފަދަ އަނިޔާއެއް ދެވުނުއިރު ފަހުން އެއީ އޭނާގެ ހަޔާތުގައި ކިހާމުހިންމު ވާނޭ ކުއްޖެއްކަން ވިސްނިފައި ނެތީއެވެ. އެ ހަޔާތަށް އެ އަންހެން ކުއްޖާ އަންނާނީ ކޮންގޮތަކަށް ކަން ވިސްނިފައިނެތީއެވެ. އަދި އެ އަންހެން ކުއްޖާ އޭނާއަށް މިވަރަށް ޚާއްސަ ވާނެކަށް ވެސް އެނގިފައި ނެތީއެވެ. އެރޭ އޭނާއަށް އަނާލްގެ ލޮލުންފެނުނު ވޭނާ ހިތްދަތިކަން ސިފަވާ ކޮންމެ ފަހަރަކު އެހިތަށް ހާދަ ތަދުވެއެވެ. ތޫނު ހަންޖަރަކުން މޭ ޒަހަމް ކޮށްލިޔަސް އެ ވަރަށް ތަދުވާނޭ ކަމެއް ނޭނގެއެވެ.

އެ ހިނގި ކަމެއް ހިނގީ އޭނާ ބޭނުން ކޮށްގެން ހުރި އެއްޗެއްގެ ސަބަބުންނެވެ. އަދި އޭނާގެ ނުބައި އެކުވެރިން އެއްވެގެން އޭނާއަށް ދިން ނުބައި ނަސޭހަތް ތަކުގެ ސަބަބުންނެވެ. ކޮންމެއަކަސް މިހާރަކު އެވަގުތެއް އަނބުރާ ނުލިބޭނެއެވެ. ކުރެވުނު ކުށް އަނބުރާ ނުގެނެވޭނެއެވެ. ކުރެވެން އޮތް ހަމައެކަނި ކަމަކީ އަނާލްގެ ކިބައިން މާފަށް އެދުމެވެ. އެހެންނަމަވެސް އެ ހަޤީގަތް އަނާލްއަށް އެނގޭ ދުވަހު އަނާލް އޭނާ ދޫކޮށްލާކަށް ވެސް ފަހަކަށް ނުޖެހޭނެއެވެ.

އަނާލްއަށް ހިމާޔަތް ދެމުން އެ ގެންދާ މީހަކީ އަނާލްއަށް ކިހާ ވޭނަކާ ހިތްދަތިކަމެއް ދީފައިވާ ފަރާތެއްކަން އެނގޭ ދުވަހު އަނާލްއަށް ލިބޭނީ ކޮންފަދަ ވޭނަކާ ތަދެއްހެއްޔެވެ؟ ހަމައެކަނި އެ ހިޔާލުންވެސް އިޒިއަންއަށް ނޭވާ ލާން ދަތިވިއެވެ. އަނާލް އަކީ އޭނާގެ ހިތުގެ އެއްބައެވެ. އޭނާ އަކީ އުއްބައްތިއެއް ކަމުގައި ވަންޏާ އަނާލް ވާނީ އޭގެ ހުޅުކޮޅަށެވެ. އެކައްޗާ ނުލާ އަނެކަތި ފުރިހަމަ އެއްނުވާނެއެވެ.

އަބަދަކު ހަގީގަތް ސިއްރުކޮށްފައެއްވެސް ނުބޭއްވޭނެއެވެ. އަނާލްއަށް ހަގީގަތް އެނގެން ދެން މާގިނަ ދުވަހެއް ނެތޭ ހިތަށް އެރުމާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ.

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ހޮސްޕިޓަލްގެ ކުރިމައްޗަށް ހުއްޓާލުމާއެކު އިޒިއަން އަނާލް ގޮވައިގެން ފޭބިއެވެ. އޭރުވެސް އަނާލް އޮތީ އޭނާގެ އަތްދަނޑި މަތީގައެވެ. އެމަރޖެންސީގައި ހަރަކާތް ތެރިވާ އޮފިޝަލުން އައުމާއެކު އެނދަކަށް އަނާލް ލެވުނެވެ. ގެންދެވުނީ އެމަރޖެންސީއަށެވެ. އިޒިއަން އަވަސް އަވަހަށް ދެފަރާތުގެ އާއިލާގައި ވެސް އަންގަންޖެހޭ އެންމެނަށް އެންގިއެވެ. އަދި ހަމަޖެހެން މަސައްކަތް ކުރިއެވެ. ކަރުނަ ފޮހުނެވެ. ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނެ އަމިއްލަ ހިތާ ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް ހިތްވަރުއެލި ދެ ކޯތާފަތުން ތިރިއަށް ކަރުނަތައް ދެމިގަންނަނީ އޭނާގެ އެއްވެސް އިޒުނައެއް ހޯދުމަކާ ނުލައެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެވުނީ އޭނާއަށް އެމަރޖެންސީތެރެއަށް ވަނުން މަނާ ކުރީތީއެވެ. އެމަރެޖެންސީވެސް ޑިޒެއިން ކުރެވިފައިވަނީ ތަފާތު ވައްތަރުގެ ބަލި މީހުންނަށް އެކި ބައިބައި ހުންނަ ފަދަ ގޮތަކަށެވެ. އަނާލް ވެއްދުނީ އެންމެ ސީރިއަސްކޮށް ފަރުވާދޭ ބަޔަށް ކަމަށް ވުމާއެކު އޭނާއަށް ބޮލުގައި އަތްހިންގާލެވުނެވެ.

އެމަރޖެންސީގައި ފަނަރަ މިނެޓް ފަރުވާދިންފަހުން ހަލުވި ކަމާއެކު ރަމްޔާ އަންނަތަން އިޒިއަންއަށް ފެނުނެވެ. އިޒިއަން ފެނުމާއެކު ބޯ ޖަހާލުމަށްފަހު ހިތްވަރު ކުރަން ބުނެފައި ރަމްޔާ އަނާލް އޮތް ބަޔަށް ވަނެވެ.

އިސާހިތަކު އިޒިއަންގެ މައިންބަފައިންގެ އިތުރުން އަނާލްގެ މަންމައާއި ބައްޕަވެސް އަތުވެއްޖެއެވެ. އެންމެން ދެކޮޅަށް ހިނގާލަ ހިނގާލާ ތިބި އިރު ކޮންމެ މީހަކުވެސް ވަނީ ހާސްކަމުގެ ވާތަކަކުން ބަދެވި ހައްޔަރުވެފައެވެ. އިރުކޮޅަކުން ދުވަމުން އެ ދިމާލަށް އައި ޝާހީންވެސް އެންމެންގެ ލޮލުގައި އަޅައިގަތެވެ. އޭނާ ހުރީ ހޮސްޕިޓަލްގެ ރަސްމީ ކޯޓް ގައެވެ.

"ދެންމެ ހަމަ ސާރޖަރީ ނިމުނީ... ކޮބާތަ ނާލް؟" ޝާހީން އަހާލިއެވެ. ޝާހީންއަށް ޖަވާބު ދިނީ އިޒިއަން އެވެ.

އާއިލާގެ އެންމެންގެ ހިތުގައިވެސް ވަނީ ބިރުވެރިކަމެވެ. އަނާލްއަށް ވީ ގޮތެއް ނޭނގި އެންމެން ވެސް ތިބީ ހާސްވެފައެވެ. ޝާހީން އައިތާ މާ ގިނައިރުތަކެއްނުވެ ޑޮކްޓަރު ނުކުމެ ދިން ހަބަރަކުން އިޒިއަންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދަ އިޙްސާސް އެއްކުރެވިގެން ދިޔައެވެ.

(ނުނިމޭ...)

http://sun.mv/115345

comment ކޮމެންޓް