ޕީޕީއެމުން މަތިވެރި ދާއިރާއަށް ވާދަކުރަން ލަޔާލްއަށް ދިން ޓިކެޓް އަތުލައިފި

ނޫސްވެރިޔާ ލަޔާލް މަނިކު ---

ޕީއެންސީ އަދި ޕީޕީއެމުން ހަދާފައިވާ ކޯލިޝަނުން މަތިވެރި ދާއިރާއަށް ވާދަކުރުމަށް ނޫސްވެރިޔާ ލަޔާލް މަނިކަށް ދިން ޕީޕީއެމްގެ ޓިކެޓް އަތުލައިފި އެވެ.

ޕީޕީއެމުން ލަޔާލްއަށް ޓިކެޓް ދީފައިވަނީ އެޕާޓީން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ލަޔާލް ވަނީ މަތިވެރި ދާއިރާއަށް ގޮސް ކެމްޕެއިންވެސް ކޮށްފަ އެވެ.

ލަޔާލް 'ސަން' އަށް ވިދާޅުވީ އޭނާއަށް ޕީޕީއެމުން ދިން ޓިކެޓް އަތުލަން އެޕާޓީން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެޕާޓީގެ ސެކެޓްރީ ޖެނެރަލް ގުޅުއްވާފައި އެންގެވި ކަމަށެވެ.

"ސެކެޓްރީ ޖެނެރަލް ވިދާޅުވީ މަތިވެރި ދާއިރާއަށް މިހާރު ޕީޕީއެމުން ވާދަ ނުކުރާގޮތަށް ނިންމާފައިވާ ކަމަށް." ލަޔާލް ވިދާޅުވި އެވެ.

އޭގެ އިތުރުން ޕީޕީއެމުން އެހެން ބައެއް ދާއިރާތަކަށް ވާދަ ކުރުމަށް ދިން ޓިކެޓް ވެސް އަތުލަން ނިންމާފައިވާކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އެގޮތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާނަށް ދިން ޓިކެޓާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުއަށް ދިން ޓިކެޓް އަދި ހަނިމާދޫ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓަށް ދިން ޓިކެޓް އަތުލަން ނިންމާފައިވާކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން ޕީޕީއެމުން ވާދަކުރަން މިހާތަނަށް ޓިކެޓް ދީފައިވާ ކެންޑިޑޭޓުންގެ ތެރެއިން 25 ދާއިރާއެއް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ޕީޕީއެމުން ވަނީ ނިންމައިފަ އެވެ.

މަޖިލީހަށް ވާދަކުރަން ޕީޕީއެމުންއިން މިހާރު ދީފައިވާ ޓިކެޓްތަކަށް ބަދަލެއް އައިސްދާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވި އެވެ. ވާދަކުރާ ދާއިރާތައް މަދުވެދާނެތޯ ސުވާލު ކުރުމުން ޚަލީލް ވިދާޅުވީ އެހެން ވެސް ވެދާނެ ކަމަށެވެ.

އަދި ރައީސް ޔާމީން، ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއް ހެދި ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ސުވާލު ކުރުމުން ޚަލީލް ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅިގެން ޕީޕީއެމުން ވަރަށް އަވަހަށް މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ. އޭރުން ހުރިހާ ތަފްސީލެއް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ.

comment ކޮމެންޓް